މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ޕްރޮގްރާމު އޮޑިޓު ނުހަދައި، ގްރެޖުއޭޝަންގައި ދަރިވަރުންނަށް ސަނަދު ދޭ ތިން މަރުކަޒަކަށް އެކަން ހުއްޓާލަން އަންގައި ނޯޓިސް ދީފިއެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނުގައި ވަނީ، އެމްކިއުއޭގެ ޕްރޮގްރާމު އޮޑިޓު ފުރިހަމަނުކޮށް، ބައެއް މަރުކަޒުތަކުގެ ގްރެޖުއޭޝަންގައި ދަރިވަރުންނަށް ސަނަދު ދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ހަމައެހެންމެ، ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ހުއްދައާއި އެމްކިއުއޭގެ ޕްރޮގްރާމު އޮޑިޓު ނުހަދައި، މޮބައިލްކޮށް ރަށްރަށުގައި ކުރިން އެޕްރޫވްކޮށްފައި ހުރި ޕްރޮގްރާމުތައް ހިންގައި، ސަނަދު ދޭކަން އެމްކިއުއޭގެ ސަމާލު ކަމަށް ވަނީ އައިސްފައެވެ.
އެފަދަ ސަނަދުތަކަކީ އެމްކިއުއޭއިން ގަބޫލުކުރާނެ ސަނަދުތަކެއް ނޫން ކަމަށާއި އެކަން ނުކުރުމަށް އެފަދަ މަރުކަޒުތަކަށް ނަސޭހަތްތެރިވެފައިވާ ކަން އެ އޮތޯރިޓީން ފާހަގަކުރިއެވެ. އަދި، ފަހުން އެމްކިއުއޭގެ ޕްރޮގްރާމް އޮޑިޓަށް އެ ސަނަދުތައް ހުށަހެޅި ނަމަވެސް، ބަލައިނުގަންނާނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
އޭގެއިތުރަށް، މުސްތަގުބަލުގައި އެފަދަ އަމަލުތައް ތަކުރާރުކުރާ މަރުކަޒުތަކަށް ފިޔަވަޅު އަޅާނެކަން އެމްކިއުއޭއިން ވަނީ ހަނދާންކޮށްދީފައެވެ.
މިކަމާ ގުޅިގެން އެމްކިއުއޭގެ ސީއީއޯ މަރްޔަމް ފިޒާނާ ރަޝީދު 'ސަން'އަށް ވިދާޅުވީ، އެ އޮތޯރީޓީގެ ޕްރޮގްރާމު އޮޑިޓު ނުހަދައި، ދަރިވަރުންނަށް ސަނަދު ދޭ ތިން މަރުކަޒެއް މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެ ތަންތަނަށް މިހާރު ނޯޓިސް ދީފައިވާ ކަމަށާއި މިކަންކަމަކީ އެންމެނަށް އެނގެން ޖެހޭނެ ކަންކަން ކަމަށް ފިޒާނާ ވިދާޅުވިއެވެ.
"މީކީ އަޅުގަނޑުމެންނަކަށް ގަބޫލުކުރެވޭނެ ކަންކަމެއް ނޫން. އެގޮތަށް ގްރެޖުއޭޝަންގައި ބައިވެރިކޮށްފައި ފަހުން އަޅުގަނޑުމެންނާ ހަމައަށް ޕްރޮގްރާމް އޮޑިޓަށް ހުށަހެޅިޔަސް އަޅުގަނޑުމެން އެ ސަނަދެއް ބަލައެއް ނުގަންނާނަން،" ފިޒާނާ ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، މީގެކުރިން ވެސް މިފަދަ މައްސަލަތެއް ފެންމަތިވެފައި އެބަހުއްޓެވެ. އެގޮތުން، މަތީ ތައުލީމާއި ތަމްރީނުދޭ 101 މަރުކަޒަކުން ރީ-ރަޖިސްޓްރީ ނުކުރާތީ، އެ ތަންތަނުން ހިންގާ ކޯސްތަކުގެ ސަނަދުތައް ބަލައިނުގަތުމަށް އެ އޮތޯރިޓީން ކުރިން ވަނީ ނިންމާފައެވެ.