މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ހަތަރު މިލިއަނަށްވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދީފިއެވެ.
މިއީ ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް ކަމަށް ވެލާނާ އެއާޕޯޓުގައި ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހާމަކުރި މައުލޫމާތުގައި ވަނީ ބުނެފައެވެ.
ފަތުރުވެރިންތަކެއް: ވީއައިއޭއިން ވަނީ 4 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދީފައި --ފޮޓޯ/ ދަ މޯލްޑިވްސް ޖާނަލް
މި އަހަރު ފުރަތަމަ ހަ މަސް ދުވަހު ޖުމްލަ 4,108,845 ފަސިންޖަރުން ވެލާނާ އެއާޕޯޓް ބޭނުންކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ހަތަރު އިންސައްތައިގެ ކުރިއެރުމެކެވެ. މި އަދަދުތަކުގެ ތަފުސީލުތަކަށް ބަލާއިރު:
- އެތެރޭގެ ދަތުރުތައް: 579,079 ފަސިންޖަރުން
- ބައިނަލްއަޤުވާމީ ދަތުރުތައް: 2,669,969 ފަސިންޖަރުން
- ސީޕްލޭން ދަތުރުތައް: 859,797 ފަސިންޖަރުން
އެއާޕޯޓްގެ ތާރީޚުގައި އެންމެ ގިނަ ފަސިންޖަރުން އެއް ދުވަހެއްގައި ދަތުރުކުރި ދުވަސްތައް ވެސް މި ރިޕޯޓުން ދައްކުވައިދެއެވެ. އެގޮތުން، ފުރޮޅުލީ މަތިންދާބޯޓުތަކުން އެންމެ ގިނަ ފަސިންޖަރުން ދަތުރުކުރީ ޖަނަވަރީ މަހުގެ ހަތަރުވަނަ ދުވަހެވެ. އެއީ، 26،658 ފަސިންޖަރުންނެވެ. އަދި، ސީޕްލޭންގައި އެންމެ ގިނަ ފަސިންޖަރުން ދަތުރުކުރީ ފެބްރުއަރީ 16 ގައެވެ. އެއީ، 7،439 ފަސިންޖަރުންނެވެ.
ވައިގެ ދަތުރުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ބައިގައި ޖުމުލަ 124,665 ވައިގެ ދަތުރުކޮށްފައިވާއިރު، މިއީ ހަތް އިންސައްތައިގެ ކުރިއެރުމެކެވެ. މި ދަތުރުތަކުގެ ތަފުސީލުތަކަށް ބަލާއިރު:
- ބައިނަލްއަޤުވާމީ ވައިގެ ދަތުރުތަކުގެ ޢަދަދު ވަނީ 17,614 އަރާފައި
- އެތެރޭގެ ވައިގެ ދަތުރުތައް ވަނީ 14,110 އަރާފައި
- ސީޕްލޭން ދަތުރުތަކުގެ ޢަދަދު ވަނީ 92,941 އަރާފައި
ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރު ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ވެސް ވަނީ ހުޅުވައިފައެވެ. އެ ޓާމިނަލްއަކީ އަހަރަކު 7.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތްދެވޭނެ ޓާމިނަލެކެވެ. އެ ޓާމިނަލްގެ މަސައްކަތްކުރާތާ ނުވަ ވަރަކަށް އަހަރުވެއްޖެއެވެ.