އަޚުލާގަށް ގޯސްކަމެއް އަތުވެއްޖެނަމަ، ކިޔެވި ކިޔެވުމާއި މެޑެލްގެ އަގެއް ނޯންނާނެ: އަޝްރަފް

ދަރިވަރުންގެ އަޚުލާގަށް ގޯސްކަމެއް އަތުވެއްޖެނަމަ، ކިޔެވި ކިޔެވުމާއި ހޯދާ މެޑެލްތަކުގެ އަގެއް ނޯންނާނެކަމަށް ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް މިރޭ ވިދާޅުވެއްޖެއެވެ.

އަޝްރަފް މިފަދައިން ވިދާޅުވީ، ރ. ކިނޮޅަހުގައި ބޭއްވި ސަރުނަވެރިންގެ ހަފުލާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ހަފުލާއަކީ އެކި ރޮނގުރޮނގުން ކިނޮޅަހަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވި ފަރާތްތަކަށާއި އެރަށަށް ރީތި ނަން ހޯދައިދިން ދަރިވަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ބޭއްވި ހަފުލާއެކެވެ.

މި ހަފުލާގައި ވާހަކަ ދައްކަވަމުން އަޝްރަފް ވިދާޅުވީ، މިފަދަ ހަފުލާތަކުގައި ދަރިވަރުންނަށް ލިބޭ ހަނދާނީ ފިލައަކީ ގެއަށް ގެންގޮސް ބާއްވާ ރީތި ހަނދާނެއްކަމަށް ދެކިގެން ނުވާނެކަމަށެވެ. އޭގެ ބަދަލުގައި މިފަދަ ހަނދާނީ ފިލާތައް ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި މިއީ ވަރަށް އަގުބޮޑު އެއްޗެއްކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ އަގުވަޒަންކުރުންތަކުގެ ސަބަބުން އިންސާނާގެ އަޚުލާގަށް ހެޔޮ ބަދަލުތައް އަންނަކަމަށް އޭނާ ވިދާޅުވިއެވެ. މިރޭ އެވޯޑު ހާސިލްކުރި ދަރިވަރުންނާ މުޚާތަބުކޮށް އަޝްރަފް ވިދާޅުވީ އަޚުލާގު ގޯސްވެއްޖެ ނަމަ، ކިޔަވާ އެއްވެސް ކިޔެވުމަކާއި ހޯދާ އެއްވެސް މެޑެލްއެއްގެ އަގެއް ނޯންނާނެ ކަމަށެވެ.

"ކޮންކަހަލަ އަޚުލާގެއް؟ ގަޑިއަށް ސަމާލުވުން، ފަރުވާތެރިވުން، މައިންބަފައިންނަށް ކަމޭހިތުން، ވެރިންނަށް ކަމޭހިތުން، އިންސަނާ އެއީ އަނެއް އިންސާނާކަން ދަނެ، އަނެއް އިންސާނާއަށް ކަމޭހިތުން،" އަޝްރަފް ވިދާޅުވިއެވެ.

މިކަންކަން އިންސާނާގެ ހަށީގައި އަށަނުގަންނަހާ ހިނދަކު މުޖުތަމައު އިސްލާހު ނުވާނެކަމަށް އަޝްރަފް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވަން އޮތީ، މިއީ ހަމައެކަނި އެވޯޑު ސެރަމަނީއަކަށް ނޫނޭ މިކަން ވާންވީ. މިއީ އަޚްލާގު ބައްޓަންކޮށްދޭ، އިންސާނުން އިންސާނުންނަށް ހަދައިދޭ، އެމީހުންގެ ވިސްނުމާއި ފިކުރު ރަނގަޅު ގޮތުގައި ބައްޓަންކޮށްދޭ ހަފުލާއަކަށޭ މި ހަފުލާ ވާންވީ،" އޭނާ ވިދާޅުވިއެވެ.

އަޝަރަފްގެ ވާހަކަފުޅުގައި ވަނީ، ދިވެހިން ދިވެހި ބަހާ ދުރުވާކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވައިފައެވެ. އެގޮތުން، ރަށްރަށުގެ މަލަމަތީގައި ރަށުގެ ނަން އިނގިރޭސިބަހުން ލިޔެފައި ހުންނަ މަންޒަރު ފެންނަކަން ފާހަގަކުރައްވައި އޭނާ ވަނީ، ދިވެހި ބަހުން މިފަދަ ބިނާތައް ނުހަދަނީ ކިހިނެތް ވެގެންތޯ ސުވާލު އުފައްދަވައިފައެވެ.

"ފުރަތަމަ ލިޔެލަންވީނޫންތޯ ތާނަ އަކުރުން ރަށުގެ ނަން. އޭގެ ތިރީގައި އިނގިރޭސިން ލިޔުއްވާލައްވާ. ވަރަށް ހިތްގައިމުވާނެ ދެއްތޯ؟ ހަމަ ލިޔެވޭނެ ދެއްތޯ؟" އަޝްރަފް ވިދާޅުވިއެވެ.

ސަރުނަވެރިންގެ ހަފުލާއަކީ ކިނޮޅަހު ކައުންސިލުން އިސްނަގައިގެން ކޮންމެ ދެއަހަރަކުން އެއް އަހަރު ބާއްވާ ހަފުލާއެކެވެ. މި ހަފުލާގައި 18 ދާއިރާއަކުން އެވޯޑު ދީފައިވާއިރު، މި އެވޯޑުތައް ދީފައި ވަނީ ތިން ކެޓަގަރީއަކަށް ބަހައިލައިގެންނެވެ. އެއީ:

  1. ރިހި ސަރުނަ: 20 އަހަރާއި 35 އަހަރާ ދެމެދުގެ މުއްދަތެއްގައި ރަށަށް ޚިދުމަތްކޮށްދެއްވި ފަރާތްތަކަށް ދޭ އެވޯޑު
  2. ރަން ސަރުނަ: 35 އަހަރަށްވުރެ ގިނަ ދުވަހު ރަށަށް ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކާއި އެކި ގޮތްގޮތުން ރަށަށް ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކަށް ދޭ އެވޯޑު
  3. ޝަރަފުވެރި ރަން ސަރުނަ: 40 އަހަރަށްވުރެ ގިނަ ދުވަހު ރަށަށް ޚިދުމަތްކޮށްދީފައިވާ ފަރާތްތަކަށާއި ގައުމަށް ރީތި ނަން ހޯދައިދޭ ކިނޮޅަސް ރައްޔިތުންނަށް ދޭ އެވޯޑު
comment ކޮމެންޓް