އިންޑިއާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު އަދި ކޮރިއަގްރާފަރު ފަރާ ޚާންގެ ކައްކާއެއްގެ ގޮތުގައި މަސައްކަތްކޮށް މިހާރު ޔޫޓިއުބް ޝޯތަކެއް ފަރާއާ އެކު ހޯސްޓުކުރަމުން އަންނަ ދިލިޕްގެ ނަމުގައި ފޭކް އިންސްޓަގްރާމް އެކައުންޓެއް ބަޔަކު މީހުން ހިންގާ ކަމަށް ފަރާ ބުނެފިއެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ފަރާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ދިލިޕްގެ ނަމުގައި ހިންގާ އިންސްޓަގްރާމް އެކައުންޓަކީ އޭނާގެ ޓީމާ އެއްވެސް ގުޅުމެއް ނެތް އެކައުންޓެއް ކަމަށެވެ. އެހެންވެ، އެ އެކައުންޓު މެދުވެރިކޮށް ކުރާ މުއާމަލާތްތަކާ މެދު ސަމާލުވުމަށް ދިލިޕާ އެކު އަމިއްލަ ޔޫޓިއުބް ޗެނަލެއް ފަށާފައިވާ ފަރާ ޚާން ވަނީ ބުނެފައެވެ.

ދިލިޕްގެ ނަމުގައި ހިންގަމުންދިޔަ ފޭކް އިންސްޓަގްރާމް ފެންނަ ގޮތުގެ ފޮޓޯއެއް ފަރާ ސޯޝަލް މީޑިއާގައި ހާމަކޮށްފައި--ފޮޓޯ/ބޮލީވުޑްހަންގާމާ
ދިލިޕްގެ ނަމުގައި ހިންގާ ފޭކް އެކައުންޓަށް މިހާތަނަށް 50،000 އަށް ވުރެ ގިނަ ފޮލޯވާސް ލިބިފައިވާއިރު އެއީ ކަންބޮޑުވާ ކަމެއް ކަމަށާއި އެކަން ކަމާބެހޭ އިދާރާތަކަށް އަންގާނެ ކަމަށް ފަރާ ވަނީ ބުނެފައެވެ. ހަމައެއާއެކު 'ދިލިޕްބިހާރިއޯ'ގެ ނަމުގައި ހިންގާ އެ އެކައުންޓު ވަގުތުން ވަގުތަށް ހުއްޓާލުމަށް ފަރާ ވަނީ ގޮވާލާފައެވެ.
މި އެކައުންޓުގައި މީގެ ކުރިން ފަރާއާއި ދިލިޕް ގެނެސްދީފައިވާ ވަރަށް ގިނަ ކޮންޓެންޓްތައް ހިމަނާފައިވާއިރު އޭގެ ގިނަ ރީލްސްތަކާއި ޕޯސްޓުތައް ބެލި މީހުންގެ އަދަދު އެއް ލައްކައަށް ވުރެ ގިނަ ކަމަށް ފަރާ ވަނީ ބުނެފައެވެ.
ފަރާގެ ކައްކާގެ ނަމުގައި ފޭކް އެކައުންޓެއް ހުޅުވި މައްސަލަ ފެންމަތިވެ، އެކަމާ ގުޅިގެން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިނުމާ އެކު އެ އެކައުންޓު ހިންގާ ފަރާތްތަކުން ވަނީ އެކައުންޓްގެ ނަން ބަދަލުކޮށް އޭގައި ހުރި ހުރިހާ ކޮންޓެންޓްތަކެއް ފޮހެލާފައެވެ.
ފަރާއާއި ދިލިޕް ވަނީ ދާދިފަހުން ދިވެހިރާއްޖެއަށް ވެސް ޒިޔާރަތްކޮށް، ރާއްޖޭގައި ހޭދަކުރި ދުވަސްތަކާ ގުޅޭގޮތުން ކޮންޓެންޓްތަކެއް އުފައްދާ ޔޫޓިއުބްގައި ރިލީޒްކޮށްފައެވެ.