ޖީޕީޓީ-5ގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެ ފާޑުކިޔުން އަމާޒުވެއްޖެ!

އޯޕަންއޭއައި އިން ބުނީ ހުރިހާކަމެއްވެސް ހައްލުކޮށްދޭނެކަމަށް ---

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާގައި އެންމެ ކުރީގައި އުޅޭ ކުންފުނި، އޯޕަންއޭއައި އިން އެންމެ ފަހުން ބުރާސްފަތި ދުވަހު ނެރުނު "ޖީޕީޓީ-5" މޮޑެލްއާ މެދު ބޭނުންކުރާ ފަރާތްތަކުގެ ހިތްހަމަނުޖެހުން ބޮޑުވެ، އެއީ ކުރީގެ "ޖީޕީޓީ-4o" މޮޑެލްއަށްވުރެ ފެންވަރު ދަށް އެއްޗެއް ކަމަށް ބުނެ ފާޑުކިޔަން ފަށައިފިއެވެ.

އާ މޮޑެލް ނެރުމާއެކު ކުރީގެ މޮޑެލްތައް އުވާލުމުން އުފެދުނު މި ޝަކުވާތަކާ ގުޅިގެން، ކުންފުނީގެ ސީއީއޯ ސޭމް އޮލްޓްމަން ވަނީ މައްސަލަ ހައްލުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ގިނަ ބަޔަކު ދަނީ ޖީޕީޓީ-5ގެ ޖަވާބުތައް ކުރުވެފައި، ފުރިހަމަ ނޫންކަމަށާއި، އޭގައި ކުރިން ހުރި އުފެއްދުންތެރިކަމާއި "ޝަޚްސިއްޔަތު" ނެތްކަމަށް ބުނަމުންނެވެ.

ރެޑިޓްގައި ބޭއްވި ފޯރަމެއްގައި ޔޫޒަރަކު ފާހަގަކުރި ގޮތުގައި، އޭނާ ފަދަ ގިނަ ބަޔަކު ޖީޕީޓީ-4o ބޭނުންކުރަނީ ކޯޑިން ފަދަ ޓެކްނިކަލް ކަންކަމަށްވުރެ ބޮޑަށް، އުފެއްދުންތެރި މަސައްކަތްތަކަށާއި، އިހުސާސްތައް ދެނެގަތުމަށާއި، ދިގު ޖަވާބުތައް ބޭނުންވާ ކަންކަމަށެވެ.

މި ފާޑުކިޔުންތަކަށް ޖަވާބު ދެއްވަމުން ސޭމް އޮލްޓްމަން ވަނީ، އަންނަ ދުވަސްތަކުގެ ތެރޭގައި މުހިންމު ބަދަލުތަކެއް ގެންނާނެ ކަމަށް އިއުލާން ކުރައްވާފައެވެ. އެގޮތުން، ޕްލަސް ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް އަލުން ޖީޕީޓީ-4o ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ޖީޕީޓީ-5 ބޭނުންކުރެވޭނެ މިންވަރު ދެގުނަ އިތުރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޮލްޓްމަން އިތުރަށް ވިދާޅުވީ، ޖީޕީޓީ-5 ގެ ފެންވަރު ދަށްކަމަށް އިހުސާސް ކުރެވުނީ، ސުވާލުގެ ބާވަތަށް ބަލައި އެންމެ އެކަށީގެންވާ މޮޑެލްއަށް ބަދަލުކޮށްދޭ "އޮޓޯ-ސްވިޗާ" ނިޒާމު މަސައްކަތް ނުކުރުމުގެ ސަބަބުން ކަމަށެވެ. އެ މައްސަލަ ހައްލުވުމުން މޮޑެލްގެ ފެންވަރު ރަނގަޅުވާނެ ކަމަށާއި، ބޭނުންކުރަނީ ކޮން މޮޑެލްއެއްކަން ޔޫޒަރުންނަށް ސާފުކޮށްދޭނެ ކަމުގެ ޔަގީންކަންވެސް އޭނާ ދެއްވިއެވެ.

މިކަންކަން ހިނގަމުންދާއިރު، އޯޕަންއޭއައި އަކީ މާލީ ގޮތުން ބޮޑު ގެއްލުމެއްގައި ހިނގަމުން އަންނަ ކުންފުންޏެއްކަން އޮލްޓްމަން ވަނީ ހާމަކުރައްވާފައެވެ. މިދިޔަ އަހަރު އެކަނިވެސް 5 ބިލިއަން ޑޮލަރުގެ ގެއްލުމެއްވި އިރު، މީގެ މައިގަނޑު ސަބަބަކީ އޭއައި މޮޑެލްތައް ހިންގުމަށް ބޭނުންވާ ސާވާތަކަށް ހިނގާ ބޮޑު ޚަރަދެވެ.

މިހެންކަމުން، އޯޕަންއޭއައި އަށް މިވަނީ ދެކޮޅުނުޖެހޭފަދަ ހާލަތަކާ ކުރިމަތިލާން ޖެހިފައެވެ. ކުރީގެ މޮޑެލްތައް ހިންގުމަކީ ޚަރަދު ބޮޑުކަމެކެވެ. ނަމަވެސް އެ މޮޑެލްތައް އުވާލުމުން، އެތައް މިލިއަން ޔޫޒަރުންގެ އިތުބާރު ގެއްލި، ނުރުހުން އަމާޒުވެއެވެ.

ކުންފުންޏަށް މިހާރު މަޖުބޫރުވެފައިވަނީ، މާލީ ގޮންޖެހުންތަކާއި އެކުވެސް ޔޫޒަރުންގެ ހިތްހަމަނުޖެހުންތައް ހައްލުކުރުމަށް މަސައްކަތް ކުރުމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު