މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހު މުޅި މާލެއާއި ހުޅުމާލެއިން އެއްކޮށް ގިނަ އިރުތަކަކަށް ކަރަންޓު ކެނޑުމާ ގުޅިގެން ފުލުުހުން ހިންގާ ތަހުގީގަށް ދެ މަސްވީއިރު، މިހާތަނަށް އެއްކުރެވުނީ އިބްތިދާއީ މައުލޫމާތު ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
ކަރަންޓު ވިއުގައަކުން ގުޅުވައިފައިވާ، މާލެއާއި ހުޅުމާލޭގެ ދެ ފިޔަވަހިން އެއް ފަހަރާ ކަރަންޓު ކެނޑުނީ އެ ދުވަހުގެ 12:35 އެހާކަންހާއިރެވެ. އެއަށްފަހު ހުރިހާ ސަރަހައްދަކަށް ކަރަންޓު ލިބޭވަރުވީ ފަސް ގަޑިއިރަށް ވުރެ ބޮޑުވީ ފަހުން، 18:30ހާއިރެވެ.
މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ދުވަހު އެންގެވިއެވެ.
އެހެންވެ، ފުލުހުން އެ މައްސަލައިގެ ޚާއްސަ ތަހުގީގެއް ފެށިއިރު މިހާރު އެ ތަހުގީގަށް ދެ މަސްދުވަސް މި ވަނީ ވެފަައެވެ.
މިއަދު އެ ތަހުގީގުގެ އަދާހަމަ ހިއްސާކުރަމުން ފުލުހުން ބުނީ ތަހުގީގުގެ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު މިހާރު އެއްކުރެވިފައިވާ ކަމަށެވެ. އަދި މި މައުލޫމާތައް ބަލައި ފުލުހުން އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ބުންޏެވެ.
"ތަހުގީގު އެއްކޮށް ނިމުމުން ތަޙްގީގުގައި ފާހަގަކުރެވުނު ކަންކަން ހިއްސާކޮށްދޭނެ ވާހަކަ ދަންނަވަން،" ފުލުހުން ބުންޏެވެ.
އެ ދުވަހުގެ ފަހުން، މިފަހަކަށް އައިސް މާލެއާއި ހުޅުމާލެއިން ދޭތެރެ ދޭތެރެއިން ކުއްލިއަކަށް ކަރަންޓު ކެނޑުމުގެ މައްސަލަތައް އަންނަނީ ދިމާވަމުންނެެވެ. އެގޮތުން މިއަދު ވެސް މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވެއެވެ.
މި މައްސަލަ އާންމުކޮށް ދިމާވާން ފަށައިފައިވާއިރު، މިހެން މެދުވެރިވަނީ ކީއްވެކަމެއް، ސްޓެލްކޯއިން ވެސް ސީދާ ހާމައެއް ނުކުރެއެވެ.