75 ޕޮއިންޓް ލިބުނު 315 މީހަކަށް ފްލެޓް ދިން މައްސަލަ އޭސީސީއަށް

އޭސީސީގެ ރައީސާއި މެންބަރުން: އުސޫލާ ޚިލާފަށް، 76 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިފައިވާ 301 މީހަކަށް ފްލެޓް ކަނޑައަޅާފައިނުވަނީސް، 75 މާކްސް ލިބުނު 315 މީހަކަށް ފްލެޓް ދިން މައްސަލައެއް ވަނީ އޭސީސީއަށް ހުށަހަޅައިފައި -- ފޮޓޯ/ އޭސީސީ

ކުރީ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން، 76 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިފައިވާ 301 މީހަކަށް ފްލެޓް ކަނޑައަޅާފައިނުވަނީސް، 75 މާކްސް ލިބުނު 315 މީހަކަށް އުސޫލާ ޚިލާފަށް ފްލެޓް ދިން މައްސަލައެއް ހައުސިން މިނިސްޓްރީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މިއަދު ހުށަހަޅައިފިއެވެ.

ހައުސިން މިނިސްޓްރީން އޭސީސީގެ ރައީސް އާދަމް ޝާމިލަށް ފޮނުވި ސިޓީއެއްގައި ބުނީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުުރުމާއި އެ ފަރާތްތަކަށް ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ފްލެޓް ލިބުނު މީހުންގެ މައުލޫމާތު މިނިސްޓްރީން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ހިއްސާކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ބައެއް މީހުންނަށް ފްލެޓް ދީފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.

ކުރީ ސަރުކާރުން އިއުލާނުކުރި އުސޫލުގައި އޮންނަނީ، ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ލިބޭނީ 76 ޕޮއިންޓުން ފެށިގެން މާކްސް ލިބުނު ފަރާތްތަކަށް ކަމަށާއި، އެ ފަރާތްތަކަށް ލިބޭ ފްލެޓް ކަނޑައެޅުމަށް ފަހު ބާކީވާ ފްލެޓްތައް 75 މާކްސް ލިބިފައިވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހުންނަށް ދޭނެ ކަމަށެވެ.

ނަމަވެސް، 76 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިފައިވާ 301 މީހަކަށް ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނުނަގައި، 75 މާކްސް ލިބުނު 315 މީހަކަށް ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގައި އެ މީހުންނަށް ފްލެޓް ދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެހެންވެ، 76 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބުނު ބައެއް މީހުންނަށް ފްލެޓްތައް ކަނޑަނާޅާ 75 ޕޮއިންޓް ލިބުނު މީހުންނަށް ކަނޑައަޅާފައިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ހޯދުމަށް އެދުނު މީހުންގެ މަސްލަހަތަށް އުނިކަން އަންނަ ގޮތަށް، ވަކި ބަޔަކަށް ފައިދާ އަދި ވަކި ބަޔަކަށް ގެއްލުން ދިނުމުގެ މަގުސަދުގައި ކަމަށް ގަބޫލުކުރެވޭ ކަމަށް، މިނިސްޓްރީގެ ސިޓީގައި ވެއެވެ.

އެހެންވެ، އެ މައްސަލަ ތަހުގީގުކޮށްދިނުމަށް މިނިސްޓްރިން ވަނީ އޭސީސީގައި އެދިފައެވެ.

ފާހަގަކުރެވޭ ގޮތުގައި މިނިސްޓްރީން އެފްޑީސީއަށް ފޮނުވި ލިސްޓެއްގައި މައްސަލަތައް ހުރުމުން، ގެދޮރުވެރިޔާ ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރުން މަޑުޖައްސާލާފައިވެއެވެ.

