ދެ މަސް ތެރޭގައި ދެ ބްލެކްއައުޓް: ނުރައްކަލެއްގެ އިންޒާރެއް!؟

ސްޓެލްކޯގެ އެމްޑީ ފަހުމީ އިންޖީނެއް ކައިރި: ދެ މަސްތެރޭ މުޅި މާލެއިން ދެ ފަހަރަށް ކަރަންޓު ކެނޑުނު -- ފޮޓޯ/ ސްޓެލްކޯ

ފަންކާތަކާއި ލައިޓްތައް ނިވިއްޖެއެވެ. ހަފުތާ ބަންދުވީމާ ތަންކޮޅެއް ގިނައިރު ނިދާލާނަމޭ ހިތާ ތިބި މީހުންނަށް ހޭލެވިއްޖެއެވެ. ވާ ހޫނުންނެވެ. ލިފްޓްތަކުގައި މީހުން ތިއްބައި އެ ހުއްޓުނީއެވެ. ގޭގެއާއި އޮފީސްތަކާއި ފިހާރަތަކުގައި ކުރަމުން އައި މަސައްކަތްތައް މުޅިންހެން ހުއްޓި ރުޅިގަދަވާން ފެށީއެވެ. ސޯޝަލް މީޑިއާ ފުރާލީ ނުރުހުމުގެ ސްޓޭޓަސްތަކުންނެވެ.

މިއީ ރާއްޖޭގެ އާބާދީގެ 40 ޕަސެންޓް މީހުން ދިރިއުޅޭ, ވެރިކަން ކުރާ މުޅި މާލެއާއި ހުޅުމާލެއިން އެއްކޮށް ކަރަންޓް ކެނޑި, ބްލެކްއައުޓްއަކަށް, ވޭތުވެދިޔަ ދެ މަސް ތެރޭގައި ދިޔަ ދެވަނަ ފަހަރެވެ. ފުރަތަމަ އެކަން ދިމާވީ ޖޫން މަހުގެ ފުރަތަމަ ދުވަހެވެ. ދެން ދިމާވީ އިއްޔެއެވެ. އޭގެ ކުރިން ޖުލައި މަހުގެ 22 ވަނަ ދުވަހުގެ ރޭ ވެސް މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓުދިޔައެވެ. އެ ރޭ ވެސް ބްލެކްއައުޓަކަށް ނުދިޔައީ ކިރިޔާއެވެ.

މީގެ އިތުރުން ވެސް މާލެއާއި ހުޅުމާލޭގެ އެކި ހިސާބުތަކުން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑިފައިވެއެވެ. އެހެންވެ، ވޭތުވެދިޔަ ދެ މަސް ތެރޭގައި ސްޓެލްކޯއިން އެންމެ ގިނައިން ކުރަން ޖެހުނު އެއްކަމަކީ ރައްޔިތުންގެ ގާތުން މާފަށް އެދުމެވެ.

ޓެކްނިކަލް ކަންކަމަކީ ދިމާވާނެ ކަންކަމެވެ. ނަމަވެސް، މުޅި ވެރިރަށުން މިހާ އާއްމުކޮށް ކަރަންޓް ކެނޑޭނަމަ މިއީ ސީރިއަސް މައްސަލައެކެވެ. ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކު ހިފާގެންގުޅޭ ސާމާނުތައް ހަލާކުވުމުގެ އިތުރުން ވިޔަފާރިތަކާއި މަސައްކަތްތައް އެތައް އިރެއްވަންދެން ހުއްޓުމަކީ ވެސް ކުޑަ ގެއްލުމެއް ނޫނެވެ.

https://www.sun.mv/209696

މި އުޅެނީ ތެލުގެ މައްސަލައެއް!

ސްޓެލްކޯގެ މާލޭ އިންޖީނުގެއާއި ހުޅުމާލޭ އިންޖީނުގޭ މިހާރު ހިންގަމުން އަންނަނީ ގުޅާލައިގެންނެވެ. އެ ތަނުން އެއް އިންޖީނުގެއަށް މައްސަލައެއް ކުރިމަތިވެއްޖެ ނަމަ އެ ލޯޑް ނަގާނީ އަނެއް އިންޖީނު ގެއިންނެވެ. "ސަން"އަށް އެކިއެކި މަސްދަރުތަކުން މައުލޫމާތުދިން ގޮތުގައި މުޅި މާލެއިން ދެ ފަހަރަށް ކަރަންޓް ކެނޑެން ވެސް ދިމާވީ ހުޅުމާލޭ އިންޖީނުގޭގެ އިންޖީނުތައް ހުއްޓިގެންނެވެ.

