ވައިބާ ވެރިފިކޭޝަން ކޯޑު ހޯދައި، އެކައުންޓަށް ވެރިވެގެން ސްކޭމް ކުރުން އިތުރުވަނީ

މީހަކު ފޯން ބޭނުންކުރަނީ: ވައިބާ އެކައުންޓުތަކުގެ ވެރިފިކޭޝަން ކޯޑު ހޯދައި، އެކައުންޓަށް ވެރިވެގެން ސްކޭމް ކުރުން އިތުރުވާތީ ސަމާލުވާން ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ވަނީ އިލްތިމާސްކޮށްފައި - ސަން ފޮޓޯ/ ފަޔާޒު މޫސާ

ވައިބާ އެކައުންޓުތަކުގެ ވެރިފިކޭޝަން ކޯޑު ހޯދައި، އެކައުންޓަށް ވެރިވެގެން ސްކޭމް ކުރުމުގެ މައްސަލަތައް އިތުރުވާތީ ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން މިއަދު އިލްތިމާސްކޮށްފިއެވެ.

ޒަމާނަށް އައި ބަދަލާ އެއްކޮށް، އެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދައެވެ. އެފަދަ މައްސަލަތައް މި ދުވަސްވަރު ވަނީ އާންމުވެފައެވެ.

މިއަދު ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނީ، ވައިބާ އެކައުންޓުތައް ވެރިފިކޭޝަން ކޯޑު ހޯދައި، އެކައުންޓަށް ވެރިވެގެން އެ މީހެއްގެ އާއިލާއާއި އެކުވެރިން ސްކޭމް ކުރުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށެވެ.

އެހެންވެ، އެކަމުން ރައްކާތެރިވެ ތިބުމަށް އެޅޭނެ ފިޔަވަޅުތައް އެ ސެންޓަރުން ވަނީ ކިޔައީދިފައެވެ. އެގޮތުން، ވައިބާގެ ވެރިފިކޭޝަން ކޯޑު އެހެން މީހުންނާ ހިއްސާނުކުރުމަށާއި ވައިބާގެ 'ޓޫ ސްޓެޕް ވެރިފިކޭޝަން' އޮން ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި، ދަންނަ މީހަކު ކުއްލިއަކަށް ޒާތީ މައުލޫމާތެއް ނުވަތަ ފައިސާ ހިއްސާކުރުމަށް އެދިއްޖެނަމަ، ފޯނުން ގުޅައި ޔަގީން ކުރަން އެ ސެންޓަރުން ވަނީ އެދިފައެވެ.

މިފަހުން ވެސް، މިފަދަ އެހެން މައްސަލައެއް ފެންމަތިވިއެވެ. މީގެ ދެ ދުވަސް ކުރިން ފުލުހުން ވަނީ، ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ހޯދަން, އަލުން ފޯމު ހުށަހަޅަން ޖެހޭ ކަމަށް ބުނެ، ސްކޭމް މެސެޖުތަކެއް ފޮނުވާތީ އެކަމަށް ސަމާލުވުމަށް އެދިފައެވެ.

comment ކޮމެންޓް