ސަނީއަކީ ފިލްމީ ކެރިއަރުގެ އެންމެ އަނދިރި ސޮފްހާތަކުން ޖާގަ ހޯދި އެކްޓަރެއް ކަމަށް ޑައިރެކްޓަރަކު ބުނެފި

ބޮލީވުޑް އެކްޓަރު ސަނީ ޑިއޯލް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އިންޑިއާގެ މަގުބޫލު އެކްޓަރު ސަނީ ޑިއޯލް އަކީ ކެރިއަރުގެ އެންމެ އަނދިރި ސޮފްހާތަކުން ޖާގަ ހޯދި އެކްޓަރެއް ކަމަށް ފިލްމު ޑައިރެކްޓަރު ސުނީލް ދަރުޝަން ބުނެފިއެވެ.

ފިލްމީ ތަރިން ކަމަށްވާ އަކްޝޭ ކުމާރު، ސުނިލް ޝެޓީ އަދި އަބީޝެކް ބައްޗަންއާ އެކު މަސައްކަތްކޮށްފައިވާ ޑައިރެކްޓަރު ދާދިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ، ސަނީ އޭނާގެ ފިލްމެއްގައި މަސައްކަތް ކުރުމުގެ ނަމުގައި ފައިސާތަކެއް ހޯދި ކަމަށެވެ.

މިއަދާ ހަމައަށް ވެސް އެ ފިލްމަކީ އެއީ ހުވަފެނީ ފިލްމެއް ކަމަށާއި ސަނީ އަތުން އެ ފައިސާ އަދިވެސް އަނބުރާ ނުލިބޭ ކަމަށެވެ. ސަނީއަކީ ވަރަށް ގޮތްދޫނުކުރާ ކުޑަކުދިންގެ ކިބައިގައި ހުންނަ ބޮޑާހޭކުމުގެ އާދަ ހުންނަ އެކްޓަރެއް ކަމަށް ސުނީލް ވަނީ މި އިންޓަވިއުގައި ބުނެފައެވެ.

ސަނީ ޑިއޯލް އަދި ޑައިރެކްޓަރު ސުނީލް ދަރުޝަން--ފޮޓޯ/ހިންދުންސްތާންޓައިމްސް

ސަނީގެ އެފަދަ އާދަތަކުގެ ސަބަބުން ސުނީލް އުފެއްދި ފިލްމު "ޖާންވަރު"އިން ވެސް އެކްޓަރު ވަކިކޮށް އެ ފިލްމަށް އަކްޝޭ ކުމާރު ނެގި ކަމަށް ގިނަ ފިލްމުތަކެއް އުފެއްދި ސުނީލް ވަނީ ބުނެފައެވެ.

ސަނީ އަކީ އިންޑިއާގެ ލެޖެންޑު އެކްޓަރު ދަރުމެންދުރާގެ ދަރިއަކަށްވީ ނަމަވެސް ދަރުމެންދުރާއަށް ލިބިފައިވާ ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރުމުގެ ހުނަރު ސަނީގެ ކިބައިގައި ނެތްކަމަށް ސުނީލް ވަނީ ބުނެފައެވެ.

ސުނިލްގެ ތިން ފިލްމެއްގައި ސަނީ މަސައްކަތް ކުރިއިރު އެއީ ޑައިރެކްޓަރަށް ވަރަށް އުނދަގޫ ކަންކަމާ ކުރިމަތިލާން ޖެހުނު ދުވަސްކޮޅެއް ކަމަށާއި ސަނީއާ އެކު މަސައްކަތް ކުރުމުން ފައިދާގެ ބަދަލުގައި ލިބުނު ގެއްލުންތައް މާބޮޑު ކަމަށް ސުނިލް ބުނެފައިވެއެވެ. އެކަންކަމުގެ ތަފުސީލަށް ދާން ބޭނުންނުވާ ކަމަށާއި އުއްމީދަކީ ކޮންމެވެސް ދުވަހަކު އެކަން ކަމަށް އިންސާފު ލިބުން ކަމަށް ސުނިލް ވަނީ ބުނެފައެވެ.

ސަނީއާ ގުޅޭގޮތުން ސުނިލް މިފަދަ ގޮތަކަށް ވާހަކަ ދައްކާފައިވާއިރު މީގެކުރިން ވެސް ފިލްމު ޕްރޮޑިއުސަރެއްގެ އަތުން ގިނަ ފައިސާތަކެއް ހޯދި ކަމުގެ ތުހުމަތު ސަނީގެ މައްޗަށް ވަނީ ކުރެވިފައެވެ.

އެއީ ފިލްމު ޕްރޮޑިއުސަރު ސޯރަވް ގުޕްތާއާ ގުޅިގެން 2016 ވަނަ އަހަރުތެރޭ އުފައްދަން ނިންމި ފިލްމަކަށް އެޑްވާންސްގެ ގޮތުގައި ނެގި އެއް ކްރޯޑު ރުޕީސް (އެއްލައްކަ ވިހިހާސް އެމެރިކާ ޑޮލަރު)އެވެ. އެ ފިލްމުގެ ޖުމްލަ ފީއަކީ ހަތަރު ކްރޯޑް ރުޕީސް (ހަތަރު ލައްކަ އަށްޑިހަ ހާސް އެމެރިކާ ޑޮލަރު) ކަމަށް ސޯރަވް ގުޕްތާ ވަނީ ބުނެފައެވެ.

ސޯރަވްގެ ފިލްމަށް ވަގުތު ދޭނެކަމަށް އެއްބަސްވި ނަމަވެސް ސަނީ ޚިޔާރުކުރީ އެހެން ފިލްމަކަށް ވަގުތު ހުސްކުރަން ކަމަށާއި އޭރު ވެސް ސަނީ ދިޔައީ އެ ކުންފުނިން ފައިސާ ހޯދަން އެދެމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ސަނީއާ ގުޅިގެން ފިލްމު ޕްރޮޑިއުސަރުން ދައްކަމުން އަންނަ މިފަދަ ވާހަކަތަކަށް މިހާތަނަށް ވަކި އެއްޗެއް ސަނީ ބުނެފައެއް ނުވެއެވެ. ސަނީ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ އަހަރު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ބޯޑާ 2"އިންނެވެ.

comment ކޮމެންޓް