އެ އިންޖީނުތައް ހުއްޓެން ދިމާވި ސަބަބެއް ކަމަށް އެ މަސްދަރުތަކުން ބުނަނީ ތެލަށް ދިމާވާ މައްސަލައެކެވެ. ބައެއް މަސްދަރުތަކުން ބުނަނީ ޖޫން މަހުގެ އެއްވަނަ ދުވަހު ކަރަންޓް ކެނޑުނީ ސްޓެލްކޯގެ ޓޭންކްތަކުން ތެޔޮ ހުސްވެގެން ކަމަށެވެ.

ނަމަވެސް، ގިނަ މަސްދަރުތަކުން އެ ވާހަކަ ދޮގުކުރެއެވެ. އެއަށް ފަހުން އެ މީހުން ބުނެދިނީ ތެލަށް ދިމާވާ އެހެން މައްސަލައެކެވެ.

އެކަން ތަފުސީލުކޮށްދެމުން އެ ކުންފުނީގެ އިސް މުވައްޒަފަކު ވިދާޅުވި ގޮތުގައި މީގެ ކުރިން ސްޓެލްކޯއަށް ބޭނުންވާ ތެޔޮ, އެ ބޭނުން ކުރުމުގެ އެއް ދުވަސް ކުރިން ޓޭންކްތަކަށް އަޅައެވެ. އޭގެ ބޭނުމަކީ ތެލުގައި ހުންނަ ކުނޑިއާއި ތެޔޮ ޓޭންކްތަކުގައި ހުންނަ ކުނޑި, އަދި އެ ޒާތުގެ އެހެން އެއްޗެހި ޓޭންކް ފުލާ ހަމައަށް ފައިބާނެ ވަގުތު ދީފައި ތެޔޮ ބޭނުންކުރަން ފެށުން ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، މި ފަހުން އެ ގޮތަށް އެއް ދުވަސް ކުރިއަށް ތެޔޮ ނުލިބޭތީ މިހާރު ޓޭންކްތަކަށް ތެޔޮ އަޅަނީ އެ ދުވަހަކު ބޭނުން ކުރާނެ ތެޔޮ އެ ދުވަހަކު ކަމަށް އެކި މަސްދަރުތަކުން ޔަގީންކޮށްދިނެވެ. އޭގެ ސަބަބުން ތެޔޮތައް ޓޭންކްތެރޭ ހަމަނުޖެހެނީސް ބޭނުންކުރަން ޖެހޭ ކަމަށް ބުންޏެވެ.

"އެހެންވީމާ މި ވާގޮތަކީ ޓޭންކްގައި ހުންނަ ދަމިލައާ އެއްޗެހި ފިއުލްޕަންޕުގެ ފިލްޓާގައި ތާށިވަނީ. ތާށިވީމާ އިންޖީނުގެ ސަލާމަތަށް އިންޖީނުތައް އަމިއްލައަށް ވެސް ނިއްވާލާ ގޮތަށް ސިސްޓަމް ހަދާފައި ހުންނާނީ. ނޫނީ ދެން ލިބޭ ގެއްލުން ބޮޑު ވާނެ. އެހެންވީމާ އެ އިންޖީނުތައް ނިއްވާލީމާ މާލެ ކޮޅަށް އެ ލޯޑް އަންނާނީ. މާލެ ކޮޅުގައި މާލެއާއި ހުޅުމާލެއަށް ކަރަންޓް ދެވޭ ވަރަށް ލޯޑް ނެތީމާ މުޅިން އެ ދަނީ ބްލެކްއައުޓްއަކަށް," ކަން ހިނގާ ގޮތް އެނގޭ ބޭފުޅަކު ތަފުސީލު ކޮށްދެއްވިއެވެ.

