ޖިންސީ ގޯނާގެ ކުށުގައި އިނގިރޭސިވިލާތުގައި ޖަލަށްލީ މީހަކީ ދިވެއްސެއްނޫން: އިމިގްރޭޝަން

މަސާޖު ޕާލާއެއްގައި އަންހެން އެކްޓަރަކަށް ޖިންސީ ގޯނާކުރި ކުށުގައި ޖަލަށްލި ސުންދަރަލިންގަމް ކޫޑަލިންގަމް: އޭނާއަކީ ދިވެއްސެއް ނޫން --- ފޮޓޯ: މެޓް ޕޮލިސް

އިނގިރޭސިވިލާތުގެ އަންހެން އެކްޓަރަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ ސުންދަރަލިންގަމް ކޫޑަލިންގަމަކީ ދިވެއްސެއް ނޫން ކަމަށް، އިމިގްރޭޝަނުން ބުނެފިއެވެ.

ބޭރުގެ ބައެއް ނޫސްތަކުގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި ހުންނަ މަސާޖު ޕާލާއެއްގައި މީގެ ދެ އަހަރު ކުރިން، މާޗް 2023ގައެވެ.

ޖިންސީ ގޯނާކުރި ކަމުގެ ކުށް ސާބިތުވާ ކަމަށް އިއްޔެ ކަނޑައަޅައި، ލަންޑަންގައި ހުންނަ ސައުތުވާކް ކްރައުން ކޯޓުން ހުކުމްކުރީ އުމުރުން 36 އަހަރުގެ ކޫޑަލިންގަމް ހަތަރު އަހަރަށް ޖަލަށް ލުމަށެވެ. ބޭރުގެ ބައެއް ޚަބަރުތަކުގައި ކޫޑަލިންގަމަކީ ދިވެއްސެއް ކަމަށާއި، އޭނާ ތައުލީމު ހާސިލްކުރީ އިންޑިއާއިން ކަމަށް ލިޔެފައިވެއެވެ.

މިކަމާ ގުޅިގެން މިއަދު ނެރުނު ކުރު ބަޔާނެއްގައި އިމިގްރޭޝަނުން ބުނީ، ކޫޑަލިންގަމަކީ ދިވެހި ސަރުކާރުގެ ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި ދިވެހި ރައްޔިތެއްގެ ގޮތުގައި ރެކޯޑުކުރެވިފައިވާ މީހެއް ނޫން ކަމަށެވެ.

ކޯޓާ ހަވާލާދީ އިނގިރޭސިވިލާތުގެ ބައެއް ނޫސްތަކުގައިވާ ގޮތުން، ނަން ހާމަކުރަން ބޭނުންނުވާ އަންހެން އެކްޓަރު ބުނީ، މަސާޖު ޕާލާއަށް ގޮސް އޭނާ ޚިދުމަތް ލިބިގަތުމަށް އޮތްއިރު ކޫޑަލިންގަމް، އޭނާގެ ހަށިގަނޑުގައި އަތްލައި ޖިންސީ ގޯނާކުރި ކަމަށާއި، އޭގެ ފަހުން ނަފުސާނީ ފަރުވާ ހޯދަން ޖެހުނު ކަމަށެވެ.

އެގޮތުން އެ ހާދިސާގެ ކަންކަން އޭނާގެ ރަހްމަތްތެރިންނަށް ކިޔައިދިނުމަށް ދަތިވި ކަމަށާއި، އެ ހާދިސާގެ ސަބަބުން މުޅި މީހާގެ މިޒާޖު އެއްކޮށް ބަދަލުވެގެން ދިޔަ ކަމަށް، ކޯޓަށް ދިން ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް، ނުވަތަ އަނިޔާލިބުނު މީހާއަށް ކުރި އަސަރުގެ ބަޔާނުގައި ވެއެވެ.

comment ކޮމެންޓް