އެސްޓީއޯއިން ފިޔާ ގެނެސް 15 ރުފިޔާއަށް ކިލޯއެއް ވިއްކަން ފަށައިފި

މާލޭ ބާޒާރުގައި ވިއްކަން ބަހައްޓައިފައި ހުރި ފިޔާ ބަސްތާތަކެއް: ފިޔާ ލިބުމުގެ ދަތިކަން ހައްލުކުރުމަށް އެސްޓީއޯއިން ގެނައި ފިޔާ ޝިޕްމަންޓް ބާޒާރަށް ނެރެ، ވިއްކަން ފަށައިފި -- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ޙަފީޒް

މި ފަހުން މާލޭގެ ބާޒާރުން ފިޔާ ލިބުން ދަތިވުމާ ގުޅިގެން އެ މައްސަލަ ހައްލުކުރުމަށް ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ)އިން ގެންނަން ބުނި ފިޔާ ސްޓޯކް ބާޒާރަށް ނެރެ، މިއަދު ވިއްކަން ފަށައިފިއެވެ.

މިދިޔަ މަހުގެ 29ގައި މާލޭގެ ބޮޑެތި ބާޒާރުތަކުން ފިޔާ ހުސްވީ، މިނިވަން ދުވަހުގެ ބަންދާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މުދާ ކްލިއާ ކުރުން ލަސްވުމުންނެވެ. އެއާއެކު ފިޔާ ލިބެން ހުރި ކުދި ފިހާރަތަކުން އެކަންޏެވެ.

އެކަމުގެ ސަބަބުން ފިޔާ ވިއްކާ އަގުތައް ވެސް ވަރަށް ބޮޑަށް މައްޗަށް ދިޔައެވެ.

އެކަން ހައްލުކުރަން އެސްޓީއޯއިން، އިންޑިއާއިން ފިޔާ ޝިޕްމަންޓެއް ގެންނަކަން އިއުލާނުކުރީ އެ ދުވަހުގެ ރެއެވެ.

މިއަދު އެސްޓީއޯއިން ބުނީ ފިޔާ ޝިޕްމަންޓް ބާޒާރަށް ވިއްކަން ނެރެފައިވާ ކަމަށެވެ. އަދި އެ ޝިޕްމަންޓަކީ މޫސުމީ ލޮޅުންތަކުގެ ސަބަބުން ރާއްޖޭގެ ފިޔާ ސަޕްލައިއަށް ދިމާވި ދަތިތަކަކާ ގުޅިގެން ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުމަށް ދަތިވުމުގެ ސަބަބުން 'މާކެޓް ސްޓޭބަލައިޒް' ކުރުމަށް ގެނައި ޝިޕްމަންޓެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

މާލޭ ބާޒާރުގައި ވިއްކަން ބަހައްޓައިފައި ހުރި ފިޔާ ބަސްތާތަކެއް -- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ޙަފީޒް

އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ހޯލްސޭލް ސެންޓަރުން މިހާރު ފިޔާ ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސުން ފިޔާ ކިލޯއެއް މިވަގުތު ލިބެން ހުރީ 15 ރުފިޔާއަށް ކަމަށާއި އެސްޓީއޯ ހޯލްސޭލް ސެންޓަރުން ހޯލްސޭލްކޮށްވެސް މިވަގުތު ފިޔާ ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފިޔާ ބާޒާރުތަކުން ހުސްވިތާ ދެ ދުވަސްތެރޭ، މުދާ ކްލިއާ ކުރެވުމުން މާލޭގެ ބާޒާރަށް އަލުން ވަނީ ފިޔާ ލިބިފައެވެ.

އޭރު ފިޔާ ބަސްތާއެއް ހުރީ 450 ރުފިޔާއާއި 500 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. އަދި ފިޔާ ކިލޯއެއް ހުރީ 35 ރުފިޔާއަށް ވުރެ މަތީގައެވެ. ބާޒާރަށް ފިޔާ ނެރުމާއެކު އެ އަގު ދަށްވިއެވެ. އެގޮތުން ފިޔާ ކިލޯއެއް 20 ރުފިޔާއަށް ނުވަތަ 25 ރުފިޔާއަށް ލިބެން ހުރިއިރު ފިޔާ ބަސްތާއެއްގެ އަގު އުޅުނީ 400 ރުފިޔާއަށް ވުރެ ދަށުގައެވެ.

ނަމަވެސް އެއީ އަދި އާއްމު އަގެއް ނޫނެވެ. އާއްމުކޮށް ފިޔާ ކިލޯއެއް ވިއްކަނީ 11 ރުފިޔާއަށެވެ.

އެ ދުވަހު ވެސް ވިޔަފާރިވެރިން ބުނި ގޮތުގައި ފިޔާގެ އިތުރު ސްޓޮކްތައް ލިބޭނަމަ، އަދި އެއަށްވުރެ ވެސް އަގު ދަށްވެދާނެއެވެ. ބެލެވޭ ގޮތުގައި އެސްޓީއޯއިން ނެރުނު ފިޔާގެ އައު ޝިޕްމަންޓުތަކާއެކު އަގުތައް ރަނގަޅުވާނެއެވެ.

އެސްޓީއޯއިން ފިޔާ ސްޓޮކެއް ގެނައިއިރު، އަގުތައް ކޮންޓްރޯލްކޮށް ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދިނުމަށް ރޯދަމަހަށް އެސްޓީއޯއިން ތަކެތި އެތެރެކުރެއެވެ. އެގޮތުން، ފިޔާގެ އިތުރަށް ލޮނުމެދާއި ލުނބޮޔާއި އަލުވި ފަދަ ބާވަތްތައް މީގެކުރިން ވެސް އެސްޓީއޯއިން ބާޒާރަށް ނެރެފައި އެބަހުއްޓެވެ.

comment ކޮމެންޓް