"ހުޅުމާލޭ ކޮޅުން މުޅިން ވެސް މި މައްސަލަ މި ދިމާވަނީ. އެއް ދުވަސް ކުރިން ތެޔޮ އެޅޭނަމަ މިހެނެއް ނުވާނެ،"

ފަސްވަނަ ޕަވާ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި އަޅާ އިންޖީނުގެ --- ފޮޓޯ: ސްޓެލްކޯ

މި ފަހުން މުޅި މާލެއިން އެއްކޮށް ކަރަންޓް ކެނޑުނު ފުރަތަމަ ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މި މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގުކުރަން ފުލުހުންނަށް އަންގަވައިފައެވެ. އޭގެ ފަހުން އިއްޔެ މުޅި މާލެ ސަރަހައްދުން ކަރަންޓް ކެނޑުމުން ފުލުހުން ބުނީ، އޭރު ތަހުގީގުކުރި މައްސަލައިގެ އިބުތިދާއީ މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއެވެ.

ސްޓެލްކޯގެ އިސް މުވައްޒަފަކު ވިދާޅުވީ، އެ ދުވަހު ދިމާވި މައްސަލަ ހައްލުކުރުމަށްޓަކައި ފިލްޓަރުތައް އެ ކުންފުނީގެ މުވައްޒަފުން ސާފުކޮށްފައިވަނީ ސިފައިންނާއި ފުލުހުންގެ ކުރިމަތީގައި ކަމަށެވެ. އެހެންކަމުން އެ މައްސަލަ ދިމާވި ސަބަބު ތަހުގީގީ އިދާރާތަކަށް އޮންނާނީ އެނގިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއާ "ސަން"އިން ސުވާލުކުރުމުން ވިދާޅުވީ، މިކަން ދިމާވާ ސަބަބު އެނގިވަޑައިގަންނަވާ ކަމަށާއި އެކަން ހައްލުކުރައްވާނެ ކަމަށެވެ. ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ސަބަބެއް ވިދާޅެއްނުވިއެވެ.

ތެޔޮ ނޭޅިގެން މިއުޅެނީ ކީއްވެ؟

އެނގިފައިވާ ގޮތުގައި ސްޓެލްކޯއިން ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއިން ގަނެފައިވާ ތެލަށް ނުދައްކާ ހުރި ފައިސާގެ އަދަދުތައް ވަރަށް ބޮޑެވެ. ނަމަވެސް، އެއީ އިއްޔެއަކު ނުވަތަ މިއަދަކު ދިމާވި ކަމެއް ނޫނެވެ.

ސްޓެލްކޯގެ އެތެރެއިން މައުލޫމާތު ހޯދިއިރު ލިބޭ ޖަވާބަކީ ކުރިއަށް ވުރެ ތެޔޮ ހޯދަން މިހާރު ދަތިވެފައިވާ ކަމެވެ. ޚާއްސަކޮށް ފިނޭންސް މިނިސްޓްރީގެ ސަޕޯޓް ވަރަށް ދަށް ކަމަށް ބައެއް ބޭފުޅުން ވިދާޅުވިއެވެ.

ކުރިން މާ ބޮޑު ދައްޗެއް ނެތި ތެޔޮ ލިބޭއިރު މިހާރު އެ ދަތިތައް ކުރިމަތިވަމުން އަންނަނީ ސިޔާސީ ގޮންޖެހުންތަކެއްގެ ސަބަބުން ކަމަށް ވެސް ބައެއް މަސްދަރުތަކުން މައުލޫމާތު ދެއެވެ. އެގޮތުން، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް މި ސަރުކާރު ފެށުނީއްސުރެއް ހުންނަވާ, ފަހުމީ އެ މަގާމުން ދުރުކުރުމަށް ބޭނުންވާ އިސްވެރިންތަކެއް ސްޓެލްކޯއަށް ދޭން ޖެހޭ އެއްބާރުލުން ނުދޭތީ އެ ކުންފުނީގެ އޮޕަރޭޝަންސްތަކަށް ދަތިތަކާ ކުރިމަތިވަނީ ކަމަށް ބައެއް ބޭފުޅުން ވަނީ މައުލޫމާތު ދެއްވައިފައެވެ.

