ރައީސް މުއިއްޒު ހެއްދެވި ގޯސްތައް ޝުޖާއަށް އެނގޭ، އެ ވާހަކަ ދައްކާނެތީ އޭނާގެ މައްސަލައެއް ނުބެލޭނެ: ޔާމީން

ޔާމީނާއި ރައީސް މުއިއްޒު: ރައީސް މުއިއްޒު ހެއްދެވި ގޯސްތައް ޝުޖާއަށް އެނގޭ ކަމަށާއި އެ ވާހަކަ ދައްކާނެތީ އޭނާގެ މައްސަލައެއް ނުބެލޭނެ ކަމަށް ޔާމީން ވިދާޅުވި -- ސަން ފޮޓޯ/ މާހިލް އާތިފް

ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއުއާ (ޝުޖާ)އާ ގުޅުން އޮންނަ ކުންފުނިތަކަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވިގޮތުގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒާ ގުޅުންހުރި ކަމަށް ބެލެވޭ މައްސަލަތަކެއް ޝުޖާއަށް އެނގޭތީ އެ މައްސަލަ ނުބަލާނެ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

ސިފައިންގެ ވެލްފެއާ ކޯޕަރޭޓިވް (ސިވެކް) މެދުވެރިކޮށް ޝުޖާއަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި ގޮތުގެ ތަފުސީލުތައް ހިމެނޭ ގޮތަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އިން ތައްޔާރުކުރި ރިޕޯޓެއް މި ފަހުން ވަނީ މީސްމީޑިއާގައި ލީކުކޮށްލައިފައެވެ. އެ ރިޕޯޓު ލީކުކޮށްލީ ކާކުކަން ނޭނގޭ ގޮތަށް ހިންގާ އެކްސް އެކައުންޓް 'ހަސަން ކުރުސީ'އެވެ.

އެ ރިޕޯޓާ ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން މީޑިއާ އޮފިޝަލް 'ސަން'އަށް ބުނީ، އެ މައްސަލަ އޭޕްރީލް މަހުން ފެށިގެން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އެކަމަކު، އެ ކަމާ ގުޅޭ އިތުރު ތަފުސީލެއް ނުދެއެވެ. ނަމަވެސް، އެ މައްސަލަ ފެންމަތިވި ފަހުން އެމްއެމްއޭގެ އެފްއައިޔޫގެ އިސްވެރިޔަކަށް ހުންނެވި އަބްދުﷲ އަޝްރަފް މިއަދު ވަނީ އެ މަގާމުން ދުރުކޮށްފައެވެ.

ޔާމީންގެ ޕީއެންއެފްއިން މިރޭ ބޭއްވި ޖަލްސާގައި އެ މައްސަލައާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އެ މަނިކުފާނު ވަނީ، އެމްއެމްއޭގެ ރިޕޯޓުގައި، ޝުޖާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ރައީސް މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ މަސައްކަތްތަކެއް ހަވާލުކުރިކަން ފާހަގަކުރައްވައިފައެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއާއި ރައީސް މުއިއްޒު: ޝުޖާގެ ކުންފުނިތަކަކަށް ފައިސާ ޖަމާވި މައްސަލަ ތަހުގީގުކުރާ ކަމަށް ފުލުހުން ވަނީ ބުނެފައި -- ފޮޓޯ/ ރައީސް އޮފީސް

އެ ރިޕޯޓުގައިވާ ގޮތުން ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ކަންކަމާ ސިވެކްއިން 23 މިލިއަން ރުފިޔާއަށް ހަވާލުވި ނަމަވެސް، އެ ކުންފުނިން އޭގެ ތެރެއިން 19 މިލިއަން ރުފިޔާ ތިން ކުންފުންޏަކަށް ފޮނުވާފައެވެ. އޭގެ ތެރޭގައި ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސްއަށް 13 މިލިއަން ރުފިޔާ އާއި ޝުޖާއުގެ ދެބެއިންގެ ދެދަރި ކޮއްކޮ މުހައްމަދު ނާފިޒްގެ ކުއިކް ޝުއާއަށް ފޮނުވި 2.3 މިލިއަން ރުފިޔާ ހިމެނެއެވެ.

ޔާމީން ވިދާޅުވީ، ރައީސަކީ ސިފައިންގެ އިސް ވެރިޔާ ކަމަށް ވުމުން، އެފަދަ މުއާމަލާތެއް ހިނގާއިރު އެ މަނިކުފާނު އެކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"ކީއްވެގެންތޯ ސިވެކް ދޭންވީ ޖުމްހޫރީ މައިދާން ތައްޔާރުކުރަން ޕްރައިވެޓް ކުންފުންޏަކަށް، ސިވެކަށް މިވަރު ކަންތައް ނުކުރެވެންޏާ، އަޅުގަނޑު މިއަދު ދުށިން ކޮންމެވެސް މީހެއްގެ ކޮމެންޓަރީއެއް، ޕޮލްކޯއާއި ސިވެކް އުވާލަންވީނުން،" އެ މަނިކުފާނު ވިދާޅުވިއެވެ.

"ސިވެކުން ޖުމްހޫރީ މައިދާން ތައްޔާރުކުރަން ނަގާފައި މި ދޫކޮށްލަނީ ޝުޖާއަށް. ދެން ކީއްކުރާ ސިވެކެއް؟"

ޔާމީން ވިދާޅުވީ މި މައްސަލަ ހިނގައިދިޔަ ގޮތުން، ޝުޖާގެ ބާރު އޮތް މިންވަރާއި އޭގެ ސަބަބުން ފުލުހުންނަށް މައްސަލަ ނުބެލިދާކަން ފާހަގަވާ ކަމަށެވެ. އެގޮތުން ޝުޖާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެމްއެމްއޭއިން އެ އޮތޯރިޓީގެ ޒިންމާ އަދާކޮށް ފުލުހަށް މައްސަލަ ހުށަހެޅިތާ އަހަރެއްހާ ދުވަސްވީއިރު ވެސް، އެ މަސައްކަތުގެ ހަގީގަތް ހޯދުމަށް ފުލުހުން މަސައްކަތް ނުކުރާ ކަމުގެ ކަންބޮޑުވުން އެ މަނިކުފާނު ފާޅުކުރެއްވިއެވެ.

