ދައުލަތުގެ ޕެންޝަން ފަންޑު މެދުވެރިކޮށް، ގެދޮރުވެރިޔާ ފުލެޓުތަކަށް ފައިސާ ދެއްކޭނެ ގޮތް ހެދުމަށް ޕެންޝަން އޮފީހާއެކު މިއަދު މަޝްވަރާކުރައްވާނެ ކަމަށް, ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ރޭ ވިދާޅުވެއްޖެއެވެ.
ހަމްދާން އެހެން ވިދާޅުވިއިރު، ގިނަ ބަޔަކު އަންނަނީ ފުލެޓުތަކުގެ އެޑްވާންސަށް ދައްކަން ޖެހޭ ފައިސާ އިތުރުވުމުގެ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ.
އެސްއެސްޓީވީގެ ބާރުހަތަރެއް ޕްރޮގްރާމުގައި ހަމްދާން ވިދާޅުވީ، ފުލެޓުތަކުގެ އެޑްވާންސް ފައިސާ ދައްކަން ވަކި މުއްދަތެއް ދީފައެއް ނުވާނެ ކަމަށެވެ.
އެގޮތުން، ފުލެޓު ހަވާލުކުރާނީ އެޑްވާންސް ފައިސާ ދައްކާ ޚަލާސްކުރުމުން ކަމަށާއި އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެޑްވާންސް ފައިސާ އެފްޑީސީއަށް ދައްކާ ނިންމާ މީހުންނަށް ފެލްޓުތަކުގައި ދިރިއުޅެން ފެށޭނެ ކަމަށް ހަމްދާން ވިދާޅުވިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް: ވިދާޅުވީ، ޕެންޝަން ފަންޑު މެދުވެރިކޮށް، ގެދޮރުވެރިޔާ ފުލެޓުތަކަށް ފައިސާ ދެއްކޭ ގޮތް ހަދަން މިއަދު މަޝްވަރާ ކުރާނެ ކަމަށް -- ސަން ފޮޓޯ
އެކަމަކު، އެހާ ހިސާބަށް ނުދެއްކޭ ފަރާތްތައް ޕެންޝަން ސްކީމް މެދުވެރިކޮށް ވެސް ހަމަ ދައްކަންވީ. އެ އޮޕްޝަން ވެސް ކުރިއަށް ނުގެންދެވޭ ބޭފުޅުންނަށް އަޅުގަނޑުމެން މި ހުޅުވާލަނީ އެބޭފުޅަކަށް ދެއްކުނު ގޮތަކުން، ދެއްކުނު އިރަކުން ހަމަ ދައްކަންވީ. ޔުނިޓު ހަމަ އިންގޮތުގައި އިންނާނެޔޭ. ޔުނިޓު އިތުރު ބަޔަކަށް އެސައިންއެއް ނުކުރާނަންއެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލު
އިތުރަށް ހަމްދާން ވިދާޅުވީ، މިހާރު ހުރިހާ ފުލެޓުތަކެއްގައި ކުރިއަށް ދަނީ ފިނިޝިން މަސައްކަތްތައް ނިންމައި، ފައިނަލް އިންސްޕެކްޝަންގެ މަސައްކަތްތައް ކަމަށެވެ.
ޕެންޝަން ފަންޑުން ފުލެޓުތަކަށް ފައިސާ ދެއްކޭ ގޮތް ހެދުމަށް މަޝްވަރާކުރާއިރު، އެމްޑީޕީގެ ސަރުކާރުން ނިންމައި, އިއުލާން ކުރި އެ ސްކީމުގެ ދަށުން އެޅި ތިން ކޮޓަރީގެ ފްލެޓެއް މަހަކު 8,000 ރުފިޔާގެ ކުއްޔަކަށް ދޫކުރުމަށެވެ. އަދި، ދެ ކޮޓަރީގެ ފްލެޓެއް 6,000 ރުފިޔާގެ މަހު ކުއްޔަކަށް ދޫކުރާށެވެ.
ނަމަވެސް، މި ސަރުކާރުން ނިންމާފައި ވަނީ ފްލެޓްތަކުގެ އެޑްވާންސް ފީއެއްގެ ގޮތުގައި ތިން ކޮޓަރީގެ ފްލެޓްތަކުން 25,000 ރުފިޔާ ނެގުމަށެވެ.
އޭގެއިތުރަށް، ދެ ކޮޓަރީގެ ފްލެޓްތަކަށް 15,000 ރުފިޔާގެ އެޑްވާންސް ފީއެއް ނެގުމަށް ވަނީ ނިންމާފައެވެ. އަދި، ދެ ކޮޓަރީގެ ކުއްޔަށް 7،000 ރުފިޔާ ނެގުމަށާއި ތިން ކޮޓަރިއަށް 9،000 ރުފިޔާ ނެގުމަށް ވަނީ ނިންމައިފައެވެ. ތިން ކޮޓަރީގެ އެޕާޓްމެންޓަށް މެއިންޓެނެންސް ފީގެ ގޮތުގައި މަހަކު 1،500 ރުފިޔާ ނަގާއިރު ދެ ކޮޓަރިން ނަގަނީ 1,000 ރުފިޔާއެވެ.
އެ ކުލި މި ސަރުކާރުން ބޮޑު ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށާއި އެ ކުލި ދެން އަންނަ އެމްޑީޕީގެ ވެރިކަމެއްގައި ކުޑަ ކޮށްދެއްވާނެ ކަމަށް, ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ވަނީ ވިދާޅުވެފައެވެ.