10 އަހަރަށް ފަހު ސޮން ފެންކަޅިވެފައި ހުރެ ސްޕާސްއާ ދުރަށް

އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓްނަމް ހޮޓްސްޕާގެ ކެޕްޓަން، ދެކުނު ކޮރެއާގެ ސޮން ހެއުން މިން އެ ޓީމާ އަލްވަދާއު ކިޔައިފިއެވެ.

ސޮން ސްޕާސްއަށް ކުޅުނު އެންމެ ފަހު މެޗަކަށްވީ އޭނާގެ އުފަން ޤައުމު ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ޕްރިމިއާ ލީގުގެ ވާދަވެރި ނިއުކާސްލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗެވެ. މެޗުގައި ސްޕާސްގެ ކެޕްޓަންގެ ހައިސިއްޔަތުން މެޗު ފެށި ސޮން، 65 ވަނަ މިނެޓުގައި ބަދަލުކުރުމާ އެކު ސްޕާސްގެ އިތުރުން ނިއުކާސްލްގެ ކުޅުންތެރިން އެކުގައިވަނީ ގާޑް އޮފް އޮނާއެއް އޭނާއަށް ދީފައެވެ. އަދި، މެޗު ބަލަން ވަދެ ތިބި 60،000 އަށް ވުރެ ގިނަ ދެކުނު ކޮރެއާގެ ބެލުންތެރިންވަނީ އޭނާއަށް ހޫނު އަލްވަދާއުއެއް ކިޔާފައެވެ.

އުމުރުން 33 އަހަރުގެ ސޮން ދަނޑުން ފޭބުމަށް ފަހު ބެންޗުގައި އިންއިރު އޭނާ ފެންކަޅިވެފައިއިން ތަން ފެނުނެވެ. ނިއުކާސްލްގެ ކޯޗު އެޑީ ހޯވް ބުނީ، އޭނާގެ ކުޅުންތެރިންގެ ފަރާތުން ސޮންއަށް ދިން ގާޑް އޮފް އޮނާގައި ބައިވެރިވުމުން ދައްކުވާދެނީ ސޮން އޭނާގެ ކެރިއަރުގައި ދަނޑު މައްޗާއި ދަނޑުން ބޭރުގައި އޭނާ އެހެން ކުޅުންތެރިންނާ ގުޅުން ބަހައްޓާފައިވާ ގޮތް ކަމަށެވެ. އަދި، ސޮންއަކީ ޕްރިމިއާ ލީގު ދުށް އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާ ކަމަށެވެ.

ސޮން ވަނީ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ކުރިއަށް ސީޒަންގައި ސްޕާސްއިން ނުފެންނާނެ ކަމަށް ބުނެފައެވެ. ޖުމުލަ 10 އަހަރު ސްޕާސްގައި ހޭދަކުރުމަށް ފަހު އެ ޓީމަށް އަލްވަދާއުކީ މެޗަށް ފަހު ވާހަކަދައްކަމުން ސޮން ބުނީ، އޭނާއަށް ރޮވޭނެކަމަށް ކުރިން ހީނުކުރާކަމަށެވެ. ނަމަވެސް، އޭނާ އެހާ ގިނަ އަހަރު އެކުގައި ހޭދަކުރި ކުޅުންތެރިން ބައެއް ބަސްތައް ބުނަން ފެށުމުން ހިފެހެއްޓޭގޮތް ނުވީ ކަމަށެވެ.

މެޗުގައި އަމިއްލަ ޤައުމުގައި އޭނާގެ ސަޕޯޓަރުން ކުރިމަތީ ކުޅުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވި ކަމަށް ވެސް ސޮން ބުންޏެވެ. ޕްރިމިއާ ލީގަށް ސޮއިކުރި އެންމެ އަގު ބޮޑު އޭޝިއާގެ ކުޅުންތެރިޔާގެ ހައިސިއްޔަތުން ސޮން ސްޕާސްއާ ގުޅިފައިވަނީ 2015 ވަނަ އަހަރު 22 މިލިއަން ޕައުންޑްގެ އަގަކަށް ޖަރުމަނު ބުންޑެސްލީގާގެ ބަޔާ ލެވަކޫސެންއިންނެވެ.

ސޮން ވެފައިވަނީ ސްޕާސް ދުށް އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާގެ ގޮތުގައެވެ. އަދި، މިދިޔަ ސީޒަންގައި އޭނާގެ ކެޕްޓަންކަމުގެ ދަށުން ސްޕާސްއިން ޔޫރޮޕާ ލީގު ކާމިޔާބުކޮށްވަނީ 17 އަހަރަށް ފަހު، އެ ކްލަބަށް ފުރަތަމަ ފަހަރަށް ތައްޓެއް ކާމިޔާބުކޮށްދީފައެވެ. ސޮން މިހާރު އަންނަނީ އެމެރިކާގެ މޭޖާ ލީގު ސޮކާގެ ލޮސް އެންޖަލިސް އެފްސީއަށް ބަދަލުވުމާ ގުޅޭގޮތުން އެ ކްލަބާ އެކު މަޝްވަރާކުރަމުންނެވެ.

ސްޕާސްގެ ކޯޗުކަމާ އަލަށް ހަވާލުވި ތޯމަސް ފްރޭންކް ބުނީ، އެލްއޭއެފްސީއާ އެކު ދެކެވެމުން އަންނަ ވާހަކަތައް މިހާރު ވަރަށް ބޮޑަށް ކުރިއަށް ގޮސްފައިވުމުން މިއީ ސޮން އެ ޓީމަށް ކުޅުނު އެންމެ ފަހު މެޗަށްވުން ވަރަށް ގާތް ކަމަށެވެ.

ސޯލްގައި ކުޅުނު މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗު ބޮޑަށް ސޮންގެ އަލްވަދާއަށް ބިނާވެފައިވީ ނަމަވެސް ސްޕާސްގެ މެދުތެރެއަށް ކުޅޭ ޖޭމްސް މެޑިސަންއަށް ދެވަނަ ހާފުގައި ލިބުނު އަނިޔާއާ އެކު އޭނާ ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށްދާން ޖެހިދާނެ ކަމަށް ވަނީ ބެލެވިފައެވެ. އެހެންވެ، ސޮން ޓީމާ ވަކިވާކަން ޔަގީންވެފައިވަނިކޮށް ޖޭމްސްއަށް އަނިޔާވުމަކީ ސްޕާސްއަށް ލިބުނު އިތުރު ހީނަރުކަމެކެވެ.

ސްޕާސްއިން އަންނަ ބުރާސްފަތި ދުވަހު ބަޔާން މިޔުނިކާ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ހަފުތާއެއް ފަހުން ޔުއޭފާ ސުޕަ ކަޕްގައި ޔުއޭފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ޕެރިސް ސެއިންޓް ޖާމެއިންއާ ދެކޮޅަށް ނުކުންނާނެއެވެ.

comment ކޮމެންޓް