އެކަމާ ގުޅިގެން ސުވާލުކުރުމުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، ފްލެޓަށް ހުށަހަޅާފައި ހުރި މީހުންގެ ލިސްޓު އެފްޑީސީއަށް ފޮނުމުގެ ކުރިން އެ މީހުންގެ ލިޔުންތަކުގެ ސައްހަކަން މިނިސްޓްރީން ކަަށަވަރުކުރާނެ ކަމަށެވެ.

ނަމަވެސް މައްސަލަތަކެއް ހިމެނޭ ލިސްޓެއް އެ ކޯޕަރޭޝަނަށް މިނިސްޓްރީން ފޮނުވުނުކަން ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެހެންވެ، ސޮއިކުރުން މެދުކަނޑާލީ ހަމައެކަނި އެ މީހުންގެ އެއްބަސްވުންތައް ކަމަށާއި އެހެނިހެން އެއްބަސްވުންތަކުގައި ސޮއިކުރުން މެދުނުކެނޑި ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/209489

ފުލެޓަށް ގުރު ނެގުމުގެ މައްސަލައިގައި، ކުރީގެ ސަރުކާރުގައި ފުލެޓާއި ގޯތި ދޫކުރުމުގައި އިސްކޮށް ހުންނެވި، ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ 76 މާކްސް ލިބުނު މީހުންގެ ތެރެއިން ގުރު ނަގައިފައި ނުވަނީ ދެ ފުލެޓަށް ޝަރުތު ހަމަވި ދެމަފިރިންގެ ކަމަށެވެ. އެގޮތަށް ދިމާވި މީހުންނަށް، ކޮންމެ ދެމަފިރިއަކަށް އެއް ފުލެޓް ރިޒާވްކޮށްފައި ހުންނާނެ ކަމަށާއި، މިނިސްޓްރީން މައުލޫމާތު އޮޅުވާލަނީ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަން ނިމެން ގާތްވެފައި ވަނިކޮށް 4،000 ފުލެޓް ހައްގުވާ މީހުންގެ ލިސްޓު ނެރުނު ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ ލިސްޓުގައި މައްސަލަ އުޅޭ ކަމަށް ބުނެ ފުލެޓު ދިނުން ހުއްޓުވައިފައެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ލިސްޓު މުރާޖާ ކުރުމަށް ފަހު، އައު ލިސްޓު ނެރުނީ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން މިދިޔަ ފެބްރުވަރީ މަހެވެ.

އެ ލިސްޓާ ގުޅޭ ގޮތުން ވެސް ގިނަ ބަޔަކު ޝަކުވާ ކުރަމުން ދަނިކޮށް ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވަނީ ފުލެޓުތައް ދޭނީ ކުރީ ސަރުކާރުގެ ދާއިމީ ލިސްޓަށް ކަމަށް ވިދާޅުވެފައެވެ.

މިދިޔަ މަހުގެ 29ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު އަަބްދުﷲ މުއްތަލިބު ވިދާޅުވީ، 4،000 ފުލެޓުގެ ތެރެއިން މިހާތަނަށް އަމަލީ މަސައްކަތް ނިމިފައިވަނީ 1،000 ފުލެޓުގައި ކަމަށާއި، އަމާޒަކީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ ފުލެޓެއްގެ މަސައްކަތް ނިންމުން ކަމަށެވެ.

އެ ފުލެޓުތައް މިހާރު ހަވާލުކުރަން އުޅޭއިރު ފުލެޓާއި ގޯތީގެ މައްސަލައިގައި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ ފަހި ޔޫނިއަންއިން ޖަމިއްޔާއިން ވަނީ މި ސަރުކާރުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފްލެޓްތަކާއި، ހިޔާ އަދި ވިނަރެސް ފްލެޓާއި، ރާއްޖޭގެ އެހެން ސޯޝަލް ހައުސިން ޔުނިޓަކުގެ ކުލި ކުޑަކުރި ގޮތަށް، އެފްޑީސީގެ 4،000 ފްލެޓުގެ ކުލި ކުޑަކޮށްދިނުމަށް ގޮވާލައިފައެވެ.

comment ކޮމެންޓް