ލަބެރަ ބޮޑީބޯޑިން ޗެލެންޖުގައި މިފަހަރު 20 އެތުލީޓުން

ގައުމީ ބޮޑީބޯޑިން ލީގުގެ މިއަހަރުގެ ދެވަނަ މުބާރާތް ކަމަށްވާ ލަބެރަ ބޮޑީބޯޑިން ޗެލެންޖުގައި މިފަހަރު 20 އެތުލީޓުން ވާދަކުރާނެ ކަމަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)އިން ބުނެފިއެވެ.

މީގެކުރިން އެމްބީބީއޭއިން މިއަހަރުގެ ދެވަނަ މުބާރާތެއްގެ ގޮތުގައި ބާއްވަން މަސައްކަތްކުރީ ފުވައްމުލަކު ބޮޑީބޯޑިން ޗެލެންޖެވެ. ނަމަވެސް އެ މުބާރާތުގެ ބަދަލުގައި ބާއްވަން ނިންމީ ލަބެރަ އެވެ.

ތިން ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ މެންސް އޯޕަން ކެޓަގަރީގައި 19 އެތުލީޓުން ހިމެނެއެވެ. މީގެއިތުރުން ޖޫނިއާ ބައިގައި ނުވަ އެތުލީޓުންނާއި ޑްރޮޕް-ނީ ކެޓަގަރީގައި ހަތް އެތުލީޓުން ހިމެނެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން މި މުބާރާތުގައި އެތުލީޓުން ވާދަކުރެއެވެ. މީގެތެރޭގައި ނ. މާފަރު، މ. ވޭވަށް އަދި ކ. ދިއްފުށީގެ އެތުލީޓުންގެ އިތުރުން ފުވައްމުލަކު ސިޓީގެ ދެ އެތުލީޓުން، މާލޭ ސިޓީގެ 8 އެތުލީޓުން އަދި ލ. ގަމުން 2 އެތުލީޓު އަދި ނ. ޅޮހީގެ ތިން އެތުލީޓާއި ށ. ކަޑިތީމުގެ ދެ އެތުލީޓުން ހިމެނެއެވެ.

ލަބެރަ ބޮޑީބޯޑިން މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނަކީ އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އެވެ. ޖޫނިއާ ޑިވިޝަންގެ ޗެމްޕިއަންކަން މުހައްމަދު އަޒާން އަހުމަދު ހޯދިއިރު ޑްރޮޕް-ނީ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީވެސް ކުޑަ އައްޔަ އެވެ.

ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތެއްގެ ގޮތުގައި ބޭއްވީ ބުރުނު ޝިކާރެވެ. އެ މުބާރާތުގެ އޯޕަން ބައިގެ ޗެމްޕިއަންކަން އާމިން އުމަރު މޫސާ ހޯދިއިރު، ޑްރޮޕްނީ ކެޓަގަރީގެ އެއްވަނަ ހޯދީ ކުޑަ އައްޔަ އެވެ. ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އިޔަން އަހުމަދެވެ.

comment ކޮމެންޓް