ރިލީޒްކުރުމަށް ފަހު ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ބޮލީވުޑް ފިލްމު "ސައްޔާރާ"ގެ ސީކުއަލްއެއް އުފައްދުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު މޯހިތު ސުރީ ބުނެފިއެވެ.
މޯހިތު މިގޮތަށް ބުނެފައިވަނީ ކުޅަދާނަ ޑައިރެކްޓަރު ސިދާތު އާނަންދު ފިލްމު "ސައްޔާރާ"ގެ ސީކުއަލްއެއް އުފައްދަން ޝައުގުވެރިވާ ކަމަށް ބުނެފައިވަނިކޮށެވެ.
މީޑިއާއަށް ދިން އިންޓަވިއުއެއްގައި މޯހިތު ބުނެފައިވަނީ ފިލްމު "ސައްޔާރާ"އަކީ ދެވަނަ ބައެއް ނުވަތަ ސީކުއަލްއެއް އުފެއްދުމުގެ ވިސްނުމުގައި ގެނެސްދިން ފިލްމެއް ނޫންކަމުން އެ ފިލްމުގެ ދެވަނަ ބައެއް ގެނެސްދިނުމުގެ ޚިޔާލެއް ނުގެންގުޅޭ ކަމަށެވެ.
ފިލްމު "ސައްޔާރާ"ގެ ކާމިޔާބީއާ ގުޅިގެން "ޕަތާން"ގެ ޑައިރެކްޓަރު ސިދާތު އެކްސްގައި ކުރި ޕޯސްޓެއްގައި މޯހިތުގެ ޓީމަށް މަރުހަބާ ކިޔަމުން ބުނެފައިވަނީ އެ ފިލްމުގެ ދެވަނަ ބަޔަކަށް ވަރަށް ބޮޑަށް އިންތިޒާރުކުރެވޭ ކަމަށެވެ.

ފިލްމު "ސައްޔާރާ"އާ ގުޅިގެން ޑައިރެކްޓަރު/ޕްރޮޑިއުސަރު ސިދާތު އާނަންދު އެކްގައި ކުރި ޕޯސްޓު--ފޮޓޯ/އިންޑިއާޓުޑޭ
ސިދާތަކީ ފިލްމު ޕްރޮޑިއުސަރެއްކަމުން ކޮންމެ ފިލްމެއްގެ ވެސް ނިމުމަށް ފަހު ދެވަނަ ފިލްމަކަށް އިންތިޒާރުކުރުމަކީ ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން އަންނާނެ ވިސްނުމެއް ކަމަށް މޯހިތު ވަނީ ބުނެފައެވެ.
ޔަޝް ރާޖް ފިލްމްސްއާ ގުޅިގެން މޯހިތު ގެނެސްދިން "ސައްޔާރާ"އަކީ ވިޔަފާރީގެ އުސޫލުން މާ ބޮޑު ފައިދާތަކެއް ހޯދުމަށް އުފެއްދި ފިލްމެއް ނޫން ކަމަށާއި އެއީ ވަރަށް ރީތި ސާދާ ލޯބީގެ ވާހަކައެއް ގެނެސްދިން ފިލްމެއް ކަމަށް މޯހިތު ވަނީ ބުނެފައެވެ.
ވިޔަފާރީގެ އުސޫލުން އެ ފިލްމުން އިތުރު މަންފާތަކެއް ހޯދުމަށް ވިސްނައިފިނަމަ ފިލްމު އުފެއްދި މަގުސަދު ވެސް އޮޅުނީ ކަމަށާއި އެހެންވެ އިހަށް ބޭނުންވަނީ ފިލްމު އެ ގޮތުގައި ބޭއްވުމަށް ކަމަށް މޯހިތު ވަނީ ބުނެފައެވެ.
އަހާން ޕާންޑޭއާއި އަނީތު ޕައްޑާ ލީޑް ރޯލް ކުޅެފައިވާ މި ފިލްމަކީ އަހާން ފިލްމު އިންޑަސްޓްރީއަށް ތައާރަފުވި ފިލްމެވެ. އަހާންއާއި އަނީތު ޕައްޑާގެ ލޯބީގެ ޖާދޫގައި ނުޖެހޭ ބަޔަކު މިހާރު މަދުވެފައިވާއިރު މި ފިލްމުގެ މިއުޒިކަށް ވެސް އާއްމުންގެ ފަރާތުން އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.