ރާއްޖޭގެ އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރަން ތުރުކީ ސަރުކާރުން, ހަދިޔާކުރާ މަނަވަރު ނުވަތަ މިސައިލް ބޯޓު ރާއްޖެ ގެނެސްފިއެވެ.
"ސަން"އަށް ބައެއް މަސްދަރުތަކުން މައުލޫމާތު ދިން ގޮތުގައި މި މަނަވަރު ރާއްޖެ ގެނެސްފައި ވަނީ، ބޮޑެތި ކަނޑު އުޅަނދު އުފުލާ، "ބްރޭކް ބަލްކް ކެރިއާ"އަކަށް ލައިގެންނެވެ.
މި ބާވަތުގެ އުޅަނދަށް ކަނޑުއަޑީގައި ދުއްވާ ސަބްމެރީންފަދަ އުޅަނދުތައް ވެސް އުފުލުމުގެ ގާބިލްކަން ލިބިފައިވެއެވެ.
އެ މަނަވަރު ރާއްޖެއަށް ހަދިޔާ ކުރަން ތުރުކީ ސަރުކާރުން ނިންމާފައިވާކަން ފުރަތަމަ ހާމަ ކޮށްފައިވަނީ ތުރުކީގެ ނޫސްތަކުން މިދިޔަ އޭޕްރިލް މަހެވެ. އެ ގައުމުގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ 'ޓާކިޔޭ ޓުޑޭ'ގައި ބުނެފައިވަނީ TCG ވޮލްކަން (P-343)ގެ މިސައިލް ބޯޓެއް އެ ގައުމުން ރާއްޖެއަށް ހަދިޔާކުރަން އުޅޭ ކަމަށެވެ.
އެ ނޫހުން ބުނީ، އެ ބޯޓު ހަދިޔާކުރަނީ ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ގާއިމުކޮށްފައިވާ އަސްކަރީ ގާބިލުކަން އިތުރު ކުރުމުގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
އެކަން ދިވެހި ޑިފެންސް މިނިސްޓްރީން ރަސްމީކޮށް އިއުލާންކުރީ އޭޕްރިލް މަހުގެ 12ގައެވެ. މިނިސްޓްރީން ބުނީ، ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން، ރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ގާބިލްކަން ހުރި ބަޔަކަށް ސިފައިން ހެދުމާއި، ކޯސްޓްގާޑުގެ ގާބިލްކަން ދެގުނަ ކުރުމަކީ ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަނޑުދަނޑިއެއް ކަމަށެވެ.
އެ މަނަވަރު ގެނައުމަކީ ސިފައިން ގާބިލްކަން އިތުރު ކުރުމަށާއި ރައީސްގެ ލަނޑުދަނޑިއަށް ވާސިލުވުުމަށް އެޅުއްވި މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ އުޅަނދު ރާއްޖެ ގެނެސް، އޮޕަރޭޓު ކުރުމަށް، ތުރުކީވިލާތުގައި ދިވެހި ސިފައިން ތަމްރީނުކޮށްފައިވެއެވެ.
އެ އުޅަނދުގެ ތަފުސީލަށް ބަލާއިރު، އެއީ ތުރުކީ ނޭވީއަށް 1981ވަނަ އަހަރުގެ މޭ މަހު ޚިދުމަތަށް ނެރުނު ބޯޓެކެވެ. މި ބޯޓަށް މިދިޔަ އަހަރު 43 އަހަރު ވުމާއެކު ވަނީ ޓެސްޓުތައް ހެދުމަށާއި، ޓްރެއިނިންތަކަށް ބޭނުންކުރާ އުޅަނދަކަށް ބަދަލުކޮށްފައެވެ.
ޑޯގަން ކްލާހުގެ އުޅަނދުތައް ފަރުމާކޮށްފައިވަނީ ޖަރުމަނަށް ނިސްބަތްވާ ބޯޓު ފަރުމާކުރުންތެރިއެއްކަމަށްވާ ލާރްސަން ވާފްޓެވެ.
ތުރުކީގެ ނޭވަލް އިންސްޓިޓިއުޓުން ހާމަކޮށްފައިވާ ގޮތުގައި އެ ގައުމުގެ އަސްކަރިއްޔާގައި ނޭވީއިން އަސްކަރީ މަނަވަރުތައް ރިޓަޔާކުރަނީ ޚިދުމަތުގައި 40 އަހަރުވުމުން، ފަސް އަހަރު ތެރޭއެވެ. މިއީ އަސްކަރީގޮތުން ބޭނުންކުރާ ކަނޑު އުޅަނދުފަހަރުގެ އޮޕަރޭޝަނަލް މުއްދަތު އިތުރުކުރުުމުގެ ގޮތުން އޮންނަ ގަވައިދެކެވެ.