އޭޝިއާ މުބާރާތުން ރާއްޖޭގެ އަންހެން ރާޅާއެޅުންތެރިން ރެޕޯ ބުރަށް

މުބާރާތުގައި ވާދަކުރަމުން އަންނަ ރާއްޖޭގެ އަންހެން ރާޅާއެޅުންތެރިއެއް-- ފޮޓޯ: ސިޑިބަރި

އިންޑިއާގެ ޓެމިލްނާޑޫގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ތިން އަންހެން ރާޅާއެޅުންތެރިން ރެޕޯ ބުރުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ އަންހެން ތިން ރާޅާއެޅުންތެރިންނަކީ މަރިޔަމް ރާހިލް ނަސީމް (އާޔާ)، ރިޝްތާ ސުޖާއު އަދި ޝަޒިޔާ ސައީދު (ޝާޒް) އެވެ.

މުބާރާތުގެ އަންހެނުންގެ ބައިގެ ފުރަތަމަ ބުރުގެ ހީޓުތަކުގެތެރެއިން ރާހިލް ވާދަކުރީ ދެވަނަ ހީޓުގައެވެ. އޭނާ ވަނީ 1.30 ގެ ސްކޯއަކާއަކާއެކު މި ހީޓުގެ ދެވަނަ ހޯދާފައެވެ.

މީގެއިތުރުން ހީޓް ނުވައެއްގައި ވާދަކުރި ރިޝްތާ ވެސް ވަނީ 1.47ގެ ސްކޯއަކާއެކު އެ ހީޓުގެ ދެވަނަ ހޯދާފައެވެ. ރާއްޖޭގެ ޝާޒިޔާ ވާދަކޮށްފައިވަނީ ހީޓު 10 ގައެވެ. މި ހީޓުގައި 2.46ގެ ސްކޯއަކުން ޝާޒިޔާއަށް ލިބުނީ ތިންވަނަ މަގާމެވެ.

މި މުބާރާތުގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ފިރިހެން ރާޅާއެޅުންތެރިން ވެސް ވަނީ ރެޕޯ ބުރުން ޖާގަ ހޯދާފައެވެ. އެއީ ހޫދު އަހުމަދާއި އިސްމާއީލް ރަޝީދެވެ. ރާއްޖޭގެ ކެޕްޓަން އަހުމަދު އާގިލް (އައްމަޑޭ) ވަނީ ފުރަތަމަ ބުރުގެ ހީޓުން އެއްވަނަ ހޯދާ ސީދާ ތިންވަނަ ބުރަށް ދަތުރުކޮށްފައެވެ.

މުބާރާތުގައި ވާދަކުރާ ގައުމީ ސީނިއާ ފިރިހެން ޓީމުގައި ހިމެނޭ އެތުލީޓުންނަކީ ކެޕްޓަން އައްމަޑޭ، ސްމައިލީ އަދި ހޫދު އެވެ. ޖޫނިއާ ޓީމުގައި ހިމެނެނީ ޔޫސުފް ކަޔާން ހަމްދާން ޒަކީ، ޔަސީން އަހުމަދު ނާޝިދު، ކަޔާން އަބްދުالله އަރީފް އެވެ.

comment ކޮމެންޓް