މަޑުކުރަން އެންގުމުން މަޑުނުކޮށް، ކާރުން ފުލުހުންގެ ސައިކަލުގައި ޖެއްސި ދެ މީހަކު ހައްޔަރުކޮށްފި

ބާރަށް ކާރު ދުއްވި މީހުން ހައްޔަރުކުރަނީ --

މަޑުކުރަން އެންގުމުން މަޑުނުކޮށް، ބާރު ދުވެލީގައި ދިޔަ ކާރެއްގެ ފަހަތުން ފުލުހުން ގޮސް ހުއްޓުވައި، ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ފުލުހުން ރިހިކުލައިގެ ކާރެއް މިރޭގެ ވަގުތެއްގައި ހުއްޓުވާފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބީޗު ކައިރިންނެވެ. އެއީ ހުޅުމާލޭގެ ދެ ފިޔަވަހި ގުޅޭ ބްރިޖާ މާ ދުރުނޫން ހިސާބެކެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ ކާރު ވަށައި ޓްރެފިކް ފުލުހުން ވަށަައިގެން ތިބޭ މަންޒަރެވެ. އަދި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށްގެން ގެންދާ މަންޒަރު ވެސް ފެނެއެވެ.

މީޑިއާއަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ހުޅުމާލޭގައި ބާރު ދުވެލީގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް މަޑުކުރަން އެންގުމުން އެ ކާރު މަޑުނުކޮށް ހުޅުމާލޭގެ ދެ ފިޔަވަހީގައި ބާރު ދުވެލީގައި ދުއްވަމުން ދާތީ ފުލުހުން އެ ކާރު ފަހަތުން ދިއުމުން، ކާރުން ޖައްސައި ފުލުހުންގެ ސައިކަލެއް ވައްޓާލި ކަމަށެވެ.

އެހެންވެ، ސައިކަލުގައި ތިބި ދެ ފުލުހުންގެ ތެރެއިން ފުލުހަކަށް އަނިޔާވެފައިވާ ކަމަށާއި، އަނިޔާވި ފުލުހަށް ފަރުވާދެމުން އަންނަ ކަމަށް، ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ ކާރު ހުއްޓުވި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ނުރައްކާތެރިކޮށް ދުއްވުން މާލޭ ސަރަހައްދުގައި އާންމުއިރު، މި ފަހުން މިފަދަ ކަންކަމުގައި މީހުންގެ ފުރާނަ ވެސް ވަނީ ގެއްލިފައެވެ.

comment ކޮމެންޓް