ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ އަކީ ދުނިޔޭގައި އެންމެ ބޮޑަށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެކަކު ކަމަށް ތުހުމަތުކޮށް، މަދޫރޯ ހައްޔަރު ކުރުމަށް މަގުފަހިވާ މައުލޫމާތު ފޯރުކޮށްދޭ މީހަކަށް ދޭ އިނާމު ދެގުނަކޮށް 50 މިލިއަން ޑޮލަރަށް އެމެރިކާއިން އިތުރުކޮށްފިއެވެ.
މި އަހަރުގެ ޖެނުއަރީ މަހު ވެނެޒުއޭލާގެ ރައީސް ކަމާ ހަވާލުވެވަޑައިގެން މަދޫރޯ ހައްޔަރު ކުރުމަށް މަގުފަހިވާ މައުލޫމާތު ފޯރުކޮށްދޭ މީހަކަށް އެމެރިކާއިން މީގެކުރިން ވަނީ 25 މިލިއަން ޑޮލަރު ހުށަހަޅާފައެވެ.
އެޓާނީ ޖެނެރަލް ޕޭމް ބޮންޑީ ވިދާޅުވީ އެމެރިކާއިން މިހާރު އިއުލާންކޮށްފައިވާ 25 މިލިއަން ޑޮލަރުގެ އިނާމު ދެގުނައަށް ބޮޑުކުރާނެ ކަމަށާއި މަދޫރޯއަކީ މަސްތުވާތަކެތި އެތެރެކުރުމުގެ އޮޕަރޭޝަންތަކާ ސީދާ ގުޅުން ހުރި މީހެއް ކަމަށެވެ.
ބޮންޑީގެ ވާހަކަތަކަށް ވެނެޒުއެލާ ސަރުކާރުން އެއްޗެއް ނުބުނި ނަމަވެސް މަދޫރޯ މީގެ ކުރިން ވަނީ އެފަދަ ވާހަކަތައް ދޮގުކުރައްވާފައެވެ.
ބުރާސްފަތި ދުވަހު އެކްސްގައި އާންމުކުރި ވީޑިއޯއެއްގައި ބޮންޑީ ވަނީ ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އިއުލާނުކޮށްފައިވާ ވެނެޒުއޭލާގެ ގޭންގެއް ކަމަށްވާ، ޓްރެން ޑި އަރަގޫއާ އަދި މެކްސިކޯގައި ހުންނަ ވަރުގަދަ ޖިނާއީ ނެޓްވޯކެއް ކަމަށްވާ ސިނަލޯއާ ކާޓެލް ފަދަ ޖަމާއަތްތަކާ މަދޫރޯ މުއާމަލާތް ކުރައްވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
އެކަމަނާ ވިދާޅުވީ އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަން (ޑީއީއޭ) އިން މަދޫރޯ އާއި އޭނާގެ އެކުވެރިންނާ ގުޅުން ހުރި 30 ޓަނުގެ ކޮކެއިން އަތުލައިގަނެފައިވާއިރު، ގާތްގަނޑަކަށް ހަތް ޓަނުގެ ކޮކެއިން ޚުދު މަދޫރޯއާ ގުޅުން ހުރި ކަމަށެވެ.
މަސްތުވާތަކެތީގެ ވިޔަފާރިގައި އޭނާ ސީދާ ބައިވެރިވާ ކަމަށް އެމެރިކާއިން ދައްކާ ވާހަކަތަކާ މަދޫރޯ ވަނީ މީގެ ކުރިން ވެސް ދެކޮޅު ހައްދަވައިފައެވެ.
މި އަހަރުގެ ޖެނުއަރީ މަހު ވެނެޒުއޭލާގެ ވެރިކަމާ ހަވާލުވެވަޑައިގެން މަދޫރޯ އަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެން ނަމަވެސް އެ އިންތިޚާބުގައި ވޯޓު އޮޅުވާލި ކަމަށް ތުހުމަތުކޮށް ބައިނަލްއަގުވާމީ މުޖުމަތައުން އެ އިންތިޚާބު ބަލައިގެންފައެއްނުވެއެވެ.
ވެނެޒުއެލާގެ އިގްތިސާދީ އަދި ސަލާމަތީ އިދާރާތައް ބަލަހައްޓާ، މަދޫރޯއާ ގުޅިފައިވާ އަށް އޮފިޝަލުންގެ މައްޗަށް ވަކިވަކިން ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އެމެރިކާއިން އިއުލާނުކޮށްފައިވެއެވެ. އޭގެތެރޭގައި މަދޫރޯގެ ދަތުރުފަތުރާބެހޭ ވަޒީރު ވެސް ހިމެނެއެވެ.
މަދޫރޯއާ ގުޅުންއޮތް 15 މީހަކަށް އިނިގިރޭސިވިލާތުން ވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.
ދެހާސް ތޭރަ ވަނަ އަހަރުން ފެށިގެން ވެނުޒެއޭލާގެ ވެރިކަން ކުރަމުން ގެންދަވާ މަދޫރޯ ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތުމުގެ ކުރިން މަސައްކަތްކުރެއްވީ ބަސް ޑްރައިވަރެއްގެ ގޮތުގައެވެ.
އޭގެފަހުން އެ ގައުމުގެ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ލީޑަރުކަން ކުރައްވައި، ސިޔާސީ މައިދާނަށް ނުކުންނެވީ 2000ވަނަ އަހަރެވެ. މަދޫރޯ ވަނީ އޭރުގެ ރައީސް ހޫގޯ ޗާވޭޒްގެ ވެރިކަމުގެ ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވައިފައެވެ.
ނަވާރަސަތޭކަ ފަންސާހުގެ އަހަރުތަކުގައި ވަރަށް މުއްސަނދި ގައުމެއް ކަމަށްވާ ވެނެޒުއެލާ ވަނީ ފާއިތުވި އަހަރުތަކުގައި އިގްތިސާތީ ގޮތުން ވަރަށް ބޮޑަށް އިނދަޖެހި ފަގީރުވެފައެވެ. ހައިޕާއިންފްލޭޝަން ނުވަތަ އަތް ނުފޯރާ ފަށަށް ތަކެތީގެ އަގު އުފުލި، ފައިސާގެ އަގު ވެއްޓި އާންމުންގެ ދިރިއުޅަމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާއިރު، އެ ގައުމުގެ ގާތްގަޑަކަށް ތިން ބައިކުޅަ އެއްބައި މީހުން ވަނީ ގައުމު ދޫކޮށްފަ ގޮސްފައެވެ.
މީގެ އިތުރުން ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުގެ ތެލުގެ ސިނާއަތަށް އިތުރު ގެއްލުންތަކެއް ވަނީ ލިބިފައެވެ.
އެކަމާ ގުޅިގެން މަޑޫރޯގެ މަގުބޫލުކަން ދަށްވެ، 2014 ވަނަ އަހަރުން ފެށިގެން އެ ގައުމުގައި އަންނަނީ މުޒާހަރާތައް ކުރަމުންނެވެ.