ވޭޕް ބޭނުންކުރުމާއި ވޭޕް ގެންގުޅުމުގެ އެކި މައްސަލަތަކުގައި ޖޫރިމަނާގެ ގޮތުގައި، މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ ހޯދައިފިއެވެ.
ފުލުހުން "ސަން"އާ ހިއްސާކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ ޑިސެމްބަރު މަހުގެ 15އިން ފެށިގެން މިދިޔަ މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 974،500 ރުފިޔާ، ވޭޕާ ގުޅުންހުރި 206 މައްސަލައެއްގައި ޖޫރިމަނާގެ ގޮތުގައި ހޯދާފައިވެއެވެ.
އެގޮތުން މިދިޔަ ޑިސެމްބަރު މަހުގެ 15އިން 31އަށް، ވޭޕް ގެންގުޅުނު މައްސަލައެއްގައި އެކަކު ޖޫރިމަނާކުރިއިރު، ވޭޕް ބޭނުންކުރި މައްސަލައިގައި 16 މީހަކު ޖޫރިމަނާކުރިއެވެ. އެ މުއްދަތުގައި އެކަނި ވެސް 85،500 ރުފިޔާ ޖޫރިމަނާގެ ގޮތުގައި ހޯދައިފައިވެއެވެ.
އެ މުއްދަތުގައި ވޭޕް ގެންގުޅެގެން ރިޕޯޓުކުރީ ކުޑަކުދިން ކަމަށް ވާތީ އެ ކުދިންނާ ސުވާލުކޮށް ބަޔާން ނެގުމަށް ފަހު އަންގަން ޖެހޭ އިދާރާތަކާ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް، ފުލުހުން ބުނެފައިވެއެވެ.
އޭގެ ފަހުން ޖަނަވަރީ މަހު ވޭޕް ގެންގުޅުނު މައްސަލައަކާއި ވޭޕްކުރުމުގެ 14 މައްސަލައެއްގައި 75،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ފަހު، ފެބްރުއަރީ މަހު ވޭޕް ގެންގުޅުނު ހަތަރު މީހަކާއި ވޭޕްކުރި ނުވަ މީހަކު 65،000 ރުފިޔާއިން ޖޫރިމަނާކުރިއެވެ. އެއަށްފަހު މާޗް މަހު ވޭޕް ގެންގުޅެގެން 14 މީހަކު އަދި ވޭޕް ބޭނުންކުރި 17 މީހަކު ޖުމްލަ 129،500 ރުފިޔާއިން ޖޫރިމަނާކުރުމަށް ފަހު، އޭޕްރިލް މަހު ވޭޕް ގެންގުޅުނު ނުވަ މީހަކާއި ބޭނުންކުރި 29 މީހަކު 192،500 ރުފިޔާއިން ޖޫރިމަނާކުރިއެވެ.
ވޭޕްގެ އެކި މައްސަލަތަކުގައި ޖޫރިމަނާގެ ގޮތުގައި ހޯދި ފައިސާގެ އަދަދު މެއި މަހު ދަށްވުމަށް ފަހު، ޖޫން މަހު ޖޫރިމަނާގެ ގޮތުގައި ހޯދި ފައިސާ ވަނީ އިތުރުވެފައެވެ. އޭގެ ފަހުން ނިމިދިޔަ މަހު ވޭޕްގެ އެކި މައްސަލަތަކުގައި ޖޫރިމަނާގެ ގޮތުގައި ހޯދި ފައިސާ ވަނީ، ޖޫން މަހާ އަޅާ ބަލާއިރު ދަށްވެފައެވެ.
މެއި މަހު ވޭޕް ގެންގުޅުނު 20 މީހަކާއި ބޭނުންކުރި 13 މީހަކާއި އެހެނިހެން ދެ މައްސަލައެއްގައި ޖުމްލަ 130،000 ރުފިޔާ ޖޫރިމަނާގެ ގޮތުގައި ހޯދާފައިވެއެވެ. ޖޫން މަހު ވޭޕް ބޭނުންކޮށްގެން 18 މީހަކާއި ގެންގުޅެގެން 16 މީހަކު 170،000 ރުފިޔާއިން ޖޫރިމަނާކުރިއިރު، މިދިޔަ މަހު ވޭޕް ބޭނުންކޮށްގެން 13 މީހަކާއި ގެންގުޅުނު ނުވަ މީހަކާއި ވޭޕުން ވިޔަފާރިކުރި އެކަކު ޖުމްލަ 127،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ.
ދިވެހީންގެ އާންމު ސިއްހަތަށް އޮތް އެންމެ ބޮޑު އެއް ނުރައްކާ ކަމަށްވާ ދުންފަތުގެ އިސްތިއުމާލުން މީހުން ސަލާމަތް ކުރުމަށް މި ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ތެރޭގައި ސިނގިރޭޓް ޑިއުޓީ ވަރަށް ބޮޑު ކުރުމާއި, ވޭޕް ބޭނުން ކުރުން މަނާކުރުން ހިމެނެއެވެ.
ވޭޕް މަނާކުރަން ސަރުކާރުން ނިންމީ އުމުރުން ވަރަށް ހަގު, ކިޔަވާ ކުދިންނާ ހިސާބުން ފެށިގެން އެތައް ދިވެހީންނެއް އެ ނުރައްކާތެރި ވަބާގައި ޖެހިފައި ވަނިކޮށެވެ. މިހާރު ރާއްޖެއަށް ވޭޕް އެތެރެކުރުމާއި އޭގެ ވިޔަފާރި ކުރުމުގެ އިތުރުން އެ ބޭނުން ކުރުމަކީ ގާނޫނީ ކުށެކެވެ. އެކަންކަން ކުރާ މީހުންނަށް އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނު އޮންނަ ގޮތުން މީހަކަށް ހިލޭ ވޭޕެއް ދިނަސް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވެއެވެ. ވޭޕް ބޭނުންކުރާ ކޮންމެ މީހަކު 5،000 އިން ޖޫރިމަނާ ކުރެވެއެވެ. އަދި، ވޭޕް ވިއްކައިފި ނަމަ 20،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރާއިރު ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެއެވެ.
ރާއްޖޭގައި ވޭޕް މަނާކުރީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.