ކަނބުލޮގެ ޓިކެޓު ދޫކުރަން ފަށައިފި

މިދިޔަ އަހަރު އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި ޑްރާމާ ފިލްމު "ކަމަނާ"ގެ ޓީމުން މިފަހަރު ގެނެސްދޭ ފިލްމު "ކަނބުލޮ"ގެ ޓިކެޓު ދޫކުރަން ފަށައިފިއެވެ.

ފިލްމުގެ ޕްރޮޑިއުސްކުރާ ސެޓާން ސްޓޫޑިއޯއިން ދާދިފަހުން ހާމަކޮށްފައިވާ ގޮތުގައި އެ ފިލްމުގެ ޝޯތަކަށް ޓިކެޓު ބުކް ކުރުމުގެ ފުރުސަތު މީގެ ކުރީން އޮތީ ހުޅުވާލާފައެވެ. އަދި އެ ބުކިން ހަދާފައިވާ މީހުންނަށް އިއްޔެ ޓިކެޓު ދޫކޮށްފައިވާ ކަމަށް އެ ޕްރޮޑަކްޝަނުން ހާމަކޮށްފައިވެއެވެ.

ފިލްމުގެ އެހެން ޝޯތަކަށް ވެސް ޓިކެޓު ދޫކުރަން ފަށާފައިވާއިރު މިހާރު އޮލިމްޕަސް ސިނަމާ ކައުންޓަރުން ޓިކެޓު ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ކަނބުލޮ ފިލްމު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހެވެ.

މި ފިލްމުގެ ފަހަތުގައި ވަނީ ކަމަނާގެ ޓީމް ކަމަށްވާއިރު، އެ ފިލްމެކޭ އެއްގޮތަށް 'ކަނބުލޮ'ގެ ލީޑަކީ ވެސް މަރިޔަމް އައްޒައެވެ.

އައްޒަގެ އިތުރުން ފިލްމުގެ ރޯލުތަކުން އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި އަހުމަދު ނިމާލާއި ޝީލާ ނަޖީބާއި އަހުމަދު އީސައާއި ވާޝިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާ ފެންނާނެއެވެ.

ކަނބުލޮއަކީ ގެވެށި އަނިޔާއާއި ކުޑަކުދިންނަށް ކުރަމުންދާ ގޯނާތަކުގެ މައްޗަށް އަލިއަޅުވާލާ ފިލްމެކެވެ.

މިއީ ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޔަޝްފާ އަބްދުލްޣަނީ 2009ވަނަ އަހަރު ނެރުނު ވާހަކަ ކަމަށްވާ "ޔުކްތާ"އަށް ބިނާކޮށް ތައްޔާރު ކުރާ ފިލްމެކެވެ. ޔުކްތާ އަކީ 2009ވަނަ އަހަރުގެ ވާހަކަ މުބާރާތުން އެންމެ މޮޅު ވާހަކައަށް ހޮވުނު ވާހަކައެވެ.

މި ވާހަކައަށް ބިނާކޮށް ތައްޔާރުކުރާ ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކުރީ މަހުދީ އަހުމަދެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ އަލީ ޝާނިޒް މުހައްމަދާއި ހުސެން މުނައްވަރެވެ.

comment ކޮމެންޓް