ޔޫރަޕްގެ ގައުމެއް ކަމަށްވާ އަޔަލޭންޑްގައި ދިރިއުޅެމުން އަންނަ އިންޑިއާއަށް ނިސްބަތްވާ އާއިލާއަކަށް އެ ގައުމުގެ ކުޑަ ކުދިންތަކެއް ހަނގާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
އަޔަލޭންޑްގެ ސިޓީ ވޯޓަފޯޑްގައި ދިރިއުޅެމުން އަންނަތާ މިހާރު އަށް އަހަރުވެފައިވާ އާއިލާގެ މެންބަރެއް ކަމަށްވާ މިސް އަޗޫތާން ބުނެފައިވަނީ ހަނގާކުރުމުގެ ޝިކާރައަކަށްވީ އޭނާގެ ހަ އަހަރުގެ އަންހެން ދަރިފުޅު ކަމަށެވެ.
މިސް އަޗޫތާންގެ ދަރިފުޅު ނިއާ ނަވީންއާއި އޭނާގެ އާއިލާއަކީ އިންޑިއާގެ ކެރެލާގެ ކޮއްޓަޔަމްއަށް ނިސްބަތްވާ ބައެކެވެ. މިސް އަޗޫތާންގެ ދެމަފިރިން އަޔަލޭންޑަށް ދިރިއުޅުން ބަދަލުކުރީ އެ މީހުންގެ ކުދިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދުމުގެ ނިޔަތުގައި ކަމަށްވިޔަސް އަޔަލޭންޑްގައި ދިރިއުޅުން މިހާރު ރައްކާތެރިނޫންކަން އިހުސާސްވާ މިންވަރަށް ކަންކަން ގޮސްފައިވާ ކަމަށް އާއިލާއިން ވަނީ މީޑިއާގައި ބުނެފައެވެ.
އަޔަލޭންޑްގެ ރައްޔިތުކަން ވެސް މިހާރު ލިބިފައިވާ މި އާއިލާގެ މެންބަރެއް ކަމަށް ނިއާން ނަވީންއަށް ހަނގާކޮށްފައި ވަނީ ސިޓީ ވޯޓަފޯޑަށް ނިސްބަތްވާ އުމުރުން 12 އަހަރާއި 14 އަހަރުގެ ކުދިންތަކެއް ކަމެއް އަޗޫތާން ވަނީ ބުނެފައެވެ.
އެ ކުދިން ވަނީ އެކި ފަހަރު މަތިން ދަރިފުޅު ނިއާއަށް ބަހުގެ ހަމަލާތަކެއް ދީފައި ކަމަށާއި ނިއާގެ ގައިގެ ކުލަ އަނދިރިވުމުން އެއީ ވަރަށް ހަޑި ކުލައެއް ކަމަށް ބުނެ މޫނުގައި ގޮށްމުށުން ޖެހި ކަމަށް ވެސް މިސް އަޗޫތާން ބުނެފައިވެއެވެ.
މީގެ އިތުރުން، ނިއާގެ ޖިންސީ ގުނަވަންތަކުގައި އެ ކުދިން ދުއްވަން ގެންގުޅޭ ބައިސްކަލުން ވެސް އެކި ފަހަރު މަތިން ޖަހާ އަނިޔާކުރި ކަމަށް ނިއާގެ މަންމަ ވަނީ މީޑިއާގައި ބުނެފައެވެ.
ސިޓީ ވޯޓަފޯޑްގައި ނަރުހެއްގެ ވަޒީފާ އަދާކުރަމުން އަންނަ މިސް އަޗޫތާން ބުނީ، ކައިވެންޏަށް ލިބުނު ތިން ކުދިން ވިހާފައިވަނީ ވެސް އަޔަލޭންޑްގައި ކަމަށެވެ. ދަރިފުޅު ނިއާ އެންމެ ފުރަތަމަ ކުޅެން ހުރީ ގޭތެރޭގައި ކަމަށާއި އިރުކޮޅެއްފަހުން ނިއާ ބޭނުންވީ ރައްޓެހި އެހެން ކުދިންނާ އެކު ބޭރުގައި ބައިސްކަލް ދުއްވަން ކަމަށް މިސް އަޗޫތާން ވަނީ މީޑިއާ ރިޕޯޓަރުންނަށް ކިޔައިދީފައެވެ.