މި ސުވާލުކުރުމުން ފިނޭންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރައްޔިތުންގެ އަސާސީ ޚިދުމަތަކާ ގުޅުން ހުރި ކަމެއްގައި ސަރުކާރުން އަބަދު ވެސް އިސްކަންދެއްވާ ކަމަށާއި ސްޓެލްކޯއަށް ތެޔޮ ލިބުމުގައި ދައްޗެއް ނޫޅޭނެ ކަމަށެވެ. އެއީ، ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ކޮށްދެމުން އަންނަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މާލީ ވަޒީރު މޫސާ ޒަމީރު މަޖިލީހުގައި: -- ފޮޓޯ/ މަޖިލީސް
އަބަދު ވެސް ރާއްޖޭގެ ކޮންމެ ވެރިކަމެއްގައި ވެސް ސަރުކާރުގެ ކުންފުނިތަކުގެ މަގާމުތަކުގައި ތިބެވެނީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް ކުޅެގެންނެވެ. ސްޓެލްކޯއަކީ ޒަމާނުންސުރެ ސިޔާސީ މީހުންގެ މެދުގައި ޑިމާންޑް ބޮޑު ކުންފުންޏެވެ. "ސަން"އަށް ޔަގީންވެފައިވާ ގޮތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައުމަށް މިހާރު ވެސް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ ފާޅުގައި ޝައުގުވެރިކަން ފާޅުކުރައްވައި އެ މަސައްކަތް ފައްޓަވައިފައެވެ. އޭގެ ތެރޭގައި ކުރިން ކަރަންޓާ ގުޅޭ މިފަދަ ކުންފުނިތައް ހިންގަވާފައިވާ ބޭފުޅުން ވެސް ހިމެނެއެވެ.

ލިބެން ޖެހުނަސް ގިނައީ ނުލިބޭ ފައިސާ

ހަމައެކަނި ސްޓެލްކޯއެއް, އެސްޓީއޯއެއް, އެމްއޭސީއެލްއެއް ނޫނެވެ. ސަރުކާރު ކުންފުނިތަކަށް ސަރުކާރުގެ އެހެން ކުންފުނިތަކުން ލިބެން ޖެހޭ ފައިސާ ނުލިބި ހުރުމަކީ އާއްމު ކަމެކެވެ. އެގޮތުން، ސްޓެލްކޯއިން 2023 ވަނަ އަހަރުގެ ފަހުކޮޅު ހާމަކުރި ތަފާސްހިސާބުތައް ދައްކާގޮތުން އެ ކުންފުނީގެ ކަރަންޓް ބިލްތަކަށް ނުލިބިވާ ފައިސާގެ އަދަދު 500 މިލިއަން ރުފިޔާއަށް ވުރެ މައްޗެވެ. މިހާރު އެ އަދަދު 700 މިލިއަން ރުފިޔާއާ ގާތް ކުރެއެވެ. އޭގެ ތެރެއިން ބޮޑު ބަޔަކީ ސަރުކާރުގެ އެކިއެކި ކުންފުނިތަކާއި އިދާރާތަކުން ނުދައްކާ އޮތް ކަރަންޓް ބިލުތަކެވެ. ދައުލަތުގެ މީޑިއާ, ޕީއެސްއެމްއިން އެކަނި 140 އަކަށް މިލިއަން ރުފިޔާ ކަރަންޓް ބިލުތަކަށް ނުދައްކާ އެބައޮތެވެ.

ސްޓެލްކޯއިން ދޭ ޚިދުމަތުގެ މުހިންމުކަމާއި ދިމާވެދާނެ ބޮޑު ކަމަކަށް ތައްޔާރުވެ ތިބުމަށް ޒަމާނުއްސުރެ އެ ކުންފުނިން ދިޔައީ ރަނގަޅު, ކެޕިޓަލް ބަޖެޓެއް ގެންގުޅެމުންނެވެ. އެއީ އިންޖީނަކަށް ކަމެއް ދިމާވިޔަސް ވަގުތުން އެޓެންޑުވުންފަދަ އޮޕަރޭޝަނަށް މުހިންމު ކަންކަމަށް ގެންގުޅޭ ބަޖެޓެކެވެ.

