ހަތް މަސް ތެރޭ ހިލޭ އެހީއަށް ލިބުނީ އަންދާޒާކުރި އަދަދުގެ އެންމެ ހަތް ޕަސެންޓް

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ފިނޭންސްގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ހަތް މަސް ތެރޭ ރާއްޖެއަށް ހިލޭ އެހީއަށް ލިބުނީ އަންދާޒާކުރި އަދަދުގެ އެންމެ ހަތް ޕަސެންޓް -- ފޮޓޯ/ ރައީސް އޮފީސް

މި އަހަރުގެ ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 2.59 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ދައުލަތުގެ ބަޖެޓުގައި އަންދާޒާކޮށްފައި އޮތް ނަމަވެސް، ފާއިތުވި ހަތް މަސް ތެރޭ ހިލޭ އެހީއަށް ލިބުނީ އޭގެ ތެރެއިން އެންމެ ހަތް ޕަސެންޓް ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން މިއަދު ދައްކައިފިއެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތު ދަށްވެ، ދަރަނި ބޮޑުވެފައިވާ މި ދުވަސްވަރު ހިލޭ އެހީއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާއިރު، ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 172.6 މިލިއަން ރުފިޔާއެވެ. އެއީ، ބަޖެޓުކުރި އަދަދުގެ ހަތް ޕަސެންޓެވެ. އަދި، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އަދަދަށްވުރެ 51 ޕަސެންޓް ދަށް އަދަދެކެވެ.

އެހެންނަމަވެސް، ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ އާމްދަނީ، ޚަރަދަށްވުރެ ދަށްކަން ފާހަގަކޮށް ބަޖެޓްގެ ސާޕްލަސް ދެމެހެއްޓުމުގައި ރިކޯޑެއް ހަދާފައިވާ ކަމަށް ބުނެފައެވެ. މިދިޔަ މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 22.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޚަރަދުކޮށްފައިވަނީ 21.9 ބިލިއަން ރުފިޔާއެވެ.

އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ މުދަލާއި ޚިދުމަތުގެ އަގުން ނަގައި ޓެކްސް (ޖީއެސްޓީ)އަށް 9.54 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރޭގައި ޖެނެރަލް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޖީޖީއެސްޓީ)އަށް ލިބުނު 2.87 ބިލިއަން ރުފިޔާއާއި ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ)އަށް 6.67 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

މި ސަރުކާރުގެ ރިކަރަންޓް ޚަރަދުތައް މިދިޔަ އަހަރަށްވުރެ ދަށްވި ނަމަވެސް މުސާރައާއި އިނާޔަތްތަކަށް ކުރާ ޚަރަދު ވަނީ އިތުރުވެފައެވެ. އެގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި މުސާރައާއި އިނާޔަތްތަކަށް ޚަރަދު ކުރީ 7.85 ބިލިއަން ރުފިޔާ ނަމަވެސް، މި އަހަރު 8.40 ބިލިއަން ރުފިޔާ ޚަރަދުކުރިއެވެ.

ބަޖެޓް އަރަނިވިކަން ސަރުކާރުން ފާހަގަކުރާއިރު، އޭގެ މައިގަނޑު ސަބަބެއް ކަމަށް ތަފާސްހިސާބުން ދައްކަނީ މަޝްރޫއުތަކަށް ކުރާ ޚަރަދު ވަރަށް ބޮޑަށް މަދުކޮށްފައިވުމެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ކެޕިޓަލް ޚަރަދު 6.87 ބިލިއަނަށް އަރާ ނަމަވެސް މި އަހަރު އެ އަދަދު ހުރީ 60.8 ޕަސެންޓް ދަށްކޮށް، 2.70 ބިލިއަން ރުފިޔާގައެވެ.

ރާއްޖެއިން ހިލޭ އެހީ ހޯދަން އާންމުކޮށް ވެސް ބަޖެޓުގައި ބޮޑެތި އަދަދުތައް ޖަހާ ނަމަވެސް، އެއާ އެއްވަރަަށް ފައިސާ ނުލިބެއެވެ. ނަމަވެސް، އެ ލިބޭ އަދަދު ވެސް މިހާރު ދަނީ އަހަރުން އަހަރަށް ދަށްވަމުންނެވެ. އެގޮތުން މިދިޔަ އަހަރަށް ފާސްކުރި ބަޖެޓުގައި ހިލޭ އެހީއަށް 1.47 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައި އޮތް ނަމަވެސް އޭގެ ތެރެއިން ދެބައިކުޅަ އެއް ބަޔަށްވާ ފައިސާ ވެސް ނުލިބެއެވެ. އެގޮތުން، މިދިޔަ އަހަރު ހިލޭ އެހީއަށް ލިބިފައިވަނީ 660 މިލިއަން ރުފިޔާއެވެ. އެއާ އަޅައިބަލާއިރު، އޭގެ ކުރީ އަހަރު ކަމަށްވާ 2023ގައި ހިލޭ އެހީއަށް 1.02 ބިލިއަން ރުފިޔާ ރާއްޖެއަށް ލިބުނެވެ.

ރާއްޖެއަށް އެންމެ ގިނައިން ލޯނާއި ހިލޭ އެހީ ދޭ ގައުމުތަކުގެ ތެރޭގައި ޗައިނާއާއި އިންޑިއާ ހިމެނެއެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރާނެކަމުގެ ރިޔާސީ ވައުދާއެކު އައި މި ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު އިންޑިއާއާ ވަރަށް ބޮޑަށް ގުޅުން ގޯސްވެ، އެ ގައުމުގެ ފަތުރުވެރިން އައި އަދަދު ވެސް ދަށްވިއެވެ.

https://sun.mv/209043

އެހެންނަމަވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިސް ނެންގެވުމާއެކު އިންޑިއާއާ ގުޅުން ބަދަހިކުރަން ގިނަ މަސައްކަތްތަކެއް ކުރައްވައި، ދެ ގައުމުގެ ގުޅުން މިހާރު ހަމައަކަށް އެޅިފައިވާ ކަމަށް ދެ ސަރުކާރުން ބުނެއެވެ. އޭގެ ފަހުން، ރާއްޖެއިން އިންޑިއާއަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން ދެ ފަހަރެއްގެ މަތިން ފަސްކޮށްދީފައިވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައި ރާއްޖެ ވަޑައިގެން އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް 565 މިލިއަން އެމެރިކާ ޑޮލަރުގެ އާ ކްރެޑިޓް ލައިނެއް ދެއްވުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވެއެވެ.

މި ސަރުކާރުން ވެރިކަމަށް އައީ އެހީ ލިބޭނެކަމުގެ ފެހި ސިގްނަލް ލިބިފައިވާކަމުގެ ޔަގީންކަމާއެކު ނަމަވެސް، މިހާތަނަށް މާ ބޮޑު އެހީއެއް ލިބިފައިނުވެއެވެ.

comment ކޮމެންޓް