ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް, ފަލަސްތީނުގެ ޑޮކިއުމަންޓަރީ ފިލްމު އުފައްދާ ޔޫސުފް އަލް-ހެލޫއާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.
މައުމޫން ފައުންޑޭޝަން އޮފީހުގައި އޮތް މި ބައްދަލުވުމުގައި ޔޫސުފް އަލް-ހެލޫއާއެކު, އިންޓަނޭޝަނަލް މުސްލިމާ އެއިޑް އެންޑް އެޑިއުކޭޝަން (އައިއެމްއޭއީ)ގައި އިސްކޮށް މަސައްކަތް ކުރައްވާ, ޑރ. ޝަޒްރާ އިބްރާހިމާއި ޑރ. ރާނާ އަޙްމަދު ޙަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.
އަލް-ހެލޫ ރާއްޖެއަށް ވަޑައިގަތީ އޭނާގެ ޑޮކިއުމަންޓަރީ ފިލްމު "ދަ ފީނިކްސް އޮފް ޣައްޒާ" އެޅުވުމަށެވެ. މި ފިލްމުން ޣައްޒާގައި ދިރިއުޅޭ މީހުންގެ ދިރިއުޅުމުގެ ހަގީގީ ހާލަތު ދައްކުވައިދޭނެވެ. މި ފިލްމުގައި ހިތްދަތިކަން ތަހައްމަލުކުރަމުން, ގޮންޖެހުންތަކާ ކުރިމަތިލާ ގޮތާއި އެ ރަށުގެ ސަގާފަތާއި އުއްމީދު ރަމްޒުކޮށްދޭ ހާދިސާތައް ދައްކުވައިދޭނެއެވެ. މި ފިލްމު މާލޭގައި ފުރަތަމަ ފަހަރަށް ދައްކަން ހަމަޖެހިފައިވަނީ މިއަދު އޮލިމްޕަސް ތިއޭޓަރުގައެވެ.

މައުމޫން ފައުންޑޭޝަންއިން ބުނީ މި ބައްދަލުވުމުގައި، އަލް-ހެލޫއެ ވަނީ އެ ފިލްމު އުފެއްދުމުގައި ދިމާވި ގޮންޖެހުންތަކާއި، ފިލްމުން ބުނެދޭނެ މެސެޖުތަކާ ގުޅޭގޮތުން މައުމޫނަށް މައުލޫމާތު ދެއްވައިފައި ކަމަށެވެ. މައުމޫން ވަނީ އަލް-ހެލޫއެގެ މަސައްކަތަށް ޝުކުރު އަދާކުރައްވައި، މި ފިލްމު ބެއްލެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައި ކަމަށް ފައުންޑޭޝަނުން ބުނެއެވެ. އަދި އިންސާނީ ޙައްގުތައް ހޯދަން ކުރާ މަސައްކަތްތަކަށް ދުނިޔޭގެ ސަމާލުކަން ހޯދައިދޭ ފަދަ ފަންނުވެރި މަސައްކަތްތަކުގެ މުހިންމުކަން މައުމޫން ފާހަގަކުރެއްވިއެވެ.
ފައުންޑޭޝަނުން ބުނިގޮތުގައި މި ބައްދަލު ކުރެއްވުމުގައި, ޝަޒްރާ އާއި ރާނާ ވަނީ އެ ޖަމިއްޔާއިން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރަމުން އަންނަ މަސައްކަތް ތަކުގެ ތަފްސީލު މައުމޫނަށް އަރުވައިފައެވެ. އަދި ފަލަސްތީނުގެ މަސްރަހަށް މައުމޫންގެ ދިގު ވެރިކަމުގައި ވެ ދެއްވި, އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އެ ބޭފުޅުން ވަނީ ދިވެހިރާއްޖެއިން ފަލަސްތީނަށް ދެމުން އަންނަ އެހީތެރިކަމުގެ ބިންގާ އެޅުއްވީ މައުމޫންގެ ވެރިކަމުގައި ކަމަށް ވިދާޅުވެފައެވެ.
މި ބައްދަލު ކުރެއްވުމުގައި ހަދިޔާއެއްގެ ގޮތުން، ޝަޒްރާ އާއި ރާނާ ވަނީ އެ މީހުން އަލަށް ނެރުއްވި ފޮތެއް ކަމަށްވާ "ސޯލް އޮފް އޯލް ސޯލް" ގެ ސޮއިކުރައްވާފައިވާ ކޮޕީއެއް މައުމޫނަށް ހަދިޔާކުރައްވާފައެވެ.