ސަލާމަތީ ބާރުތަކުން ހިންގަންވާނީ 'ކޯޕަރޭޓިވްސް' އެވެ. 'ކޮމްޕެނީ' އެއް ނޫނެވެ.

19 އެޕްރީލްް 2025: ދިވެހި ސިފައިންގެ 133ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޕެރޭޑު -- ސަން ފޮޓޯ/ މޫސާ ނަދީމް

ދިވެހި ދައުލަތުގެ އެންމެމަތީ މަސްލަހަތު ހިމާޔަތް ކުރުމުގެ ޒިންމާ އެޅިފައިވާ ބަޔަކީ ދިވެހި ސިފައިންނެވެ. އެއީ ބޭރުގެ ހަމަލާތަކުން ދިވެހި ޤައުމު ސަލާމަތްކުރުމަށް ހަނގުރާމަ ކުރަންޖެހިއްޖެނަމަ، ހަނގުރާމަ ކުރުމާ، ފުރާނައިން ޤުރުބާން ވެގެން ވެސް ޤައުމު ސަލާމަތް ކުރުމުގެ މަތިވެރި ޒިންމާއެވެ. ދިވެހި ފުލުހުންނަކީ ވެސް އެފަދަ މަތިވެރި ޒިންމާ އެއް އުފުލާ ބައެކެވެ. ޤައުމުގެ އެތެރޭގެ މަސްލަހަތު ދިފާއުކޮށް، އަމާންކަން ކަށަވަރު ކުރުމެވެ.

މި މަތިވެރި މަސްއޫލިއްޔަތު އަދާ ކުރުމަށް ޓަކައި ޔުނީފޯމް އެޅި ދެ މުއައްސަސާ އުފެދި ހިގަމުން އަންނަތާ އެތައް ޒަމާނެއް ވެއްޖެއެވެ. މި ދެންނެވި ދެ މުއައްސަސާ އަކީވެސް ވަކި ގަޑިތަކެއްގައި ޑިއުޓީ އަދާ ކުރާ ބައެކެވެ. އަދި ޑިއުޓީ ނޫން ގަޑިތަކުގައި އެ މަރުކަޒުތަކުގައި ތިބެންޖެހޭ ބައެކެވެ. އެއީ ކުއްލިއަކަށް ބޮޑު ކަމަކަށް ގޮވާލެވިދާނެކަމަށް ޓަކައެވެ.
މިހެންކަމުން މި ފައުޖުތައް، ޑިއުޓީގައި ތިބޭ ވަގުތުތަކުގައާއި އަދި މަރުކަޒުން ނުނިކުމެ ތިބެންޖެހޭ ވަގުތުތަކުގައި އެ މީހުންގެ ބޭނުންތަކަށް ބޭނުންވާ ތަކެތި އާންމު ފިހާރަތުން ގަތުމަކީ ޑިއުޓީއަށް ހުރަސްއެޅޭނެ ކަމަކަށްވާތީ، ސަލާމަތީ ބާރުތަކުގެ މަރުކަޒުތަކުގައި ފިހާރައެއް ހިންގުމަކީ ޒަމާނުއްސުރެ ކުރަމުން އަންނަކަމެވެ.

