މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ބާރު ދުވެލީގައި ދުއްވާފައި ދިޔަ ކާރު ދުއްވަން އިން ފިރިހެން ކުއްޖާގެ ލައިސަންސެއް ނެތް ކަމަށް، ފުލުހުން ބުނެފިއެވެ.
ރޭ ހުޅުމާލޭގައި ބާރު ދުވެލީގައި ނުރައްކާތެރިކޮށް ދުއްވަމުން ކާރު ދުއްވި މައްސަލައިގައި ދެ މީހުން ހައްޔަރުކުރިއިރު، އެ ތަނުން އެކަކުގެ ވަނަވަރު ފުލުހުން ހާމަކުރީ މިއަދެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އުމުރުން 18 އަހަރުގެ ހ. ފިލިމާގެ / އައިކް ހައިޝަމް ހަސަނެވެ. މި މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާ ވަނީ ދޫކޮށްލައިފައެވެ. އެ އަންހެން ކުއްޖާގެ ވަނަވަރު ފުލުހުން ހާމަނުކުރެއެވެ.
ސޯޝަލް މީޑިއާގައި ރޭ ދައުރުކުރި ވީޑިއޯއިން ފެންނަނީ ފުލުހުން ރިހިކުލައިގެ ކާރެއް ރޭގެ ވަގުތެއްގައި ހުއްޓުވައި، ކާރު ވަށައި ހަރަކާތްތެރިވަމުންދާ މަންޒަރެވެ. އެ ކާރު ހުއްޓުވާފައި ވަނީ ހުޅުމާލޭގެ ދެ ފިޔަވަހި ގުޅޭ ބްރިޖާ މާ ދުރުނޫން ހިސާބެއްގައި، ފުރަތަމަ ފިޔަވަހީގެ ބީޗު ކައިރިންނެވެ.
ފުލުހުން ރޭ ބުނީ ހުޅުމާލޭގައި ބާރު ދުވެލީގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް މަޑުކުރަން އެންގުމުން އެ ކާރު މަޑުނުކޮށް ހުޅުމާލޭގެ ދެ ފިޔަވަހީގައި ބާރު ދުވެލީގައި ދުއްވަމުން ދާތީ ފުލުހުން އެ ކާރު ފަހަތުން ދިއުމުން، ކާރުން ޖައްސައި ފުލުހުންގެ ސައިކަލެއް ވައްޓާލި ކަމަށެވެ.
އެހެންވެ، ސައިކަލުގައި ތިބި ދެ ފުލުހުންގެ ތެރެއިން ފުލުހަކަށް އަނިޔާވެފައިވާ ކަމަށާއި، އަނިޔާވި ފުލުހަށް ފަރުވާދެމުން އަންނަ ކަމަށް، ފުލުހުން މައުލޫމާތު ދިނެވެ.
އަނިޔާވި ފުލުހާ ގުޅޭ އިތުރު މައުލޫމާތު ދެމުން ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ، އަނިޔާވި ފުލުހަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށާއި، އޭނާ ސްޕެޝަލިސްޓަކަށް ދެއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ނުރައްކާތެރިކޮށް ދުއްވުން މާލޭ ސަރަހައްދުގައި އާންމުއިރު، މި ފަހުން މިފަދަ ކަންކަމުގައި މީހުންގެ ފުރާނަ ވެސް ވަނީ ގެއްލިފައެވެ.