ޔާމީން ވިދާޅުވީ އެމްއެމްއޭގެ އެފްއައިޔޫއިން މި މައްސަލައިގައި ނެރުނު ފަދަ ރިޕޯޓެއް ނެރެން ޖެހެނީ އެކަމުގައި މަނީ ލޯންޑަރިން ޝާމިލުވާތީ ކަމަށާއި އެހެންވެ، އެއީ ފުލުހުން ބަލަން ޖެހޭނެ މައްސަލައެއް ކަމަށެވެ.

"ސިވެކްގެ ތެރެއިން ވެސް މީނާއަށް ފައިސާ ދޮވެދެނީއޭ، ދެން ކޮމްޕްރޮމައިޒް ނުވާނީ ކޮން ތަނެއްތޯ؟ ދެން ޕޮލިސްއަށް ހުށަހެޅީމަ، އެމްއެމްއޭއިން ކުރަން ޖެހޭ މަސައްކަތްކޮށްފި. ދެން މިއީ ތެދެއްކަން ކަށަވަރުވާ ގޮތަކީ، މިއާ ގުޅިގެން އެފްއައިޔޫގެ ހެޑް ވެސް މިއަދު ޑިސްމިސްކޮށްފި،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެހެންނަމަވެސް ފުލުހުން އެ މައްސަލަ ތަހުގީގު ކުރުން ލަސްވާތީ، އެއީ އެ މުއައްސަސާ ކޮރަޕްޓްވެފައި ވުމުންތޯ ނުވަތަ ބާރެއްގެ ދަށުވެފައި ވުމުންތޯ ސުވާލު އުފެދޭ ކަމަށް ޔާމީން ވިދާޅުވިއެވެ. އޭގެ ސަބަބުން ފުލުހުންނަށް އޮތް އިތުބާރު ގެއްލޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ޝުޖާއުއާއި ޔާމީން: ޝުޖާއުއަށް ކުރާ ތުހުމަތުތަކުގެ މައްސަލަ ފުލުހުންނަށް ނުބެލޭނެ ކަމަށް ޔާމީން ވިދާޅުވި --

މިހާރު މި މައްސަލަ އާންމުންގެ ސަމާލުކަމަށް އައުމުން، މައްސަލަ ތަހުގީގު ކުރާ ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ ވެސް ހަގީގަތަކަށް ނުވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

"އެ ތަހުގީގު ނުއެއް ނިމޭނެ، އެ ތަހުގީގު ނުނިމެންޔަކާ މީނައާ ދޭތެރޭ ފިޔަވަޅެއް ނޭޅޭނެއެއްނު، މީގައި މިވެގެން އުޅޭ ގޮތަކީ އަޅުގަނޑުމެން ހަމަ އެންމެންނަށް އެނގޭ މިއީ ސިޓީ ކައުންސިލް ޒަމާނުންނާއި އޭގެ ކުރީއްސުރެއް ފެށިގެން މާލޭ ސިޓީ ކައުންސިލްގައި ހިނގާފައި ހުރި ހުރިހާ ބޮޑެތި ގޯސްތައް ޝުޖާއަށް އެނގޭނެ،" ޔާމީން ވިދާޅުވިއެވެ.

"މޭޔަރަކަށް ހުންނަވައިގެން [ރައީސް] މުއިއްޒު ހިންގަވާފައި ހުރި ޖަރީމާތަކުގެ ވާހަކަތައް އެތަންމިތަނަށް ސާފޭސް ވެގެން އެ ހުރިހާ ކަމެއް އެނގޭނެ. އެހެންވީމަ އުނދަގޫވަނީ އިނގޭތޯ ގަބޫލުކުރަން."

ރައީސް މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި ދައުރުގައި ޝުޖާއު ވަނީ ހުޅުމާލޭ ދާއިރާގެ ކައުންސިލަރުކަން ކުރައްވައިފައެވެ. އެ ކައުންސިލުން މާލޭގެ ބިންތައް ނުއަގުގައި ދޫކުރުން ފަދަ އަމަލުތައް ހިންގާފައިވާ ކަމުގެ ތުހުމަތުތައް މި ފަހުން ވެސް ފެންމަތިވެފައިވާއިރު، އޭރު ކައުންސިލްގައި ތިއްބެވި ބޭފުޅުން ތުހުމަތު ދޮގު ކުރައްވައެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ، ކޮރަޕްޝަނުގެ ދައުވާތަކެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވުމުން، ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުމުން އެ މަނިކުފާނުގެ ތާއިދާއެކުގައެވެ. ނަމަވެސް ވެރިކަން ފެށުނުތާ ހަފުތާއެއް ވެސް ނުވަނީސް ދެ ބޭފުޅުންގެ ގުޅުން ގޯސްވެ، ޔާމީން ވެރިކަން ކުރާ ކޯލިޝަނުން ވަކިވެވަޑައިގެން އަމިއްލަ ޕާޓިއަށް އުފެއްދެވީއެވެ. އޭގެ ފަހުން ޔާމީން ގެންދަވަނީ ރައީސާއި މި ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ.

comment ކޮމެންޓް