https://www.sun.mv/209522

މި ފިހާރަތަކަކީ މި މަރުކަޒުތަކުގައި މަސައްކަތްކުރާ ޔުނީފޯމް އެޅި މީހުންނަށް ދެވޭ ޚިދުމަތެއްގެ ގޮތުގައި ގާއިމް ކުރެވިފައި ހުންނަ 'ކޯޕަރޭޓިވް' އުސޫލުން (ކޯޕަރޭޓިވް އަކީ ބަޔަކު، އެބަޔެއްގެ އެތެރޭގެ އަމިއްލަ ބޭނުމަށް ހިންގާ ވިޔަފާރިތަކަކަށް ދެވިފައިވާ ނަމެކެވެ.) ހިންގާ ފިހާރަތަކެކެވެ. އެހެންކަމުން، މަހުގެ ފަހުކޮޅަށް އައިސް އަތުގައި ފައިސާ ނުހުންނަ ހާލަތުގައި، މުސާރައިން ކަނޑާގޮތަށް ލޭންދޭނަށްވެސް މި ފިހާރަތަކުން ތަކެތި ގެންދެވެއެވެ. މިއީ ދުނިޔޭގެ ހުރިހާ 'ފޯސަސް' ތަކެއްގައިވެސް ކުރާ ކަމެކެވެ. މި ފިހާރަ ހިންގާނީ ސިފައިން ނުވަތަ ފުލުހުންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ 'ކޯޕަރޭޓިވް' އަކުންނެވެ. މިގޮތުން ދިވެހިރާއްޖޭގައި، ސިފައިންގެ އެކުވެރި ކުންފުނީގެ ނަމުގައި އެންމެ ފުރަތަމަ 'ކޯޕަރޭޓިވް' އުސޫލުން ފިހާރައެއް އުފެއްދެވީ ރައީސް އިބްރާހިމް ނާސިރު، 1960 ވަނަ އަހަރުގައެވެ.

މިހާރު ސިފައިންގެ އެކި މަރުކަޒު ތަކުގައި، ކޯޕަރޭޓް މޮޑެލްގައި، ޖުމްލަ 13 ފިހާރައާއި ދެ ރެސްޓޯރަންޓް ހިންގައެވެ. އަދި ސިފައިންގެ ފްލެޓްތައް އެޅުމުގެ މަސައްކަތް ފެށުމާ ގުޅިގެން ރިއަލް އެސްޓޭޓް ވިޔަފާރިވެސް ކުރަން ފެށިއެވެ. ފުލުހުންވެސް ހަމަ މި ތައްގަޑަށް ކޯޕަރޭޓް މޮޑެލްގައި ވިޔަފާރި ކުރެއެވެ. މިއީ ސަލާމަތީ ޚިދުމަތް ތަކުގައި މަސައްކަތްކުރާ މީހުންގެ ވެލްފެއާއަށް ޓަކައި މުހިންމު ކަމެކެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި ޕާޓީ ތަކުން ވެރިކަން ކުރަން ފެށުމާއެކު ސިފައިންނާއި ފުުހުންގެ އެތެރޭގެ ބޭނުންތަކަށް 'ކޯޕަރޭޓް' އުސޫލުން ހިގަމުން އައި ކުދި ވިޔަފާރި ތަކުގެ އިތުރުން، އާންމުން ކުރާ ވިޔަފާރި އާއި ސަރުކާރުގެ ކޮންޓްރެކްޓް މަސައްކަތުގެ ތެރެއަށް ވަނުމަށް ވިޔަފާރި ކުންފުނި ވަކިން ރަޖިސްޓްރީ ކޮށް ހިންގަން ފެށިއެވެ. 'ކޯޕަރޭޓިވް' މޮޑެލްގެ ދަށުން މަރުކަޒުތަކުގެ އެތެރޭގައި ހިންގާ ފިހާރަތަކުގެ އިތުރުން، ސިފައިންގެ ވެލްފެއާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (SIWEC)ގެ ނަމުން ނަންދީ، 2012 ވަނަ އަހަރު ވިޔަފާރި ކުންފުންޏެއް ސިފައިން އުފެއްދިއެވެ. އަދި ފުލުހުންވެސް ހަމަ މިމޮޑޮލްގައި 'ޕޮލިސް ވެލްފެއާ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް'(POLWEC) ގެ ނަމުގައި، 2013 ވަނަ އަހަރު ވިޔަފާރި ކުންފުންނެއް އުފެއްދިއެވެ.

ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން --- ސަން ފައިލް ފޮޓޯ

މި ގޮތުން ސިފައިންނާ ފުލުހުންގެ މަރުކަޒުތަކުގެ އެތެރޭގައި ކުރަން ހުންނަ އުމްރާނީ މަސައްކަތްތައް ޕްރައިވެޓް ކުންފުނިތައް ލައްވާ ކުރުވުމުގެ ބަދަލުގައި ސިފައިންނާއި ފުލުހުންގެ ކުންފުނިތަކަށް ދިނުމަށް ސަރުކާރުން ނިންމިއެވެ. ނަމަވެސް ސަލާމަތީ ބާރުތަކުގެ ކުންފުނިތަކުން އެ މަސައްކަތް ނެގުމަށްފަހު، އެ މީހުން ވެސް 'އައުޓްސޯސް' ކުރީ ޕްރައިވެޓް ކުންފުނި ތަކަށެވެ. އެހެންކަމުން ސަލާމަތީ ބާރުތަކުގެ ކުންފުނިތައް މި ބަދަލުވީ މެދުވެރިއަކަށެވެ. އަދި ލަހެއްނުވެ ސަރުކާރުގެ އެހެނިހެން ދާއިރާތަކުގެ މަސައްކަތްތައްވެސް ހަމަ މި އުސޫލުން ސިފައިންނާއި ފުލުހުންގެ ކުންފުނި ތަކާ ހަވާލުކުރަން ފަށައިފިއެވެ. ނަތީޖާ އަކަށް މިވީ ސިފައިންނާއި ފުލުހުން ވިޔަފާރި ކުރާ ބަޔަކަށް މަޑުމަޑުން ބަދަލު ވުމެވެ. މިހާރު މިއަޑުއިވޭ ކޮރަޕްޝަން އަށަގަތުމުގެ މައިގަނޑު ސަބަބަކަށް މިކަން ވެގެން ހިގައްޖެއެވެ.

އެތައް ޒަމާނެއްވަންދެން 'ކޯޕަރޭޓް' މޮޑެލްއަށް އެ މީހުންގެ އެތެރޭގެ އަމިއްލަ ބޭނުންތަކަށް ކުރަމުން އައި ވިޔަފާރިން ބޭރަށް ނުކުމެ ޕްރައިވެޓް ވިޔަފާރިތައް ނުވަތަ ސަރުކާރުގެ ޕަބްލިކް ކުންފުނިތައް މަސައްކަތް ކުރާ ގޮތަށް މަސައްކަތްކުރަން ފެށި ފެށުމަކީ ކައްޗަށް އެޅި ފިޔަވަޅެކެވެ.
މިކަމުގެ ސަބަބުން، ސިފައިންގެ ނުވަތަ ފުލުހުންގެ ކުންފުނިތައް މެދުވެރިކޮށް، ބިޑު ކުރުމެއްނެތި، ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންގެ ކުންފުނިތަކަށް ދައުލަތުގެ މަސައްކަތް ތަކާއި ކޮންޓްރެކްޓްތައް ގެންދެވޭނެ ރަނގަޅު ދޮރެއް ވެރިކަން ކުރާ ޕާޓީތަކަށް ހުޅުވިގެން ދިޔައެވެ.

މިހެން މި ދިމާވީ، ސަލާމަތީ ބާރުތަކަށް ބޭނުންވާ ކަންކަން ކުރުމުގައި ދައުލަތުގެ ޕްރޮކިއޯމަންޓްގެ ނިޒާމުގެ ބޭރުން ކަންކަން ކުރުމުގެ ޙާއްސަ ހުއްދައެއް އަބަދުވެސް ސަލާމަތީ ޚިދުމަތްތަކަށް އޮންނާތީއެވެ. މި އުސޫލުގެ ދަށުން ކިތަންމެ އަގުބޮޑު މަސައްކަތެއް ވެސް ބިޑް ކުރުމަކާ ނުލައި ސިފައިންގެ ނުވަތަ ފުލުހުންގެ ކުންފުންޏަކާ ހަވާލު ކުރެވިދާނެއެވެ. ކޮރަޕްޓް ސިޔާސީ ވެރިންނަށް ހުޅުވުނު ރަނގަޅު 'ވަލު ދޮރާއްޓަކަށް' މި މަގުވިއެވެ. އަދި ފަސް މިލިއަން ރުފިޔާއަށް ވުރެ މަތީ އަގުތަކުގެ މަސައްކަތްތައް ވެސް މި ކުންފުނިތަށް މެދުވެރިކޮށް ސަރުކާރު ހިންގަން އޮންނަ ޕާޓީއެއް ބޭނުން މީހަކަށް ނުވަތަ ކުންފުނިތަކަށް ދޭން ފެށީއެވެ.

