ސައުތު ސިނަމާގެ މަގުބޫލު އެކްޓަރު އަދި ފިލްމު ޕްރޮޑިއުސަރު ދަނުޝްގެ ފިލްމު "ރާންޖަނާ"އަށް އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ބަދަލުތަކެއް ގެނެސް އަލުން ރިލީޒްކުރުމާ އެކު އެކްޓަރު އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
ދަނުޝް އާއި ބޮލީވުޑް ބަތަލާ ސޯނަމް ކަޕޫރު މުހިއްމު ރޯލެއް ކުޅެފައިވާ ފިލްމު "ރާންޖަނާ"އަކީ 2013ވަނަ އަހަރު ރިލީޒްކޮށް އާއްމުންގެ ތަރުހީބު ލިބި ބޮކްސް އޮފީހުގައި ވެސް ރަނގަޅު އާމްދަނީއެއް ލިބުނު ފިލްމެކެވެ.
އޭއައިގެ އެހީގައި މި ފިލްމުގެ ކްލައިމެކްސްއަށް ބޮޑު ބަދަލެއް ގެނެސް ފިލްމު އަލުން ރިލީޒްކޮށްފައި ވަނީ ދަނުޝް އާއި އެ ފިލްމުގެ ޑައިރެކްޓަރު އާނަންދު އެލް ރާއިގެ ހުއްދަ ވެސް ހޯދުމެއް ނެތިއެވެ.

ފިލްމު "ރާންޖަނާ"އަލުން ރިލީޒްކުރި ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކޮށް ދަނުޝް އެކްގައި ކުރި ޕޯސްޓް--ފޮޓޯ/ބޮލީވުޑްހަންގާމާ
އެރޮސް އިންޓަނޭޝަނަލް ކިޔާ ފިލްމު ކުންފުންޏަކުން ބަދަލުތަކަކާ އެކު ފިލްމު އަލުން ރިލީޒްކުރުމުން ދަނުޝް ވަނީ މިއީ ސިނަމާތައް މެދުވެރިކޮށް ބެލުންތެރިންނަށް ގެނެސްދޭ ވާހަކަތަކަށް އޮތް ބިރެއް ކަމަށް ބުނެފައެވެ.
ދަނުޝް މިކަމާ ގުޅިގެން އެކްސްގައި ލިޔެފައި ވަނީ "ރާންޖާނާ"ގެ އޭއައި ވާޝަން ބެލުމަށްފަހު ބަޔާންކުރަން ދަތި އުނދަގޫ އިހުސާސްތަކެއް އޭނާއަށް ކުރި ކަމަށެވެ. އަލުން ރިލީޒްކުރި ފިލްމުން އެ މީހުން މީގެ އެތައް އަހަރެއްކުރިން ކުރި ބުރަ މަސައްކަތުން ވަރަށް ރީތި ނިންމުމެއް ގެނެސްދިން ވާހަކައިގެ ކުރި މަރާލާފައިވާ ކަމަށް އޭނަ ބުންޏެވެ.
މިއީ އެ މީހުން ދުށް "ރާންޖާނާ" ފިލްމު ނޫން ކަމަށާއި އޭއައި ބޭނުންކޮށްގެން މިފަދަ ގޮތަކަށް ފިލްމެއްގެ ރީތިކަން ގެއްލުވާލުމަކީ ފިލްމުތަކުގައި ބުރަކޮށް މަސައްކަތްކުރާ އެންމެންނަށް ވެސް މާޔޫސްކަން ގެނެސްދޭނެ ކަމެއް ކަމަށް އޭނާ ބުންޏެވެ.
އިންޑިއާގެ ސިނަމާއަށް މިއީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި މިފަދަ އަމަލުތައް ހުއްޓުވުމަށް ކަމާ ބެހޭ އިދާރާތަކުން މަސައްކަތް ފަށާނެ ކަމަށް އުއްމީދުކުރާ ކަމަށް ދަނުޝް ވަނީ އަމިއްލަ ރަސްމީ އެކްސް އެކައުންޓު މެދުވެރިކޮށް ގޮވައިލާފައެވެ.