މިދިޔަ އަހަރުން ފެށިގެން ޝުޖާގެ މައްސަލަ އިސްނަގައިގެން އެބަ ބަލަން: އޭސީސީ

މެންބަރު ޝުޖާ: އޭނާއަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރެވިފައި -- ފޮޓޯ/ މަޖިލިސް

މިދިޔަ އަހަރުން ފެށިގެން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު (ޝުޖާ)އަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިއަދު ބުނެފިއެވެ.

ސިފައިންގެ ވެލްފެއާ ކޯޕަރޭޓިވް (ސިވެކް) މެދުވެރިކޮށް ޝުޖާއަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި ގޮތުގެ ތަފުސީލުތައް ހިމެނޭ އެފްއައިޔޫގެ ރިޕޯޓު މި ފަހުން ވަނީ މީސްމީޑިއާގައި ލީކުކޮށްލައިފައެވެ. އެ ރިޕޯޓު ލީކުކޮށްލީ ކާކުކަން ނޭނގޭ ގޮތަށް ހިންގާ އެކްސް އެކައުންޓް 'ހަސަން ކުރުސީ'އެވެ.

އެ މައްސަލައާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން އޭސީސީން ބުނީ، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެ ކޮމިޝަނުން އިސްނަގައިގެން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެކަމަކު، މައްސަލައާ ގުޅޭ އެއްވެސް އިތުރު ސުވާލަކަށް ކޮމިޝަނުން ޖަވާބެއް ނުދެއެވެ. އެ މައްސަލަ ތަހުގީގުކުރާތާ ކިތަންމެ ދުވަހެއްވީ ނަމަވެސް މި މައްސަލައިގައި އެއްވެސް އިދާރާއަކުން މައުލޫމާތެއް ހިއްސާކޮށްފައިނުވާ ކަމަށް ޝުޖާ ވަނީ ވިދާޅުވެފައެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލް: ޝުޖާގެ މައްސަލަ ތަހުގީގުކުރާ ކަމަށް އޭސީސީން ބުނި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ލީކުވެފައިވާ ރިޕޯޓުގައި ވަނީ ނޮވެންބަރު އެކެއް، 2023 އިން ފެށިގެން ޖަނަވަރީ 10، 2024ގެ ނިޔަލަށް ހިނގާފައިވާ މުއާމަލާތްތަކެކެވެ. އެ މުއްދަތުގެ ތެރޭގައި 42 މިލިއަން ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް ރިޕޯޓްގައިވެއެވެ.

ނޮވެންބަރު 17، 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވަން ބޭއްވި ރަސްމިއްޔާތާ ބެހޭ މުއާމަލާތް ވެސް އޭގެ ތެރޭގައި ހިމެނެއެވެ. އެ ރަސްމިއްޔާތުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ މަޖިލީހުގެ އިދާރާއިންނެވެ. ލީކުވެފައިވާ ރިޕޯޓުގައި ވާގޮތުން މަޖިލީހުން ސިވެކްއާ އެ މަސައްކަތް ހަވާލުކުރީ 23 މިލިއަން ރުފިޔާއަށެވެ. އޭގެ ތެރެއިން 19 މިލިއަން ރުފިޔާ ވަނީ ޝުޖާއާ ގުޅުން އޮތް ތިން ކުންފުންޏަކަށް ޖަމާކޮށްފައެވެ.

މި ތުހުމަތުތަކަށް ޝުޖާ އިންކާރުކުރެއެވެ. އެކަމަކު، ފުލުހުން ވެސް ވަނީ ރިޕޯޓާ ގުޅިގެން ތަހުގީގުކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އެ ރިޕޯޓާ އެކު ފާޑުކިޔުން އަމާޒުވެފައި އޮއްވައި ޝުޖާ އިންނަވާ މާލިއްޔަތު ކޮމިޓީން މިއަދު އޭނާ ވަނީ ވަކިކޮށްފައެވެ. އެގޮތުން، ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މާލިއްޔަތު ކޮމިޓީގައި އިންނެވި ޝުޖާގެ ބަދަލުގައި ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި، ގައުމީ ތަރައްގީއާއި ތަރިކައާ ބެހޭ ކޮމިޓީން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ބަދަލުގައި ޝުޖާ ވަނީ އެ ކޮމިޓީއަށް ހަމަޖައްސައިފައެވެ.

މި ބަދަލު ގެނައި ސަބަބެއް ޕީއެންސީން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު، މި ބަދަލު ގެނައީ އެފްއައިޔޫގެ ރިޕޯޓާ ގުޅިގެން ޝުޖާއަށް ގިނަ ތުހުމަތުތަކެއް އަމާޒުވެފައި އޮއްވައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލަ ފެންމަތިވެފައި އޮއްވައި އެފްއައިޔޫގެ ވެރިޔަކަށް ހުންނެވި އަބްދުﷲ އަޝްރަފް އިއްޔެ ވަނީ މަގާމުން ދުރުކޮށްފައެވެ. އަދި، އެ މަގާމަށް އިސްމާއިލް ސާޖިދު ވަނީ އައްޔަންކޮށްފައެވެ. މިދިޔަ މަހުގެ 14 ވަނަ ދުވަހާ ޖެހެންދެން އޭނާ ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގައެވެ.

comment ކޮމެންޓް