ސަރުކާރުގެ ކޮންޓްރެކްޓްތައް ބޮޑު އަގުގައި ނަގާ، ސިޔާސީ ގުޅުން އޮންނަފަރާތްތަކަށް މަނީ ލޯންޑާ ކޮށްދޭ އުޅަނދަކަށް މި ކުންފުނިތައް ވެގެން ދިޔައީއެވެ. ކޮރަޕްޝަން ރަނގަޅަށް އަށަގަނެ، އެންމެންވެސް 'ހެޕީ' ވެގެން ދިޔައީއެވެ.

ސިފްކޯ ހިޔާ: -- ފޮޓޯ/ ދައުލަތުގެ މީޑިއާ

ޤައުމުގެ ސަލާމަތީ ބާރުތަކުގެ ނަމުގައި ވިޔަފާރި ކުންފުނި އުފައްދައިގެން ހިންގުމަކީ ކުރަން އެކަށީގެންވާ ކަމެއް ނޫނެވެ. ސަލާމަތީ ބާރު ތަކުން ހިންގަންވާނީ ކޯޕަރޭޓިވް ތަކެވެ. އަދި އެ ކޯޕަރޭޓިވްއިން ހިންގާ ވިޔަފާރިތައް ވާންވާނީ ޔުނީފޯމް އެޅި މީހުންނަށް ދޭ ޚިދުމަތެއްގެ ގޮތުގައި ކުރާ ކަމަކަށެެވެ. އެހެން ނޫނީ ސަލާމަތީ ބާރު ތަކުގެ އަމާޒު ގެއްލި، މީހުންގެ އަޚުލާގް ގެއްލި، ސިފަވަންތަކަން ގެއްލި، ތަމްރީން ތަކުގައި ބައިވެރިވެގެން ކުރިއަށް ދިއުމުގެ ވިސްނުން ދޫކޮށް ވިޔަފާރީގެ ތެރެއަށް ވަދެ، ކޮރަޕްޝަން އަށަގަނެގެން ދާނެއެވެ. 'ޕްރޮފެޝަން' އެއްގެ ގޮތުގައި ޚިދުމަތް ކުރުމުގެ ބަދަލުގައި ވިޔަފާރި އުސޫލު އަށަގަނެގެން ހިގައިދާނެއެވެ.

ޤައުމު ރައްކާތެރިކޮށް ދިނުމުގެ ވާޖިބާ، ވިޔަފާރީގެ މަސްލަހަތާ ފުށޫ އަރާ، ޤައުމުގެ މަސްލަހަތު މައްޗަށް ފައިސާ އިސްކުރެވޭން ފަށާފާނެއެވެ. ވަކިން ޚާއްސަކޮށް ބޭރުގެ ނުފޫޒުތަކުން، ވިޔަފާރީގެ ހެދުން އަޅައިގެން އައިސް ސަލާމަތީބާރު ތަކުގެ މައްޗަށް ފައިސާގެ ނުފޫޒުފޯރުވުމުގެ ނުރައްކާތެރި ދޮރަކަށް މިދޮރު ވެގެން ހިގައިދާނެއެވެ. އަދި ވިޔަފާރީގެ މަސްތުގައި ޖެހި، ދައުލަތަށް ބޯނުލަބާ ބަޔަކަށް ވެދާނެއެވެ. މިހިރީ ހުސް އެހެނިހެން ޤައުމުތަކުގައި ތަޖުރިބާކުރެވިފައިހުރި ކަންކަމެވެ.

