ނުކުރާ މަސައްކަތަކަށް ފައިސާއެއް ނުނަގަން، މަސައްކަތް ލަސްވަނީ ފައިސާ ނުލިބޭތީ: ސައުދުﷲގެ ކުންފުނި

މިމްސް ކޮންސްޓްރަކްޝަންގެ އެމްޑީ، ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ -- ފޮޓޯ/ މަޖިލިސް

ނ. މަނަދޫ ސްކޫލްގެ އައު އިމާރާތުގެ މަޝްރޫއުގައި ނުކުރާ މަސައްކަތަކަށް ފައިސާއެއް ނުނަގާ ކަމަށާއި މަސައްކަތް ލަސްވަނީ ފައިސާ ނުލިބޭތީ ކަމަށް، އެ މަސައްކަތުގެ ކޮންޓްރެކްޓަރު އަދި ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ އެމްޑީއަކަށް ހުންނަވާ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.

މިދިޔަ ހަފުތާގައި ރައީސް މުއިއްޒު މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި، މަނަދޫގައި މިހާރު އިމާރާތްކުރަމުންދާ ސްކޫލް އިމާރާތުގެ މަސައްކަތް ކުރަމުންދާތާ ފަސް އަހަރުވެއްޖެ ކަމަށާއި، އަދިވެސް މަސައްކަތް ނުނިމޭކަމަށް މަނަދޫ ކައުންސިލްގެ ރައީސް ވިދާޅުވުމާ ގުޅިގެން، ރައީސް ވަނީ ކައުންސިލް ރައީސް ވިދާޅުވި ވިދާޅުވުމަށް ހަވާލާދެއްވައި އެ ވާހަކަފުޅު އެގޮތަށް އެ ޖަލްސާގައި ވިދާޅުވެފައެވެ.

އަދި ޕްރޮޖެކްޓާ ގުޅިގެން ދޭންޖެހޭ ފައިސާއެއް ސަރުކާރުން ދީފައިވާނެ ކަމަށާއި މަސައްކަތް ލަސްވެފައި ވަނީ ކޮންޓްރެކްޓަރުގެ އިހުމާލުން ކަމަށް ރައީސް ވަނީ އެ ޖަލްސާގައި ވިދާޅުވެފައެވެ. އަދި ފަހު ފުރުސަތު ދިނުމަށްފަހު އެ މަސައްކަތުން ކޮންޓްރެކްޓަރު ވަކިކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަނަދޫގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ރައީސް ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައީސްގެ ވާހަކަފުޅާ ގުޅިގެން މަނަދޫ ސްކޫލް އިމާރާތުގެ މަސައްކަތު ކޮންޓްރެކްޓަރު ކަމަށްވާ މިމްސް ކޮންސްޓްރަކްޝަނުން ބުނީ އެ އިމާރާތުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޑިސެމްބަރު 22، 2021ގައި ކަމަށެވެ. އަދި މިހާތަނަށް ފަސް އަހަރު ވެސް ނުވާއިރު، ޕްރޮޖެކްޓު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސައިޓާ ގުޅިގެން އެކި ފަހަރުމަތިން ދިމާވި އެތައް ކަމެއް ހައްލުކޮށް އިމާރާތުގެ މަސައްކަތް ފެށިފައި ވަނީ ޖެނުއަރީ 10، 2023ގައި ކަމަށްވުމުން އެ މަސައްކަތް ފެށުނު ފަހުން ވެސް މިހާތަނަށް ހިނގާފައި ވަނީ ދެ އަހަރާއި ހަ މަސްދުވަސް ކަމަށް އެ ކުންފުނިން ބުންޏެވެ.

އަދި ދިމާވި އެކި ކަހަލަ ސަބަބުތައް އުނިކުރުމުން، މަސައްކަތްކުރެވިފައިވަނީ އެއް އަހަރާއި ދުވަސްކޮޅަކަށްވެފައި، އެ ޕްރޮޖެކްޓު ނިންމަންޖެހޭ މުއްދަތް އަދި މިހާތަނަށް ހަމަވެފައި ނުވާކަން އެ ކުންފުނިން ފާހަގަކުރިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މިހާތަނަށް އެ މަސައްކަތަށް ލިބިފައިވަނީ އެޑްވާންސް ޕޭމަންޓް ގެރެންޓީ ހުށަހަޅައިގެން އެޑްވާންސް ޕޭމަންޓަށް ލިބިފައިވާ ފައިސާއާއި މަސައްކަތް ނިންމުމަށްފަހު ބިލުކުރެވިފައިވާ ފައިސާއާއެކު ޖުމްލަ 12،633،928.28 ރުފިޔާއެވެ. އަދި މަސައްކަތް ނުނިމިގެން ބިލު ނުކުރެވޭތީ 2،806،108.47 ރުފިޔާ ނުލިބި މިހާތަނަށް އެބަހުއްޓެވެ.

އަދި ޕްރޮޖެކްޓުގެ މަސައްކަތަށް ހުށަހެޅޭ ފައިސާ ކަމާބެހޭ ފަރާތުން ދޫކުރަނީ މަސައްކަތް ނިމިފައިވާކަން ކަށަވަރުކުރުމަށްފަހު މަސައްކަތް ނިމިފައިވާކަމުގެ ފޮޓޯ ވެސް ހުށަހެޅުމުން ކަމުގައިވާތީ، ނުކުރާ މަސައްކަތަށް ފައިސާ ދިނުމަކީ ފިނޭންސް މިނިސްޓްރީއިން ކުރާ ކަމެއްކަން އެ ކުންފުންޏަށް އެނގިފައިނުވާ ކަމަށް ބުނެފައިވެއެވެ.

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ -- ފޮޓޯ/ މަޖިލިސް

މިމްސް ކޮންސްޓްރަކްޝަނުން ބުނި ގޮތުގައި ޕްރޮޖެކްޓު ނުނިމި ލަސްވެފައި ވަނީ ކޮންޓްރެކްޓަރުން މަސައްކަތް ނިންމުމަށްފަހު ހުށަހަޅާ ބިލުތަކަށް ފައިސާ ނުލިބި ނުވަތަ ލިބުން ވަރަށް ބޮޑަށް ލަސްވުމުގެ ސަބަބުންނެވެ. އެގޮތުން އެންމެ ފަހުން ވެސް އެ ޕްރޮޖެކްޓަށް ކުރެވުނު ބިލަށް ފައިސާ ލިބުނީ ގާތްގަނޑަކަށް ތިން މަސް ފަހުން ކަމަށް ބުންޏެވެ.

އެހެންކަމުން ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްޙޫރިއްޔާ ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއްގައި މި ކުންފުންޏާ ގުޅުންހުރި ކަމެއްގެ މައްޗަށް ރަނގަޅު ނޫން މައުލޫމާތުގެ މައްޗަށް ބިނާކޮށް ވާހަކަތަކެއް ދެކެވުނީ ކިހިނެއްވެގެންކަން ހޯދުމުގެ މަސައްކަތް މި ކުންފުނިން މިދަނީ ޖުލައި 24އިން ފެށިގެން ކުރަމުން، މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް

ވަކިން ޚާއްސަކޮށް އެ ކުންފުންޏާ ގުޅޭގޮތުން އެއްވެސް އަސްލެއްގެ މައްޗަށް ބިނާނުވާ ދޮގު ވާހަކަތަކެއް ސޯޝަލް މިޑިއާގައި ދައުރުކޮށް އަދި ބައެއް މީޑިއާތަކުގައި ފަތުރަމުންދާތީ އެ ކުންފުނިން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

comment ކޮމެންޓް