ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލުގެ ހުރިހާ އަސީރުން މިނިވަންކުރަން ތައްޔާރަށްތިބިކަން އެ ޖަމާއަތުން ހާމަކޮށްފިއެވެ.
ހަމާސްއިން އާންމުކުރި ބަޔާނެއްގައި ވަނީ، ޣައްޒާ ހަނގުރާމަ ހުއްޓާލުން "ކާމިޔާބު" ކުރުމަށް މިސްރާއި ގަތަރުގެ މެދުވެރިކޮށް ކުރި މަޝްވަރާތަކުގައި ފުރިހަމައަށް ބައިވެރިވެފައިވާނެ ކަމަށެވެ.
"ހަނގުރާމަ ހުއްޓުވައި، ސިފައިން އަނބުރާ ގެންދިއުމުގެ ބަދަލުގައި ޣައްޒާގައި ތިބި ހުރިހާ އަސީރުން ދޫކޮށްލުމުގެ ފުރިހަމަ އެއްބަސްވުމަކަށް ތައްޔާރު."
ޣައްޒާ ހިފުމަކީ ވަރަށް ބޮޑު އަގެއް ދައްކަންޖެހޭ ކަމެއް ކަމަށާއި، އެއީ ޕިކްނިކެއް ދިއުން ނޫން ކަމަށް ވެސް ހަމާސް އިން ބުނެފައިވެއެވެ.
އަސީރުން މިނިވަން ކުރުމުގެ އެއްބަސްވުމެއް އެކުލަވަލާން ތައްޔާރު ކަމަށް ހަމާސްއިން ބުނެފައި މި ވަނީ މުޅި ޣައްޒާ ފަތަހަ ކުރަން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުށަހެޅުއްވި ޕްލޭން އިސްރާއީލުގެ އަސްކަރިއްޔާއިން މިއަދު ފާސްކޮށްފައި ވަނިކޮށެވެ.
އިސްރާއީލުން ޣައްޒާ ސިޓީގެ ކޮންޓްރޯލް ހޯދުމުގެ ޕްލޭނާ ގުޅިގެން ދުނިޔޭގެ ގައުމުތަކުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އެގޮތުން ޣައްޒާއަށް ފޯރުކޮށްދޭ އަސްކަރީ ސާމާނު ފޯރުކޮށްދިނުން އިތުރު އެންގުމެއް އަންގަންދެން ހުއްޓާލާނެ ކަމަށް ޖަރުމަނުވިލާތުން ވަނީ ބުނެފައެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކޭއާ ސްޓާމާ ވިދާޅުވީ އެ ނިންމުމަކީ "ގޯސް" ނިންމުމެއް ކަމަށާއި، އިސްރާއީލުގެ ސަރުކާރުން އަލުން ވިސްނުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ސްވިޑެންގެ ޚާރިޖީ ވަޒީރު މާރިއާ މަލްމާ ސްޓެނާގާޑް ވަނީ ޣައްޒާއަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަ ކުރަން އިސްރާއީލު ސަރުކާރުން ނިންމުމުން ހަނގުރާމަ ހުއްޓާލުމަށް ދަތިވާނެ ކަމަށް ވިދާޅުވެފައެވެ.
ޗައިނާއިން ވަނީ އެއީ ވަރަށް ސީރިއަސް ކަންބޮޑުވުމެއްކަން ފާހަގަކޮށް އެ ނުރައްކާތެރި ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލަން އިލްތިމާސްކޮށްފައެވެ.
މުޅި ޣައްޒާ ހިފުމަށް އިސްރާއީލުން ރާވާފައިވާ ޕްލޭން "ވަގުތުން ހުއްޓާލަން ޖެހޭ" ކަމަށް އދ. އިން ވެސް ވަނީ ބުނެފައެވެ.
ޣައްޒާ ހިފުމުގެ ޕްލޭނާ ގުޅިގެން ފަލަސްތީނުގެ އާންމުން ވެސް ވަނީ ވާހަކަ ދައްކާފައެވެ. އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފަލަސްތީނުގެ އާންމުން ވަނީ ޣައްޒާއިން ނުފައިބާނެ ކަމަށް ބުނެފައެވެ.
"އަޅުގަނޑުމެންގެ ހަށިގަނޑާއި ފުރާނަ ފިޔަވައި އިސްރާއީލުން ޣައްޒާއިން އެއްވެސް އެއްޗެއް ނުފެންނާނެ. އަޅުގަނޑުމެން މިތާ މަރުވާނެ. އަޅުގަނޑުމެން ޣައްޒާގެ ދެކުނަކަށް ނުދާނަން." ޣައްޒާގެ އާންމުން މީހަކު ބުންޏެވެ.
ހަމާސްއިން ބުނާ ގޮތުގައި އެ ޕްލޭނަކީ "ހަނގުރާމައިގެ ޖަރީމާއެއް" ކަމަށާއި، ޣައްޒާ ހިފުމަށް ނަތަންޔާހޫ ރާވާފައިވާ ކަންކަމުން އެނގެނީ އޭނާގެ އަމާޒަކީ އޭނާގެ އަމިއްލަ މަސްލަހަތަށް ހިދުމަތް ކުރުމަށްޓަކައި އިސްރާއީލުގެ އަސީރުން ގުރުބާން ކުރުން ކަމަށް ހަމާސްއިން ބުނެއެވެ.
ޣައްޒާ ހިފުމުގެ ޕްލޭން ފާސްކޮށްފައި ވަނީ އިންސާނީ ހާލަތު ގޯސްވުމުން ބައިނަލްއަގްވާމީ މުޖުތަމައުގެ ފާޑުކިޔުން އިސްރާއީލަށް ވަރަށް ބޮޑަށް އަމާޒުވެ، ޕްރެޝަރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.