ބަޖެޓު އަރަނިވި ވާހަކައަކީ ދޮގެއް، ދަރަނި ދައްކައި ނުނިމެނީސް އަރަނިވި ވާހަކަ ބުނުން ދެކޮޅު ނުޖެހޭ: ޔާމީން

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ބަޖެޓު ހުށަހަޅައިދެއްވަނީ: -- ފޮޓޯ/ މިނިސްޓްރީ

ވޭތުވެދިޔަ ހަތް މަހު ދައުލަތުގެ ބަޖެޓު އަރަނިވެފައިވާ ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން ހެދީ ދޮގު ކަމަށާއިި، ސަރުކާރުން ދައްކަން ޖެހޭ ދަރަނި ދައްކައި ނުނިމެނީސް ބަޖެޓު އަރަނިވި ވާހަކަ ބުނުން ދެކޮޅު ނުޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ރޭ ވިދާޅުވެއްޖެއެވެ.

މިދިޔަ ބުދަ ދުވަހު ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މަޝްރޫއުތަކަށް ސަރުކާރުން ކުރާ ޚަރަދު 17.4 ޕަސެންޓު ދަށްވެ، ދައުލަތުގެ ބަޖެޓް ބެލެންސް ހުރީ 314.3 މިލިއަން ރުފިޔާގައެވެ. އެ އަދަދު ސާޕްލަސްއެއްގައި ދަމަހައްޓާފައިިވާ ކަމަށް، އެ ހިސާބުތައް އާންމުކޮށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

ރޭ ޕީއެންއެފްގެ އޮފީހުގައި އެ ޕާޓީން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، އުފެއްދުންތެރިކަމުގެ ނިސްބަތުން މިސާލަކަށް ރާއްޖެއަށް 25 ބިލިއަން ރުފިޔާ ލިބޭއިރު، ދަރަނި ދައްކަން އެއަށް ވުރެ އިތުރަށް ޚަރަދުކުރާ ކަމަށް ވަންޏާ ދުވަހަކު ވެސް ރާއްޖެއަށް ދަރަނިން އަރައިނުގަނެވޭނެ ކަމަށެވެ. އެއާއެކު، ޔާމީން ވިދާޅުވީ، ދަރަނީގެ މައްސަލައަށް ފުރިހަމައަށް އެޑްރެސްކުރެވޭ މަންޒަރު އަދި ނުފެންނަ ކަމަށެވެ.

"ޖީޑީޕީއަށް ވުރެ ކުޑަ އަދަދަކަށް ލޯނުގެ ލެވަރެޖް ތިރިނުކުރެވޭ ކަމަށް ވަންޏާ އަބަދު ވެސް ހަމަ ދަރަނިން ދުވަހަކުވެސް މައްޗަށް އަރައިނުގަނެވޭނެ،" ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި ރާއްޖޭގެ އިގްތިސޯދު ރަނގަޅުވަމުންދާ ކަމަށް ދެއްކުމަށްޓަކައި، ސަރުކާރުން ދައްކަން ޖެހޭ ދަރަނި އަދި ދައްކައި ނުނިމެނީސް ދައުލަތުގެ ބަޖެޓު އަރަނިވި ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން ހެދީ ދޮގެކެވެ.

"ސަރުކާރުން ކޮންޓްރެކްޓަރުންނަށް ދޭން ހުރި ފައިސާ އެބައުޅޭ ގާތްގަނޑަކަށް 12 ނޫނީ 13 ބިލިއަން، އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން އިންހެރިޓްކުރި ޑެޓާ އެނގޭތޯ --- އިންހެރިޓްކުރި ޑެޓޭ މި ދެންނެވީ ކޮންޓްރެކްޓަރުން ލައްވާ މަސައްކަތްކުރުވާފަ ނުދީ ހުރި ފައިސާއާއި މި ސަރުކާރުން ކޮށްފަހުރި މަސައްކަތަށް ނުދީ ހުރި ފައިސާ ބަލާކަމަށް ވަންޏާ އެބައުޅޭ ގާތްގަނޑަކަށް 12،000 މިލިއަން ނޫނީ 12 ބިލިއަން،"ކުރީގެ ރައީސް އަބްދުالله ޔާމީން

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 22.2 ބިލިއަން ރުފިޔާ ލިބުނުއިރު، ޚަރަދުކުރީ 21.9 ބިލިއަން ރުފިޔާއެވެ.

އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ޖީއެސްޓީގެ ގޮތުގައި 9.54 ބިލިއަން ރުފިޔާ ލިބުނުއިރު، އޭގެ ތެރޭގައި އާންމު ޖީއެސްޓީގެ ގޮތުގައި ލިބުނު 2.87 ބިލިއަން ރުފިޔާއާއި ޓީޖީއެސްޓީގެ ގޮތުގައި ލިބުނު 6.67 ބިލިއަން ރުފިޔާ ހިމެނެއެވެ.

ސަރުކާރުން ބަޖެޓު އަރަނިވިކަން ފާހަގަކުރާ މައިގަނޑު ސަބަބަކީ، ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި، މަޝްރޫއުތަކަށް ކުރާ ޚަރަދު ކުޑަވުމެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ކެޕިޓަލް ޚަރަދު 6.87 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، މި އަހަރު އެ އަދަދު ހުރީ 60.8 ޕަސެންޓް ދަށްކޮށް، 2.70 ބިލިއަން ރުފިޔާގައެވެ.

މި ސަރުކާރުގެ ރިކަރަންޓް ޚަރަދުތައް މިދިޔަ އަހަރަށްވުރެ މި އަހަރު ދަށްވި ނަމަވެސް މުސާރައަށާއި އިނާޔަތްތަކަށް ކުރާ ޚަރަދު ވަނީ އިތުރުވެފައެވެ. އެގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި މުސާރައާއި އިނާޔަތްތަކަށް ޚަރަދު ކުރީ 7.85 ބިލިއަން ރުފިޔާ ނަމަވެސް، މި އަހަރު 8.40 ބިލިއަން ރުފިޔާ ޚަރަދުކުރިއެވެ.

ރާއްޖޭން ހިލޭ އެހީ ހޯދަން އާންމުކޮށް ބަޖެޓުގައި ބޮޑެތި އަދަދުތައް ޖެހިޔަސް، އެއާ އެއްވަރަަށް ފައިސާއެއް ނުލިބެއެވެ. ނަމަވެސް، އެ ލިބޭ އަދަދު ވެސް މިހާރު ދަނީ އަހަރުން އަހަރަށް ދަށްވަމުންނެވެ. އެގޮތުން މިދިޔަ އަހަރަށް ފާސްކުރި ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 1.47 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރި ނަމަވެސް އޭގެ ތެރެއިން ދެބައިކުޅަ އެއް ބަޔަށްވާ ފައިސާ ވެސް ނުލިބެއެވެ. މިދިޔަ އަހަރު ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 660 މިލިއަން ރުފިޔާއެވެ.

comment ކޮމެންޓް