އުރީދޫއާއި ހަބޭސް ބޮޑުބެރު ގުރޫޕް ގުޅިގެން ބޮޑުބެރު ކްލާސްތަކެއް ފަށަނީ

ހަބޭސް ބޮޑުބެރު ގުރޫޕް: އުރީދޫއައި ހަބޭސް ގުޅިގެން ބޮޑުބެރު ކްލާސްތަކެއް ބާއްވަން ވަނީ ތައްޔާރުފައި -- ފޮޓޯ/ ހަބޭސް

ދިވެހިރާއްޖޭގެ މުވާސަލާތީ ޚިދުމަތްދޭ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އުރީދޫ މޯލްޑިވްސްއިން، އެ ކުންފުނީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، މަޝްހޫރު ބޮޑުބެރު ބޭންޑް އަދި އުރީދޫގެ އެމްބެސަޑަރު ހަބޭސް ބޮޑުބެރާއެކު ޚާއްސަ ބޮޑުބެރު ކްލާސްތަކެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އުރީދޫން ބުނީ މި އެކްސްކްލޫސިވް ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ، ދިވެހި ސަގާފަތުގެ މުއްސަނދި އަދި ފަޚުރުވެރި ތަރިކައެއް ކަމަށްވާ ބޮޑުބެރުގެ ވައްޓަފާޅި، ހަބޭސް ބޮޑުބެރުގެ ހުނަރުވެރި އިރުޝާދުގެ ދަށުން ބައިވެރިންނަށް ދަސްކޮށްދިނުން ކަމަށެވެ.

އެ ޚާއްސަ ބޮޑުބެރު ކްލާސް ހަތަރު ހަފުތާއަށް ކުރިއަށްގެންދަން ނިންމައިފައިވާއިރު، ކޮންމެ ކްލާހެއް ވެސް އޮންނާނީ ހޮނިހިރު ދުވަހެއްގެ ރޭގަނޑު 8:00 އިން 11:00 އަށެވެ. އެއީ މި މަހުގެ 16، 23، 30 އަދި އަންނަ މަހުގެ ހަ ވަނަ ދުވަހެވެ.

އެ ކްލާސްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާސްގެ ހަތަރުވަނަ ފަންގިފިލާގައެވެ.

މި ކްލާސްތަކުގައި ބައިވެރިވެވޭނީ 18 އަހަރުން މަތީގެ މީހުންނަށެވެ. އެގޮތުން، 20 ޖާގަ ލިބެން އޮތްއިރު ފުރުސަތު ދިނުމުގައި އިސްކަން ދޭނީ އެޕްލިކޭޝަން ހުށަހަޅާ ތަރުތީބުން ކަމަށް އުރީދޫން ބުނެއެވެ.

އެ ކުންފުނިން ބުނީ ބޮޑުބެރު ކްލާސްތަކަށް ބައިވެރީންގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ.

އެ ކްލާސްތަކަށް އޮންލައިންކޮށް ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 16 ވާ ހޮނިހިރު ދުވަހުގެ ރޭ 23:59 ގައެވެ. އެގޮތުން ފުރުސަތު ލިބޭ މީހުންނާ އުރީދޫން މުއާމަލާތު ކުރާނީ ރަޖިސްޓްރީކުރުމަށް ބޭނުންކުރާ ފޯން ނަންބަރު ނުވަތަ އީމެއިލް މެދުވެރިކޮށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫން ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ދޭން ފެށިތާ 20 އަހަރު ފާހަގަކުރަމުންދާއިރު، މި ބޮޑުބެރު ކްލާހަކީ ދިވެހި ތަރިކައާއި ދިވެހިވަންތަ ކަންކަން ކުރިއެރުވުމަށް އުރީދޫއިން ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫގެ ބްރޭންޑް އެމްބެސެޑަރު ހަބޭސް ބޮޑުބެރުއާ ގުޅިގެން ކަސްޓަމަރުންނާއި މުޖުތަމައުއަށް އެފަދަ އަގުހުރި ތަޖުރިބާއެއް ފޯރުކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

comment ކޮމެންޓް