ހަތަރެއް ނުވަތަ ތިން އަހަރު ދުވަހުގެ ސަނަދެއް ހޯދައިގެން ކިޔަވައިދިނުން މުހިންމު ނަމަވެސް، އެ ކަމަށް ރާއްޖޭގެ ހާލަތު ތަންނުދޭ ކަމަށާއި އެގޮތަށް އަމަލުކޮށްގެން ރާއްޖޭގައި އޮތް މުދައްރިސުންގެ މައްސަލަ ހައްލުނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރޭ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސުކޫލުތަކަށް އެކަށީގެންވާ ޓީޗަރުން ނުލިބުމުގެ ކަންބޮޑުވުން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރެއެވެ.
މިނިސްޓަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ވަރަށް ތަފުސީލުކޮށް ސުކޫލުތަކަށް ޓީޗަރުން ބޭނުންވާ މިންވަރު ކިޔައިދެއްވާފައެވެ.

ސްކޫލެއްގައި ޓީޗަރަކު ދަރިވަރުންނަށް ކިޔަވައިދެނީ: މިނިސްޓަރު ވިދާޅުވީ، ހަތަރު އަހަރުގެ ސަނަދެއް ހޯދައިގެން ކިޔައިވަައިދޭން ތިބެގެން ޓީޗަރުންގެ ދަތިކަން ހައްލެއް ނުވާނެ ކަމަށް --- ސަން ފައިލް ފޮޓޯ
އެގޮތުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވަނީ ޓީޗަރުން ނުލިބުމުގެ ކާރިސާއަކާ ކަމަށާއި މިދިޔަ ތަނުގައި ޓީޗަރުންގެ ދުޅަހެޔޮކަމާއި ވަޒީފާގެ ރައްކާތެރިކަމަށް ބަލަހައްޓާފައިނުވާ ކަމަށެވެ. މިދިޔަ ދުވަސްތަކުގައި އާ ޓީޗަރުން ތަމުރީނުކުރަން ގައުމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތެއް ވެސް ކޮށްފައިނުވާ ކަމަށާއި ދާއިރާއަށް ސްކޫލުތަކުން ދަރިވަރުން ނެރުމަށް ބާރުއަޅާފައިނުވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.
އެކަމުގެ ނަތީޖާއެއްގެ ގޮތުން، 2023 ނިމުނުއިރު ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭން ބޭނުންވާ 600 އަށް ވުރެ ގިނަ ޓީޗަރުން ނުލިބި ދަރިވަރުން 'ބިކަވެފައި' ތިބެން ޖެހުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އުނގެނުމުގައި ޚާއްސަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ނެތުމުގެ މައްސަލަ ކުރިމަތިވެ، އެއްވެސް ތަމުރީނެއް ލިބިފައިނެތް ފަރާތްތަކެއް ޚާއްސަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންކުރުމަށްވުރެ، އެ ދާއިރާއިން އެއް އަހަރު ދުވަހުގެ ޑިޕްލޮމާއަކާއެކު ތަމުރީނުވެ ތައުލީމީ ދާއިރާއަށް ވަންނަ މުދައްރިސް ވެސް ރަނގަޅު ވާނެއެވެ. އެފަރާތްތަކަށް ޖެހޭނީ ޑިގްރީ ފުރިހަމަ ކުރުމަށް ބާރުއަޅާ އިތުރަށް އެހީތެރިކަންދޭށެވެ، މިނިސްޓަރު އިސްމާއިލް ޝަފީއު
މިނިސްޓަރު ވިދާޅުވި ގޮތުގައި، އެއް އަހަރުގެ ޑިޕްލޮމާއާ އެކު ޓީޗަރުންނަށްވި ފަންނީ އެތައް ބަޔަކު މި ގައުމުގައި ތިބޭނެއެވެ. އެ މީހުންނަކީ ދަށް ބައެކޭ ނުބުނެވޭ ވަރުގެ މޮޅު މުދައްރިސުންގެ ގޮތުގައި ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.
ދެހާސް ބާވީސް ވަނަ އަހަރު އެކުލަވާލި ޓީޗަރުންގެ ޖޮބް މެޓްރިކްސްގައި ލެވަލް ފަހެއްގެ ޑިޕްލޮމާ ސެޓްފިކެޓަކަށް ސެން ކުލާސްތަކުގައި ކިޔަވައިދޭނެ ޓީޗަރުންނަށް ދާއިމީ ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ލިޔެފައިވާކަން ޝަފީއު ފާހަގަކުރެއްވިއެވެ.

އިސްކަންދަރު ސްކޫލްގެ ޓީޗަރެއް ކްލާސް ރޫމްގައި ކިޔަވައިދެނީ: ހަތަރު އަހަރުގެ ސަނަދެއް ހޯދައިގެން ކިޔައިވަައިދޭން ތިބެގެން ޓީޗަރުންގެ ދަތިކަން ހައްލެއް ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި --- ސަން ފޮޓޯ/ އަހްމަދު އައިމަން
ހަމައެހެންމެ، ޓީޗަރެއްގެ އަތުގައި ފުރަތަމަ ޑިގުރީގެ ސަނަދެއް އޮތުން މުހިންމު ކަމަށް ވިޔަސް ތިނެއް ނުވަތަ ހަތަރު އަހަރުގެ ސަނަދެއް ހޯދައިގެން ޓީޗަރުން ކިޔަވައިދޭން މަޑުކުރުމަށް ރާއްޖޭގެ ހާލަތު ތަންނުދޭ ކަމަށް މިނިސްޓަރު ގަބޫލުކުރައްވައެވެ.
މިއީ މުދައްރިސުން ލިބުމުގައި ދިމާވެފައިވާ އެކި ގޮންޖެހުންތަކާ ހެދި ބައެއް ގައުމުތަކުގައި އަމަލުކުރާގޮތެއް ވެސް ނޫނެވެ. މި ވިސްނުމަށް އަމަލުކޮށްގެން ދުވަހަކު ވެސް ރާއްޖޭގައި މިއޮތް މުދައްރިސުން މަދުވުމުގެ ހާލަތު ބަދަލެއް ނުވާނެއެވެ، އެޑިއުކޭޝަން މިނިސްޓަރު
ޓީޗަރުންގެ ދަތިކަން ހައްލުކުރުމަށް ތަފާތު މަގުތައް ތައާރަފުކޮށް، މުޖުތަމައުގައި ޓީޗަރުންނަށް އިހުތިރާމާއި ގަދަރު ދޭން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން، ޓީޗަރުންގެ ދެކެ ލޯބިވާ މުޖުތަމައެއް އުފަންވެ، ދާއިރާއަށް ވަނުމަށް ހިތްވަރު ދޭންޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ޝަފީއު ސިފަކުރެއްވި ގޮތުގައި، އެއީ 'ސިޔާސީ ގޭސް އެނބުރުމަށްވުރެ' ހައްސާސީ ކަމެކެވެ.
ސްކޫލުތަކަށް ބޭނުންވާ ޓީޗަރުން ހޯދަން މިނިސްޓްރީން ދޭތެރެއަކުން އިއުލާނުކުރެއެވެ. ނަމަވެސް، އެކަށީގެންވާ ވަރަށް ޓީޗަރުން ނުލިބޭކަމުގެ ޝަކުވާތައް އަބަދު ވެސް ކުރެވެއެވެ.