މާލޭގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕްރޭޝަނާ ގުޅިގެން ފުލުހުން ހިއްސާކުރި މެސެޖެއްގައި ވަނީ، މި އޮޕަރޭޝަން ހިންގާފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރުމުގެ އިތުރުން ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ލ. ގަން، ތުނޑި. ފައިވްސްޓާ، އަލީ ޝާމް (29އ) އާއި ހއ. ހޯރަފުށި، މީރަންގެ، އަލީ އައުފާން (20އ)އެވެ.
ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ރޭ ހިންގި މި އޮޕަރޭޝަނުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މާލޭ މަގުމަތިން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި ބަލައިފާސްކުރުމަށްފަހުއެވެ.
މި މައްސަލައާ ގުޅިގެން، އެ މީހުން ދުއްވި ސައިކަލު ޓޯކޮށް، މާލޭގައި އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 17.06ގްރާމުގެ ދަޅަކާއި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 18 ފުޅިއާއި ފަސް ލީޓަރުގެ ފުޅިއެއްގެ އިތުރުން ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ހަތް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.