ބްލޫމްބާގް ގްލޯބަލް ޕަވަ ލިސްޓުން ޖާގަ ހޯދި ހަމައެކަނި އިންޑިއާ އާޓިސްޓަކަށް ހިމޭޝް

އިންޑިއާގެ މިއުޒީޝަން ހިމޭޝް ރޭޝަމިޔާ--ފޮޓޯ/އެންޑީޓީވީ

ބޭރު ދުނިޔޭގެ މަޝްހޫރު އައިކޮނިކް މިއުޒީޝަނުންނާއި ލަވަކިޔުންތެރިން ޖާގަ ހޯދާފައިވާ ބްލޫމްބާގް ގްލޯބަލް ޕަވަ ލިސްޓުގައި އިންޑިއާގެ ލަވަކިޔުންތެރިޔާ ހިމޭޝް ރޭޝަމިޔާ ހިމެނިއްޖެއެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ ނުފޫޒުގަދަ ލަވަކިޔުންތެރިން ކަމަށްވާ ބިޔޯންސޭ، ކޯލްޑްޕްލޭ، ޝަކީރާ، އެޑް ޝީރަން އަދި ލޭޑީ ގާގާ ފަދަ އާޓިސްޓުން ހިމެނޭ މި ލިސްޓުން ޖާގަ ހޯދި ހަމައެކަނި އިންޑިއާގެ މިއުޒީޝަނަކީ ހިމޭޝްއެވެ.

ބްލޫމްބާގް ޕޮޕް ޕަވަ ލިސްޓަށް ލަވަކިޔުންތެރިންނާއި މިއުޒީޝަނުން ހޮވަނީ އެ އާޓިސްޓުންގެ ޕާފޮމެންސްތައް ހަތް ކެޓަގަރީއަކަށް ބަހާލުމަށްފަހު ކަނޑައަޅާ ވަކި މިންގަނޑުތަކަކަށް ބަލާލުމަށްފަހުއެވެ.

އޭގެތެރޭގައި އާޓިސްޓުންދޭ ޝޯތަކުގެ ރެވެނިއު އަދި ލައިވް ޝޯތަކުގެ ޓިކެޓްތަކުން ލިބުނު ފައިދާގެ އަދަދާ އެކު ބާޒާރަށް ނެރޭ އަލްބަމްތަކުން ލިބޭ ފައިދާގެ އަދަދުގެ އިތުރުން ޔޫޓިއުބް މިއުޒިކް ވީޑިއޯތަކަށް ލިބޭ ވިއުސްގެ އަދަދު ވެސް ހިމަނައެވެ.

ބްލޫމްބާގް ގްލޯބަލް ޕަވަ ލިސްޓުގައި މި އަހަރު ހިމެނޭ އާޓިސްޓުންގެ ނަންތައް ދައްކުވައިދޭ ޕޯސްޓަރެއް--ފޮޓޯ/ފޭސްބުކް

މިއުޒިކީ ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އިންޑިއާގެ ލަވަކިޔުންތެރިޔާ ހިމޭޝް ރޭޝަމިޔާ މިހާތަނަށް ވަނީ 2000އަށް ވުރެ ގިނަ ލަވަ ހުށަހަޅައިދީފައެވެ. ހަމައެއާއެކު އޭނާގެ ޔޫޓިއުބް މިއުޒިކް ވީޑިއޯތަކަށް 200 ބިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވާއިރު ހިމޭޝްގެ މިއުޒިކް ޝޯތަކަކީ ވެސް ވަރަށް ގިނަ ބައެއްގެ ތާއީދު ލިބެމުން އަންނަ ޝޯތަކެކެވެ.

ހިމޭޝްގެ މިއުޒިކް އަލްބަމްތަކުގެތެރޭ "އާޕް ކާ ސުރޫރު" ހިމެނޭއިރު މި އަލްބަމް ވެފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންގެ "ތުރިލާ"އަށްފަހު ދެވަނައަށް އެންމެ ބޮޑު ވިޔަފާރިއެއް ކުރެވުނު ބައިނަލްއަޤްވާމީ އަލްބަމަށެވެ.

މިއުޒިކީ ދާއިރާގައި މަސައްކަތް ކުރުމުގެ އިތުރުން ފިލްމީ ދާއިރާގައި ވެސް މަސައްކަތް ކުރަމުން އަންނަ ހިމޭޝް އެންމެ ފަހުން ކުޅުނު ފިލްމަކީ މި އަހަރުތެރޭ ރިލީޒްވި "ބޭޑްއޭސް ރަވީ ކުމާރު"އެވެ. މި ފިލްމަކީ ހިމޭޝް ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވި ފިލްމެކެވެ.

comment ކޮމެންޓް