އެ ވަގުތު އޭނާ ވެސް ހުރީ ގެއިން ބޭރުގައި އެ ކުދިން ކުޅޭ މަންޒަރު ބަލަން ކަމަށާއި އެ ސިޓީއަށް ނިސްބަތްވާ ކުދިންތަކެއް ނިއާއަށް ހަނގާކުރަން ފެށީ މިސް އަޗޫތާން އޭނާގެ 10 މަހުގެ ތުއްތު ދަރިފުޅަށް ގާތުން ދިނުމަށް ގެއަށް ވަން ދަނޑިވަޅު ބަލާފައި ކަމަށް މީޑިއާއަށް މައުލޫމާތު ދެމުން އޭނާ ވަނީ ބުނެފައެވެ.
އިރުކޮޅެއް ފަހުން ދަރިފުޅު ނިއާ ގެއަށް ވަންއިރު ހުރީ ވަރަށް ބިރުން ކަމަށާއި މީގެ ކުރިން ދުވަހަކު ވެސް ނިއާ އެހާ ބިރުގެންފައި ހުރި މަންޒަރު އޭނާއަށް ފެނިފައިނުވާ ކަމަށް މި ހާދިސާގެ މައުލޫމާތު ހިއްސާކުރަމުން އަޗޫތާން ވަނީ ބުނެފައެވެ.
އެ ވަގުތު އޭނާ ބޭރަށް ނުކުތްއިރު ދަރިފުޅަށް ގޯނާކުރި ފަސް ކުދިން ވެސް ބޭރުގައި އަޗޫތާންއާ ދިމާލަށް ވަރަށް ރުޅިވެރިގޮތަކަށް ބަލަހައްޓައިގެން ހުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން އެ ކުދިންގެ މައްސަލަ ކަމާބެހޭ އިދާރާއަކަށް ހުށަހެޅުގެ ބަދަލުގައި ބޭނުމީ ކައުންސިލިން ދީގެން ނަމަވެސް އެ ކުދިންގެ އަހުލާގު ރަނގަޅުކުރަން ކަމަށާއި އެ ކުދިންނަށް އެއްވެސް ކަހަލަ އަދަބެއް ދޭން ބޭނުންނުވާ ކަމަށް އަޗޫތާން ވަނީ ބުނެފައެވެ.
ސިޓީ ވޯޓަފޯޑަކީ އެ ކުދިން ވެސް ދިރިއުޅޭ ތަނެއް ކަމަށާއި އަޔަލޭންޑަށް އެ ކުދިން ނިސްބަތްވާތީ އެ ގައުމުގައި ދިރިއުޅޭ އެހެންމީހުންނަށް ކަމޭހިތައި އިހުތިރާމުކުރަން ކުދިންނަށް ދަސްކޮށްދޭންޖެހޭ ކަމަށާއި އެކަން އެކުދިންނަށް ވިސްނައިދިނުން މުހިއްމު ކަމަށް އިންޑިއާއަށް ނިސްބަތްވާ އަޗޫތާން ވަނީ ބުނެފައެވެ.
އަޔަލޭންޑްގައި މިފަދަ ހާދިސާއެއް އިތުރުވެފައިވާއިރު މީގެ ކުރިން ވެސް އަޔަލޭންޑްގައި ދިރިއުޅޭ ރައްޔިތުންތަކަކަށް އެ ގައުމުގައި ހުރަސްތަކަކާއި ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.