އިންޑިއާގައި ފެންބޮޑުވެ، 100 އަށްވުރެ ގިނަ މީހުން ގެއްލިއްޖެ

އުއްތަރުކާޝީ ސަރަހައްދަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ފޮޓޯ/ގެޓީ

އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތަރަކަންދަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހިނގި ފެންބޮޑުވުމުގެ ހާދިސާއެއްގައި 100 އަށްވުރެ ގިނަ މީހުން ގެއްލިއްޖެއެވެ.

އުއްތަރަކަންދުގެ ދަރާލީ އަވަށުގައި ހިނގި އެ ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން މިހާރު އަންނަނީ ކުރަމުންނެވެ. އެ ހާދިސާގައި ހަތަރު މީހަކު މަރުވެފައިވާ ކަމަށް ވެސް ރިޕޯޓުތަކުގައިވެއެވެ.

އިއްޔެއިން ފެށިގެން ސިފައިންގެ ބައެއް ޓީމުތައް ދަރާލީގައި ތިބި ނަމަވެސް މަގުތަކަށް ގެއްލުންވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ޑިޒާސްޓާ ރެސްޕޮންސް ފޯސްތަކާއި ޑިސްޓްރިކްޓް އޮފިޝަލުންނަށް ވަނީ އެ ސަރަހައްދަށް ނުދެވިފައެވެ.

ފާއިތުވި ހަފުތާތަކުގައި އުއްތަރަކަންދުއަށް ބޯކޮށް ވާރޭވެހިފައިވާއިރު، ދަރަލީ އަވަށު އޮންނަ އުއްތަރުކާޝީއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އެ ސަރަހައްދުގެ ގިނަ ހިސާބުތަކުގައި ފެންބޮޑުވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އުއްތަރަކަންދުގެ ޗީފް މިނިސްޓަރު ޕުޝްކާ ސިންގް ދާމީ މިއަދު ހެނދުނު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އުއްތަރުކާޝީން މިހާތަނަށް ގާތްގަނޑަކަށް 130 މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ.

ދަރާލީއަށް ކުއްލި ގޮތަކަށް ބޯކޮށް ވާރޭ ވެހެން ފެށީ އިއްޔެ އިންޑިއާ ގަޑިން 13:30 ހާއިރެވެ. ވާރޭގެ ސަބަބުން ޚީރްގަންގާ ކޯރު ބަންޑުންޖަހާލައި، ކިސަޑާއެކު މުޅި ސަރަހައްދު ވަރަށް ބޮޑަށް ފެންބޮޑުވީއެވެ.

ހޫނު މޫސުމުގައި ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށްވާ ދަރާލީ އޮންނަނީ އިންޑިއާ ސިފައިންގެ ބޮޑު މަރުކަޒެއް ހުންނަ ހަރުސިލްއާ ދެ ކިލޯމީޓަރު ދުރުގައެވެ. އަދި އިންޑޯ-ޓިބެޓަން ބޯޑާ ޕޮލިސްގެ ކޭމްޕެއް ވެސް އެ ސަރަހައްދާ ކައިރީގައި ހުރެއެވެ.

ހުޅަނގު ހިމާލަޔާސް ފަރުބަދަމަތީގައި އޮންނަ އުއްތަރަކަންދަކީ ބިންގަނޑު ކަނޑައިގެންގޮސް ފެންބޮޑުވުމުގެ ހާދިސާތައް ގިނައިން ހިނގާ ސަރަހައްދެކެވެ.

comment ކޮމެންޓް