ގެވެށި އަނިޔާގެ މައްސަލަ ބަލަން ދިޔަ ފުލުހުން 242 ވޭޕް ފުޅި ހޯދައިފި

އިއްޔެ ހުށަހެޅި ގެވެށި އަނިޔާގެ މައްސަލައެއް ބަލަން ދިޔަ ފުލުހުން, އެޕާޓްމަންޓެއް ބަލައި ފާސްކޮށް, 242 ވޭޕް ފްލޭވާ ފުޅި ހޯދައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރޭ 21:14ގައި ހުޅުމާލޭ ފޭސް ދެއެއްގައި ހުންނަ ހިޔާ ފްލެޓެއްގެ އެޕާޓްމަންޓް, ގެވެށި އަނިޔާގެ މައްސަލައެއްގައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މި ބަލައި ފާސްކުރުމުގެ ތެރޭގައި 242 ވޭޕް ފްލޭވާ ފުޅި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައިގައި މީހަކު ހައްޔަރު ކުރިކަމެއް ނުވަތަ ނުކުރާ ކަމެއް ފުލުހުން ނުބުނެއެވެ. އަދި މި މައްސަލައިގައި ތުހުމަތުވާ މީހުންގެ ވަނަވަރެެއް ވެސް ހާމައެއް ނުކުރެއެވެ.

އިތުރު ތަފްސީލެއް ހާމަނުކޮށް ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ވޭޕް ބޭނުން ކުރުން ހައްދުން ނައްޓާފައި ވަނިކޮށް, ރާއްޖޭގައި ވޭޕް މަނާކުރީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް އޭގެ ވަގު ވިޔަފާރި އަދިވެސް ރާއްޖޭގައި އެބަ ކުރެއެވެ.

ފުލުހުން "ސަން"އާ ހިއްސާކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ ޑިސެމްބަރު މަހުގެ 15އިން ފެށިގެން މިދިޔަ މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 974،500 ރުފިޔާ، ވޭޕާ ގުޅުންހުރި 206 މައްސަލައެއްގައި ޖޫރިމަނާގެ ގޮތުގައި ހޯދާފައިވެއެވެ.

އެގޮތުން މިދިޔަ ޑިސެމްބަރު މަހުގެ 15އިން 31އަށް، ވޭޕް ގެންގުޅުނު މައްސަލައެއްގައި އެކަކު ޖޫރިމަނާކުރިއިރު، ވޭޕް ބޭނުންކުރި މައްސަލައިގައި 16 މީހަކު ޖޫރިމަނާކުރިއެވެ. އެ މުއްދަތުގައި އެކަނި ވެސް 85،500 ރުފިޔާ ޖޫރިމަނާގެ ގޮތުގައި ހޯދައިފައިވެއެވެ.

އެ މުއްދަތުގައި ވޭޕް ގެންގުޅެގެން ރިޕޯޓުކުރީ ކުޑަކުދިން ކަމަށް ވާތީ އެ ކުދިންނާ ސުވާލުކޮށް ބަޔާން ނެގުމަށް ފަހު އަންގަން ޖެހޭ އިދާރާތަކާ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް، ފުލުހުން ބުނެފައިވެއެވެ.

އޭގެ ފަހުން ޖަނަވަރީ މަހު ވޭޕް ގެންގުޅުނު މައްސަލައަކާއި ވޭޕްކުރުމުގެ 14 މައްސަލައެއްގައި 75،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ފަހު، ފެބްރުއަރީ މަހު ވޭޕް ގެންގުޅުނު ހަތަރު މީހަކާއި ވޭޕްކުރި ނުވަ މީހަކު 65،000 ރުފިޔާއިން ޖޫރިމަނާކުރިއެވެ. އެއަށްފަހު މާޗް މަހު ވޭޕް ގެންގުޅެގެން 14 މީހަކު އަދި ވޭޕް ބޭނުންކުރި 17 މީހަކު ޖުމްލަ 129،500 ރުފިޔާއިން ޖޫރިމަނާކުރުމަށް ފަހު، އޭޕްރިލް މަހު ވޭޕް ގެންގުޅުނު ނުވަ މީހަކާއި ބޭނުންކުރި 29 މީހަކު 192،500 ރުފިޔާއިން ޖޫރިމަނާކުރިއެވެ.

ވޭޕްގެ އެކި މައްސަލަތަކުގައި ޖޫރިމަނާގެ ގޮތުގައި ހޯދި ފައިސާގެ އަދަދު މެއި މަހު ދަށްވުމަށް ފަހު، ޖޫން މަހު ޖޫރިމަނާގެ ގޮތުގައި ހޯދި ފައިސާ ވަނީ އިތުރުވެފައެވެ. އޭގެ ފަހުން ނިމިދިޔަ މަހު ވޭޕްގެ އެކި މައްސަލަތަކުގައި ޖޫރިމަނާގެ ގޮތުގައި ހޯދި ފައިސާ ވަނީ، ޖޫން މަހާ އަޅާ ބަލާއިރު ދަށްވެފައެވެ.

މެއި މަހު ވޭޕް ގެންގުޅުނު 20 މީހަކާއި ބޭނުންކުރި 13 މީހަކާއި އެހެނިހެން ދެ މައްސަލައެއްގައި ޖުމްލަ 130،000 ރުފިޔާ ޖޫރިމަނާގެ ގޮތުގައި ހޯދާފައިވެއެވެ. ޖޫން މަހު ވޭޕް ބޭނުންކޮށްގެން 18 މީހަކާއި ގެންގުޅެގެން 16 މީހަކު 170،000 ރުފިޔާއިން ޖޫރިމަނާކުރިއިރު، މިދިޔަ މަހު ވޭޕް ބޭނުންކޮށްގެން 13 މީހަކާއި ގެންގުޅުނު ނުވަ މީހަކާއި ވޭޕުން ވިޔަފާރިކުރި އެކަކު ޖުމްލަ 127،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ.

comment ކޮމެންޓް