ހޮޅިތަކެއް ވަޔާ ވެއްޓި ސައިކަލަކާއި ޕިކަޕަކަށް ގެއްލުންވެއްޖެ

އިމާރާތެއްގެ މަރާމާތަށް ޖަހާފައި ހުރި ފެންސެއް ވެއްޓިފައި: މި ހާދިސާގައި ގެއްލުންވީ ޕިކަޕަކާއި ސައިކަލަކަށް ---- ސަން ފޮޓޯ

ކެނދިގަސް ހިނގުން ގޯޅީގައި ހުރި އިމާރާތެއް މަރާމާތުކުރަން ބިމަށް ޖަހާފައި ހުރި ހޮޅިތަކެއް ފެންސާ އެކު ވަޔާ މިއަދު ވެއްޓިއްޖެއެވެ.

ފުލުހުން 'ސަން'އަށް ބުނީ، އެކަމުގެ ރިޕޯޓު ލިބުނީ މިއަދު 12:45 ހާއިރު ކަމަށެވެ. އަދި، ހާދިސާގައި ޕިކަޕަކާއި ސައިކަލަކަށް ގެއްލުންތަކެއްވި ނަމަވެސް، މީހަކަށް އަނިޔާނުވާ ކަމަށް ފުލުހުން ބުންޏެވެ.

ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި، ވެއްޓުނީ ކްރިމިނަލް ކޯޓު ކުރިމަތިން އޮންނަ މަގުގައި ދަތުރުވެރިންގެ މާރުކޭޓު ކައިރީގައި ހުންނަ އެމްޔޫ ސްޓޯރު ކައިރީގައި ޖަހާފައި ހުރި ފެންސެކެވެ. އެގޮތުން، އެ ފެންސުން ބައެއް އެ ތަނުގައި އޮތް ޕިކަޕެއްގެ ތެރޭގައި އޮތް މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.

އިމާރާތެއްގެ މަރާމާތަށް ޖަހާފައި ހުރި ފެންސެއް ވެއްޓިފައި: މި ހާދިސާގައި ގެއްލުންވީ ޕިކަޕަކާއި ސައިކަލަކަށް ---- ސަން ފޮޓޯ

ފުލުހުން ވަނީ މި ދުވަސްވަރަކީ ވައިގަދަ ވިއްސާރަ ދުވަސްވަރެއް ކަމަށް ވުމުން ހިނގާފާނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް، ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ސައިޓުތަކުގައި ރައްކާތެރި ކަމަށް ޖަހާފައި ހުންނަ ފެންސު ވަޔާ ނުދާނެހެން ރަނގަޅަށް ހަރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފާހަގަކުރެވޭ ގޮތުގައި، މޫސުމާ ބެހޭ ގައުމީ އިދާރާއިން ރޭ ދަންވަރު 02:00އިން ފެށިގެން ތިން ފަހަރަށް ވަނީ ހއ. އަތޮޅުން ތ. އަތޮޅަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައެވެ. އެންމެ ފަހުން ނެރުނު ސަމާލު މިރޭ 19:45އަށް ހަމަވާއިރު، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ބާރުމިނުގައި އެ އަތޮޅުތަކަށް ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ބުނެފައިވެއެވެ.

ހަމައެހެންމެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ބުނެފައިވާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ކަނޑުތަކުގައި ފަސް ފޫޓާއި ހަތް ފޫޓާ ދެމެދުގެ އުސްމިނެއްގައި ރާޅު ހުންނާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. އަދި، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާ ހަ ފޫޓާ ދެމެދުގައި ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މޫސުން ގޯސް ދުވަސްވަރަށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އަބަދު ވެސް އިދާރާތަކުން އިލްތިމާސްކުރެއެވެ.

comment ކޮމެންޓް