ކައުންސިލުތަކުގެ އާމްދަނީ އިތުރުކޮށް، ރަށްރަށުގެ އިގުތިސާދު ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އިން ކޮށްފިއެވެ.
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްއިން ބުނީ މި މަޝްވަރާއަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރެއިން، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ރަށްތައް ކުރިއެރުވުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތައް ފުރިމަކުރުމަށް ކުރެވެންހުރި މަސައްކަތްތަކާއި ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކެއް ކަމަށެވެ.
ރައީސްގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނެނީ ކައުންސިލުތަކުގެ އާމްދަނީ އިތުރުކޮށް، ރަށްރަށުގެ އިގުތިސާދީ ތަރައްގީ ކުރިއެރުވުމަށް ބޭންކިން ސިސްޓަމްގެ ތެރެއިން ކައުންސިލުތަކަށް ފައިނޭންސް ލިބޭނޭ ގޮތް ފަހިކޮށްދިނުމާއި، ކައުންސިލުތަކަށް އާމްދަނީ ހޯދައިދިނުމުގެ ގޮތުން، އަތޮޅު ފިހާރަތަކުން ލިބޭ ކުލި، ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލުތަކަށް ޖަމާކުރުމެވެ.
ކައުންސިލްތަކުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތައް ބާރުވެރިކުރުވުމަށް ކައުންސިލުގެ ބްލޮކް ގްރާޓުން ކޮމިޓީއަށް ލިބޭ ފަސް އިންސައްތަ އަކީ ހަމައެކަނި އެ ކޮމިޓީން ހިންގަން ބޭނުންވާ ހަރަކާތްތަކަށް ޚާއްސަކުރެވޭ އެއްޗަކަށް ހެދުމުގެ އިތުރުން ކައުންސިލުތަކަށް ބްލޮކް ގްރާންޓް ދޭ އުސޫލަށް ހެޔޮ ބަދަލެއް ގެނައުމަކީ ވެސް ރައީސްގެ ވައުދުފުޅެކެވެ.
ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނީ މި ހުރިހާކަމެއް ފުރިހަމަކުރުމަށް ދެ މިނިސްޓްރީން، ކުރާނެ މަސައްކަތްތަކާއި، ލޯކަލް އޮތީރިޓީ ކުންފުނިން ކުރިއަށްގެންދާ މަޝްރޫއުތަކަށް ފައިނޭންސް ކުރާނެ ފަރާތްތައް ހޯދައިދިނުމުގެ ކަންކަން ތާވަލާ އެއްގޮތަށް ކާމިޔާބުކަމާއެކު ތަންފީޒުކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައިވާކަމަށެވެ.
ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަން މަސައްކަތް ކުރާ އިސްލާހާއެކު ގިނަ ބައެއްގެ ފާޑުކިޔުން މިވަގުތު ވަނީ ލޯކަލް ގަވަމަންޓް މިނިސްޓްރީ އާއި ސަރުކާރަށް އަމާޒުވެފައެވެ.
ބިލުގައިވާ އިސްލާހުގައިވާ ގޮތުން ނަމަ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެއެވެ. އަދި ކައުންސިލްތަކަށް އާމްދަނީ ދޫކުރަންވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ޚިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެކެވެ.
އަދި ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކު އެކައުންޓުތައް ބަލަހައްޓަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ކަމަށާއި، އެ އެކައުންޓުތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް އެ މިނިސްޓްރީން އެދިއްޖެ ހާލަތުގައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ.