އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އުޅުއްވަނީ ކެބިނެޓު އެކުލަވައިލައްވާށެވެ. ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެ ހުންނެވީ މާ ކުރިން ރިޔާސީ އިންތިޚާބަށް ނުކުންނަވާނެކަން އިއުލާނުކުރައްވައިގެންނެވެ. އެންމެ ސީނިއާކޮށް، ޕާޓީގައި ނަގާކިޔަން ހުންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އުޅުއްވަނީ ޓީމް ހައްދަވައިގެންނެވެ. ގާތް ބޭބޭފުޅުންނަށް މޭޔަރު އާދަމް އާޒިމް މެދުވެރިކޮށް މަގާމުތައް ވެސް ހަމަޖައްސަވާ ކަމަށް ރަށުތެރޭގައި ކިޔައެވެ. ދެން ހުންނެވީ އެމްޑީޕީ ރޫޅާލަން ނުކުންނަވާފައި، ގޮތް ދޫކުރައްވާ އެނބުރިވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެ މަނިކުފާނު އެ އުޅުއްވަނީ އެއްގޮތެއް ނޫނީ އަނެއް ގޮތަކުން ޞާލިޙް ބަލިކޮށްލެވޭތޯއެވެ.
ސަރުކާރު ޖަވާބުދާރީކުރުވާނެ ބޭފުޅަކު އެ ޕާޓީއެއްގައި ނެތެވެ. ދުރުދުރުން ބަލާއިރު ފެންނަނީ 2026 އާއި 2027ގެ މާ ކުރީގައި އެ ބޭފުޅުންގެ ސިކުނޑިތައް އުޅޭތީއެވެ. މުޅި ޕާޓީގެ ފޯކަސް 2028 އަށް ހުރި ތަނެވެ.
ބާޒާރުގައި އާފަލެއް 10 ރުފިޔާއަށެވެ. ޑޮލަރެއް ހުރީ 20 ރުފިޔާއިން މަތީގައެވެ. މީހުން ތިބީ ދަރާފައެވެ. ވިކިފައެވެ. ލިބޭ އެއްޗަކުން ދެކޮޅެއް ނުޖެހެއެވެ. ކުދި ވިޔަފާރިތަކަށް އެތައް ބިލިއަން ރުފިޔާއެއް ސަރުކާރުން ދަރާފައި އެބައޮތެވެ. ރަށްރަށުގައި މަޝްރޫއެއް ނުހިނގައެވެ. ރައްޔިތުންގެ މަޖިލީހުގައި މި ވާހަކަދައްކާނެ މެންބަރަކު ނެތެވެ. ޝަރުއީ ދާއިރާގެ މިނިވަންކަމާ މެދު ބޮޑެތި ސުވާލުތަކެއް އޮތީ އުފެދިފައެވެ. ބިލިއަން ޑޮލަރުގެ ދަރަންޏެއް ބޯމަތިވާއިރު އިގުތިސާދީ މިސްރާބާ މެދު އޮތީ ޝަކުވާއާއި ކަންބޮޑުވުމެވެ. ތަކެތީގެ އަގު ބޮޑުވެ، އާންމުން އެ ތަކުލީފު އުފުލަނީ ރުޅި ގަދަވެފައި ތިބެގެންނެވެ.
އެކަމަކު، އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ޒިންމާ އެމްޑީޕީއަށް އަދާކުރެވޭހެއްޔެވެ؟ ގާތްގަނޑަކަށް 44،000 އެއްހައި މެންބަރުން ތިބި އެމްޑީޕީގެ ހަރަކާތްތަކުން އެ ނަންބަރެއް ނުފެނެއެވެ. ކުރިން، ޑިމޮކްރަސީ މިއަށްވުރެ މާ ޅައިރު ފެނުނު ހިތްވަރާއި ބުންވަރާއި ޖޯޝާއި ފޯރިއެއް މިހާރު ނުފެނެއެވެ.
އެމްޑީޕީ، އެ ޕާޓީގެ އަސްލު ސިފައިގައެއް ނުފެނެއެވެ. ފެންނަނީ ގިނި މަޑު، ވަރުދެރަ، ބައިބައިވުން ބޮޑު ޕާޓީއެކެވެ. ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުންނެވި މުހައްމަދު ޝަހީދު ހައިކޯޓަށް އައްޔަންކުރަން ނިންމުމުން ވެސް އެމްޑީޕީން މާ ބޮޑު ކަމެއް ނުކުރެއެވެ. ޓުވީޓެއް، ޕޯސްޓެއް ކޮށްލާފައި ބަލަން ތިބީއެވެ. މި ސަރުކާރުގައި ނުފޫޒު ގަދަ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު (ޝުޖާ)އަށް ތުހުމަތުވާ ބޮޑު ކޮރަޕްޝަނެއްގެ ވާހަކަ ފެންމަތިވެ، މުޅި ގައުމުގައި އެ ވާހަކަ އޮތްއިރު އެމްޑީޕީން އެ ކަމަކާ ނޫޅެއެވެ.
"އެ ބޭފުޅުން މާ ބިޒީ. ޓިކެޓް ކަންތަކުގައި އުޅުއްވަނީ. އެހެންކަމަކައިގެން އުޅެވޭ ވަރެއް ނުވޭ އަދި," އިންތިޚާބީ އިސް މަގާމެއްގައި ހުންނެވި އެމްޑީޕީގެ ބޭފުޅަކު ވިދާޅުވިއެވެ.
އިދިކޮޅުގެ ރޯލު ކުޅުއްވަނީ ޔާމީން؟
ޑިމޮކްރަސީއެއްގައި އިދިކޮޅެއްގެ ޒިންމާއަކީ ސަރުކާރަށް ޖެއްސުންކުރުމެއް ނޫނެވެ. ސިޔާސަތުތަކަށް ފާޑުކިޔައި، ގޮތް ބުނުމެވެ. ސަރުކާރުން ކުރާ ނުރަނގަޅު ކަންކަމުގެ ވާހަކަ ރައްޔިތުންނަށް ބުނެދިނުމެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި ބޭރުންނެވެ. އެއް ގޮތެއް ނެތުމުން މަގުމަތިންނެވެ. ރައްޔިތުން ނުރުހުންވީމާ ސަރުކާރުން ގޮތް ދޫކުރާކަން މި ސަރުކާރުގައި ނެގި 'ޔޫ ޓާން'ތަކުން އެނގެން އެބައޮތެވެ. އެމްޑީޕީއަށް އެ މީހުންގެ ޒިންމާއަދާކުރެވޭ ނަމަ ކަންކަން ފާލުން ނެއްޓުނަނުދީ ހިފެހެއްޓޭނެކަން މާޒީން އެނގެން އެބައޮތެވެ.
އެމްޑީޕީ ނުހިނގާ ވާހަކަދައްކާތާ އެތައް ދުވަހެއްވެއްޖެއެވެ. އެތެރޭ ވާދަވެރިކަމުގައި އެ ޕާޓީގެ ޒިންމާ އަދާނުކުރާ ވާހަކަ އެންމެންހެން ގަބޫލުކުރެއެވެ. ކަން އެހެން އޮތަސް، ފޯކަސްއަކީ ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށް ޝާހިދު އެތައް ފަހަރަކު ވިދާޅުވިއެވެ. ރިޔާސީ ރޭހުގެ ކަންކަން ފަހަށް ބަހައްޓަންޖެހޭ ކަމަށް ޞާލިޙް ވެސް ދެކިލައްވައެެވެ. އެމްޑީޕީ ނުހިނގައޭ ވިދާޅުވަނީ ކިހިނެއްތޯ ފައްޔާޒްގެ ހިތްޕުޅުގައި ސުވާލު އުފެދެއެވެ.
"އިބޫ [ޞާލިޙް] އުޅުއްވަނީ ކެމްޕޭންގައި. ޝާހިދު އެބަ މީސްމީހުންނަށް މަގާމުތައް އޮފާކުރޭ. ފައްޔާޒް އުޅުއްވަނީ ރިޔާސީ ޓިކެޓައިގެން. ދެން ކާކު ޕާޓީ ހިންގާނީ؟" އެ ތަނުން އެއް ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު، ޕާޓީ ނުހިނގަނީ ކީއްވެތޯ ސުވާލުކުރުން ވިދާޅުވިއެވެ.
"ޕާޓީ ހިންގާކަށް އެއްވެސް ބޭފުޅަކު ނޫޅުއްވާ. އެންމެން ވެސް ފޯކަސްކޮށްގެން ތިބީ ރިޔާސީ ޓިކެޓަށް. އެ ވާދަވެރިކަން ބޮޑުވީމާ އިތުރު ކަމެއް ނުވަނީ. ޕާޓީ އެކަތިކޮށްގެން، އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކެއް ނުވޭ، އެތެރޭ ވާދަވެރިކަން ވަރަށް ވުރެ ބޮޑުވީމާ. ހަގީގަތް ދޯ އެއީ ގިނަ ކަންކަމާ އެމްޑީޕީއަށް ނޫޅެވޭކަން،"
ޝާހިދު އުޅުއްވަނީ ކެމްޕޭނަށް ރާއްޖޭން ބޭރުގައެވެ. ފައްޔާޒް އުޅުއްވަނީ ޓިކެޓުގެ ބޭނުމުގައެވެ. ޞާލިޙް އުޅުއްވަނީ ކެމްޕޭން ފައްޓަވައިގެންނެވެ. ޕާޓީގެ ކަންކަމުގެ ބަދަލުގައި އަމިއްލަފުޅު ކެމްޕޭންގައެވެ. ނަޝީދު އުޅުއްވަނީ ޞާލިޙް ނޫން ގޮތެއް ހޯއްދަވާށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ލީޑުކުރައްވާނެ ބޭފުޅެއް ވެސް ނެތެވެ. އޭގެ ތެރެއިން ވެސް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު އެ ހުންނެވީ ޓިކެޓުގެ އުންމީދުގައެވެ.
ހަރުގެ ޖަލްސާތަކުގެ އަޑުމަޑެވެ. ގިނަ ލީޑަރުން އެކީގައި ނުފެނެއެވެ. އެއްވުމެއް ނުބޭއްވެއެވެ. ޖޯޝާރި ފޯރި ގެއްލި، ހަނދާން ނެތިއްޖެއެވެ.
އެކަމަކު، އެމްޑީޕީގެ ވެރިން އެ ހަގީގަތް ގަބޫލުކުރޭހެއްޔެވެ؟ ޕާޓީ ނުހިނގާ މައްސަލައިގައި، ޒިންމާދާރު އިދިކޮޅެއް ނެތީމާ މިދިޔަ ނޮވެންބަރުގައި ވެސް ފައްޔާޒާ ސުވާލުކުރިއެވެ. އޭނާ ވިދާޅުވީ، އަސްލު އެމްޑީޕީ ހިންގަންޖެހޭ ގޮތަކީ ކޮބައިތޯއެވެ؟ އެ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. މަގުމަތީ ހަރަކާތްތައް ނުހިނގިޔަސް ޕާޓީގެ މަސައްކަތްތައް ހިނގާ ކަމަށެވެ. ކުރިއަށްވުރެ މާ ބާރަށް ކަންކަން ހިނގާ ކަމަށް އޭރު ވެސް ވިދާޅުވިއެވެ. މަގުމައްޗަށް ނުކުންނަނީ އިތުރު ގޮތެއް ނެތުނީމާ ކަމަށާއި އަބަދު ވެސް އިންތިޚާބުތަކުގެ ނާކާމިޔާބަށް ފަހު އޮންނަނީ ރީސްޓްރަކްޗާކުރުން ކަމަށް ވިދާޅުވިއެވެ.
އެ ޒިންމާ ނަންގަވަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ނެތް، ގާތުގައި ޓީމެއް ނެތް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ސަރުކާރުން ހައްދަވާ ކޮންމެ ގޯހެއްގެ ވާހަކަދައްކަވައެވެ. ބައެއް ފަހަރު އެ ކަމުގެ ހިތި ވެސް ލިބެއެވެ. އެކަމަކު، 'ސިޓިން ރޫމް ޖަލްސާ'ތަކުގެ ނުފޫޒު ސަރުކާރަށް ފޯރައެވެ. ގޯހެއް ވިއްޔާ އެ ވާހަކަދައްކަވައެވެ. ގޯސްތައް ރައްޔިތުންނާ ހަމައަށް ތިލަކޮށްދެއްވައެވެ. މައްސަލައަކީ 43،000 އަށްވުރެ ގިނަ މެންބަރުންނާއި، ނުފޫޒުގަދަ، ބާރުގަދަ ޓީމެއް އޮތް އެމްޑީޕީއަށް އެ ވަރު ވެސް ނުވާތީއެވެ. އިދިކޮޅު ރޯލު ކުޅެނީ އެންމެ 3،000 މެންބަރުންނާ އެކު ޔާމީންގެ ޕީއެންއެފުންނެވެ.
އެހާ އަވަހަށް ތޮޅެން ފެށީ ކީއްވެ؟
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ ޖަނަވަރީ 2028 ގައެވެ. މިއީ އަދި 2025 އެވެ. މީގެ މާ ކުރިން 2024 ގައި އެމްޑީޕީން 'ތޮޅެން' ފަށައިފިއެވެ. ވެރިން އުޅުއްވަނީ ކެމްޕޭންގައެވެ. ޕާޓީގެ ޒިންމާ އަދާކުރައްވާނެ ލީޑަރެއް ނެތެވެ. މިއީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އަލަށް ވެގެން އުޅޭ ކަމެއް ނޫނެވެ. ޕީޕީއެމް/ޕީއެންސީ އިދިކޮޅުގައި އޮތްއިރު 2018 އިން 2023 އަށް ވެސް ރައްޔިތުންގެ މި ޝަކުވާ އޮތެވެ. އޭރު ކަންވީ މި ޒާތުގެ ގޮތަކަށެވެ. އެ ބޭފުޅުން އުޅުއްވީ އެތެރޭ ވާދަވެރިކަމެއްގައެވެ.
އޭރު އެ ކޯލިޝަންގެ ލީޑަރަކަށް ހުންނެވި ޔާމީން އޮންނެވީ ޖަލު ހުކުމެއްގައެވެ. އެ މަނިކުފާނަށް ވާދަނުކުރެއްވޭނެކަން ކައިރީ ތިއްބެވި ބޭފުޅުންނަށް އެނގިލައްވައެވެ. އެހެންވެ، އޭރު ދެ ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި އެންމެން ވެސް އަމިއްލައަށް ޓިކެޓް ބޭނުންވެގެން އެކިވަރުގެ މަސައްކަތްތައް ކުރެއްވިއެވެ.
"ޕީޕީއެމަށް ވެސް އެނގޭ އޭރު އެމްޑީޕީ ސަރުކާރަށް ދެވަނަ ދައުރެއް ނުލިބޭނެކަން. އެހެންވެ، އެނގޭ ޓިކެޓު ކަށަވަރުވާ ހިސާބުން 2023 ގައި ވެރިކަން ވަރަށް ބޮޑަށް ޔަގީންވާނެކަން. އެހެންވީމާ ޕާޓީ ހިންގުމާއި ޔާމީން މިނިވަންކުރަން މަސައްކަތްކުރުން މެޓާއެއް ނުވޭ. މުހިންމުވީ ރިޔާސީ ޓިކެޓަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް. އޭރު ވެސް އިދިކޮޅު ނުހިނގާތީ އެންމެން ކަންބޮޑުވެގެން އުޅުނުއިރު ޕީޕީއެމް ބޭފުޅުން އުޅުއްވީ ކެމްޕޭންގައި،" ސިޔާސީ ކަންކަން ދިރާސީ ނަޒަރަކުން ބައްލަވާ ބޭފުޅަކު ހިއްސާކުރެއްވިއެވެ.
އެއީ ތެދެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އޭރު އުޅުއްވީ ސިޓީ ކައުންސިލުން ޕާޓީ ބޭފުޅުންނަށް އެކި ވަޒީފާތައް ދެއްވައިގެން 'ކެމްޕޭން'ގައެވެ. އެ މަނިކުފާނަށް ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވުނީ ވެސް ދުރާލާ އެ މަސައްކަތުގައި އުޅެއްވުނީމައެވެ. އޭރު އިދިކޮޅުގެ އަޑުމަޑުކަމުން އެ ޒިންމާ ނެންގެވީ ނަޝީދެވެ. ފުރަތަމަ އެމްޑީޕީ ހުންނަވައި، ފެކްޝަނެއް ހައްދަވައިގެންނެވެ. ފަހުން ވަކިވެ، އާ ޕާޓީއެއް ވެސް އުފެއްދިއެވެ.
މީހުންގެ އިހުސާސާއި ފިކުރާއި ސިޔާސީ އޮއިވަރު ބަދަލުވަމުން އަންނަ ގޮތް އަބަދު ވެސް އެންމެ ސާފުކޮށް ފެންނާނީ މަގުމަތީ އުޅޭ ބަޔަކަށެވެ. އޭރު ކަން އޮތްގޮތުން ޕީޕީއެމްގެ ބޭފުޅުންނަށެވެ. މިހާރު ކަން އޮތްގޮތުން ނަމަ އެމްޑީޕީގެ ބޭފުޅުންނަށެވެ. އެހެންވެ، ރައްޔިތުންގެ ވިންދު ހުރީ ކިހިނެއްކަން އަބަދު ވެސް އެނގެއެވެ. ސިޔާސީ ތާރީޚުން ވެރިކަންތައް ފޮރުޅޭ ގޮތާއި، އިންތިޚާބުތައް ނިމޭ ގޮތް ފެންނަން އެބަހުއްޓެވެ.
"މި ސަރުކާރުގެ ޕޮޕިއުލާރިޓީ ވެސް ދަށްވާތަން އެމްޑީޕީއަށް ފެނޭ. ދެވަނަ ދައުރެއް ލިބުން ނާދިރުކަމަށް އެ ބޭފުޅުންނަށް ގަބޫލުކުރެވޭތީ އެހާ އަވަހަށް ރިޔާސީ ޓިކެޓާ ތޮޅެނީ،" ކުރިން ވެސް ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވިއެވެ.
އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުގައި 2008 ވަނަ އަހަރު އިންތިޚާބުކުރީ އެމްޑީޕީއެވެ. އެކަމަކު، ކަންދިމާކުރި ގޮތުން ފެބްރުވަރީ ހަތެއް، 2012 ގައި އެ ވެރިކަން ނިމުނީއެވެ. އެހެންވިޔަސް ޖެހިގެން އައި 2013 ވަނަ އަހަރުގެ އިންތިޚާބުގައި ރައްޔިތުން ވޯޓުދިނީ ޕީޕީއެމަށެވެ. އެ ވެރިކަން ކިތަންމެ ބާރުގަދަ ވިޔަސް 2018 ގައި ރައްޔިތުން އަނެއްކާ ވެސް އެމްޑީޕީ ހޮވީއެވެ. ޖެހިގެން އައި 2023 ގައި ވޯޓުދިނީ އަނެއްކާ ވެސް ޕީޕީއެމަށެވެ. އެހެންވެ، 2028ގައި އަނެއްކާ ވެސް އެމްޑީޕީއަށް ވެރިކަން ލިބޭނެކަމަށް އެ ބޭފުޅުންނަށް ގަބޫލުކުރެއްވެނީއެވެ.
އެމްޑީޕީން އެ ތިބީ 2028 ޔަގީންކޮށްގެންނެވެ. އެކަމަކު، އެއީ އެ ބޭފުޅުންނަށް ހީވާ ހީވުމެކެވެ.
އިގުތިސާދީ ހާލަތާއި އާންމުންގެ ކަންބޮޑުވުންތަކުގައި އެހީނުވާނަމަ އެމްޑީޕީއަށް އިންތިޚާބު ހޯދަން ފަސޭހައެއް ނުވާނެއެވެ. އެތެރޭގެ ވާދަވެރިކަން ނިންމާ، ޕާޓީ އެކަތިނުކުރެވިއްޖެ ނަމަ އަމުދުން އުނދަގޫވާނެއެވެ. ރައްޔިތުން ތިބީ މާޔޫސްވެފައެވެ. އެމްޑީޕީއަކަށް އަދި އެ މާޔޫސްކަމަށް ފަރުވާއެއް ނުދެއްކެއެވެ.