ފުލުހުންގެ ފުލެޓުތައް: އެ ތަނަށް އިތުރަށް 354 މިލިއަން ރުފިޔާ ޚަރަދުވި -- ފޮޓޯ/ މިހާރު ނޫސް، ފަޔާޒް މޫސާ

ސަލާމަތީ ބާރު ތަކުގެ ތެރޭގައި ވިޔަފާރި ފުޅާވެފައި ޤައުމުތަކަށް ބަލާއިރު، ޕާކިސްތާނާ، މިސްރު ހިމެނެއެވެ. ކޮންމެ ޖެނެރަލް އެއްގެ ބެލުމުގެ ދަށުގައި ބޮޑު ވިޔަފާރި ކުންފުންޏެއް ހިގައެވެ. ބޮޑެތި ފެކްޓަރީތަކާ، ހޮޓާތައް ހިންގައެވެ. މި ފަދަ ޤައުމު ތަކުގައި މިލިޓަރީ އިންޤިލާބުތައް ގިނަވުމުގެ އެއް ސަބަބަކީވެސް، ޖެނެރަލުން އެ މީހުންގެ ވިޔަފާރިތައް އެ މީހުންގެ އަތުގައި ބޭއްވުމަށް މަސައްކަތް ކުރުމެވެ. ޕްރައިވެޓް އަދި ޕަބްލިކް ވިޔަފާރިތައް ހިންގާ މޮޑެލްއަށް ސަލާމަތީ ބާރު ތަކުން ވިޔަފާރި ކުރުމަކީ އެ އިދާރާތައް ކޮރަޕްޓް ވުމަށް މަގުފަހިވެ، އަޚުލާގާއި ސިފަވަންތަކަން ދެމެހެއްޓުމަށް ހުރަސްއެޅޭ ކަމެކެވެ.

ފައިސާއަކީ އެބަޔެއްގެ މަންޒިލް ނޫންކަމަށް ޤަބޫލުކޮށްގެން ޤައުމަށް ޚިދުމަތް ކުރާ ބަޔަކު ދައުލަތުގައި މަސައްކަތް ކުރަންވާނެއެވެ. އޭގެ ތެރޭގައި ޓީޗަރުންނާ، ޢިލްމުވެރިންނާ، ސިފައިންނާއި ފުލުހުންނާ، ޑޮކްޓަރުންނާ، ކައުންސިލަރުންނާ، މަޖްލިސް މެންބަރުންނާ، ވަޒީރުންނާ، ރައީސުންގެ އިތުރުން ފަނޑިޔާރުން ހިމެނެންވާނެއެވެ. މުޅި ދައުމަތުގެ ޤަދަރާ، އިއްޒަތް ހިފެހެއްޓޭނީ މި މީހުން ވިޔަފާރިތަކާ ދުރުގައި ތިބެގެންނެވެ.

ނޯޓް: އުމަރު ނަސީރަކީ މީގެ ކުރިން އެމްއެންޑީއެފްގައި ޚިދުމަތް ކުރައްވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދެ އަހަރު ހޯމް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ދެ ފަހަރެއްގެ މަތިން ރައީސް ކަމަށް ވާދަކުރައްވާފައިވާ އުމަރަކީ ފުލުހުންނާއި ސިފައިންގެ މުއައްސަސާތަކަށް ގެންނަން ޖެހޭ އިސްލާހުތަކާއި ކުށް ކުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތައް ހަރުކަށި ކުރުމަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. އަމިއްލަ ވިޔަފާރީގައި އުޅުއްވާތާ 30 އަހަރު ވެފައިވާ އުމަރު ސިޔާސީ މަސައްކަތުގައި އުޅުއްވާތާ 20 އަހަރަށް ވުރެން ގިނަ ދުވަސް ވެއްޖެއެވެ.

comment ކޮމެންޓް