ރައްޔިތުންގެ މަޖިލީހުން އާންމުގޮތެއްގައި ބިލުތަކަށް ޚިޔާލަށް ހުޅުވައިލާ މުއްދަތުތަކާ ޚިލާފަށް، ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް އެންމެ 19 ގަޑިއިރު ދީފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ ފަސް އިސްލާހެއް ހުށަހަޅައިފައެވެ. އެ ބިލުގައި ވަނީ، ކައުންސިލްތަކަށް މުވައްޒަފުން ނެގުމާއި، ކައުންސިލްތަކުގެ އިހްތިސޯސުގައިވާ ފަޅާއި، ބިން ފަދަ ތަންތަން ކުއްޔަށް ދޫކުރުމުގެ އިތުުރުން ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމުގައި ކައުންސިލްތަކަށް ލިބިދީފައިވާ ބާރު ހަނިވާ ގޮތަށް އިސްލާހެއް ހިމަނައިފައެވެ.
މި ބިލާ ދޭތެރޭ ވަރަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކަން އެހެން އޮއްވައި، މިރޭ 18:00ގައި މަޖިލިސް އިދާރާއިން ވަނީ އެ ބިލަށް އާންމުންގެ ޚިޔާލަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. ނަމަވެސް ހުޅުވައިލީ އެންމެ 19 ގަޑިއިރަށެވެ. 24 ގަޑިއިރު ވެސް ދީފައި ނުވެއެވެ.
މަޖިލިސް އިދާރާއިން ކުރި އިއުލާނުގައި ބުނީ މާދަމާ މެންދުރު 13:00ގެ ކުރިން އެ ބިލާ މެދު އޮތް ކޮމެންޓެއް މަޖިލީހަށް ލިޔުމުން ފޮނުވުމަށެވެ.
މީގެ ކުރިން ބިލުތަކަށް އާންމުންގެ ޚިޔާލަށް ހުޅުވާލާއިރު ހަފުތާއަކަށްވުރެ ގިނަ ދުވަސް ވެސް ދީފައި އެބަހުއްޓެވެ.
އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގު ވަނީ ރައްޔިތުންގެ ޚިޔާލު ހޯދުމަށް، މަޖިލިސް ހުރިހާ މެންބަރުން އެ މެންބަރުންގެ ދާއިރާގެ ހުރިހާ ރައްޔިތުންނާއި، ކައުންސިލްތަކާ ބައްދަލުކުރެއްވުމަށް ގޮވާލައްވައިފައެވެ.
"މިހާތަނަށް 20 ވަނަ މަޖިލީހުގެ މެންބަރުން، ޚާއްސަކޮށް މި ސަރުކާރުގެ ލާމަރުކަޒީ ކޮމެޓީގެ މެންބަރުންނަކީ 24 ގަޑިއިރުތެރޭގައި ދާއިރާގެ ރަށްތަކަށް ގޮސް ވަކި ވަކިން ރައްޔިތުންނާ 23 ގަޑި 59 މިނެޓް ތެރޭގައި ބައްދަލުކޮށް ނިންމާ ބައެއް،" ޚިޔާލު ހޯދަން ދީފައިވާ ވަގުތުގެ ކުޑަކަމާ މެދު ނުރުހުން ފާޅުކުރައްވައި އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަން އުޅޭ އިސްލާހުތަކާ އެމްޑީޕީން އަބަދުވެސް ދިޔައީ ދެކޮޅު ހަދަމުންނެވެ. އަދި އެ ޕާޓީން ވެރިކަމުގައި އޮވެ، ފައްކާކުރި ލާމަރުކަޒީ ދާއިރާ މި ސަރުކާރުން ފުނޑާލަން އުޅުމުގެ ގޮތުގައި ސިފަކުރެއެވެ.
ވަކިން ޚާއްސަކޮށް ބައެއް ކައުންސިލްތަކުން ދަނީ އެ އިސްލާހުތަކާ ދެކޮޅު ހަދަމުންނެވެ.
އެގޮތުން އެ އިސްލާހުތަކާއެކު، މާލީ މިނިވަންކަން ކައުންސިލްތަކަށް ގެއްލި، ލާމަރުކަޒީ ނިޒާމު ފުނޑިގެން ގޮސް މައި ސަރުކާރަށް އަޅުވެތިވުމަށް ކައުންސިލްތަކަށް މަޖުބޫރުވާނެ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވިދާޅުވީ އެ އިސްލާހުގެ ސަބަބުން ފާއިތުވެދިޔަ މުއްދަތުގައި ކައުންސިލްތަކަށް ލިބިފައިވާ މާލީ މިނިވަންކަން ގެއްލި, ލާމަރުކަޒީ ނިޒާމު 'ބޮޑުތަނުން ފަހަތަށް ސޮއްސާލާނެ' ކަމަށެވެ.

ރައީސް މުއިއްޒާއި، ލޯކަލް ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް އުމަރު -- ފޮޓޯ/ ރައީސް އޮފީސް
އިސްލާހުގައި އޮތީ ކީކޭ؟
އިސްލާހުގައިވާ ގޮތުންނަމަ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެއެވެ. އަދި ކައުންސިލްތަކަށް އާމްދަނީ ދޫކުރަންވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ޚިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެކެވެ.
އަދި ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކު އެކައުންޓުތައް ބަލަހައްޓަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ކަމަށާއި، އެ އެކައުންޓުތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް އެ މިނިސްޓްރީން އެދިއްޖެ ހާލަތުގައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ.
މީގެ އިތުރުން އިސްލާހުގައި ވަނީ ލޯކަލް ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައަޅާ އުސޫލުގެ ދަށުން މެނުވީ ބައެއް ކަންކަން ނުކުރުމަށެވެ. އެއީ:
- ކައުންސިލް އިދާރާއަށް މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުން.
- ކައުންސިލްގެ އިހުތިސޯސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުން.
- ކައުންސިލްތަކަށް އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުން.
ވަކިން ޚާއްސަކޮށް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި މި ސަރުކާރުން އުފެއްދި ލޯކަލް ގަވަނަންސް މިނިސްޓްރީގެ އެއްވެސް ބާރެއް، މި އިސްލާހުތަކުގައި ވެސް ނެތެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން މި ސަރުކާރުގެ ސުޕަމެޖޯރިޓީ އޮތް 20 ވަނަ މަޖިލީހުން ވަނީ ލާމަރުކަޒީ ގާނޫނަށް ދެތިން ފަހަރު އިސްލާހު ވެސް ގެނެސްފައެވެ.