ސްޓެލްކޯގެ އިސް މުވައްޒަފަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވި ގޮތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ވަކި ހިސާބަކުން އަޙްމަދު ޝަރީފް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު އެ ކެޕިޓަލް ބަޖެޓުގައި ގާތްގަނޑަކަށް 600 މިލިއަނެއްހާ ރުފިޔާ ހުއްޓެވެ. ނަމަވެސް، ޞާލިހުގެ ވެރިކަން ނިމުނުއިރު އެ ބަޖެޓް ވަނީ 17 ވަރަކަށް މިލިއަން ރުފިޔާއަށް ކުޑަވެފައެވެ.

"ދެން ވިސްނަވާ ކޭޝް ފްލޯއަށް ދިމާވާނެ ދަތިތައް. މިއީ ވެސް މާލީ ގޮންޖެހުންތަކާ މިހާރު ވެސް ކުރިމަތިލާން ޖެހޭ ސަބަބެއް," ސްޓެލްކޯގައި މަސައްކަތް ކުރައްވާތާ ގިނަ އަހަރުތަކެއްވީ އެ މުވައްޒަފު ވިދާޅުވިއެވެ.

https://www.sun.mv/206769

އޭނާ ދެން ވިދާޅުވީ، މުވައްޒަފުންގެ އަދަދަށް އައި ބޮޑު ބަދަލެވެ. އެގޮތުން، ޝަރީފް މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވިއިރު ސްޓެލްކޯގައި ތިބީ 700 އެއްހާ މުވައްޒަފުން ކަމަށާއި ޞާލިޙުގެ ވެރިކަން ނިމުނުއިރު އެ އަދަދު 1800 ވަރަށް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، މި ސަރުކާރު އައުމަށް ފަހު ވެސް އެ މުވައްޒަފުން މަދު ކުރަން އެއްވެސް ކަމެއްނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސްޓެލްކޯއަށް މިހާރު މައިގަނޑު އާމްދަނީއެއް ލިބެނީ އާއްމު ރައްޔިތުންނާއި އަމިއްލަ ވިޔަފާރިތަކުން ދައްކާ ކަރަންޓް ބިލުން. އޭގެން މެނޭޖު ކުރަމުން މިދަނީ. އެކަމަކު މުވައްޒަފުންގެ އަދަދު މިހާ އިތުރުވީމާ މުސާރައަށް ވެސް ކުރަން ޖެހޭ ހޭދަ ބޮޑު. މުސާރަ ދީފައި ކޭޝްފްލޯ މެނޭޖުކުރަން ދަތިތައް އެބަހުރި ވަރަށް ބޮޑަށް," އޭނާ ވިދާޅުވިއެވެ.

މި ތުހުމަތުތަކާ ގުޅޭގޮތުން "ސަން"އިން ސުވާލުކުރުމުން މިއަދު ޝަރީފް ވިދާޅުވީ، އޭނާ ސްޓެލްކޯއާ ހަވާލުވެ ހުންނެވި 18 މަސް ދުވަހުގެ ތެރޭގައި ބޯޑުން ފާސްކޮށްފައިވާ ބަޖެޓުގެ ބޭރުން އެއްވެސް ޚަރަދެއް ކޮށްފައިނުވާނެ ކަމަށެވެ. އަދި، ހަމައެހެންމެ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ބަރާބަރަށް ދީފައިވާނެ ކަމަށާއި މުވައްޒަފުންގެ މުސާރައަށް ލަސްކަމެއް ވެސް އައިސްފައިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބަރާބަރަށް އެސްޓީއޯއަށް ޕޭ ކުރިން. ސްޓާފުންނަށް ބަރާބަރަށް ދެން. ލޯން ޕޭމަންޓް ބަރާބަރަށް ދައްކަން. ދުވަހަކު ވެސް ތެޔޮ ހޮސްވެގެން އިންޖީނެއް ނުނިވޭ. ސިޔާސީ ކަންކަމަށް ޚަރަދުކުރި ކަމަށް އެ ބުނަނީ ކޮން ކަމެއްކަމެއް ނޭނގެ. ޔަގީނުން ވެސް ފާސްކޮށްފައިވާ ބަޖެޓުގެ ބޭރުން ޚަރަދެއް ކޮށްފައެއް ނުވާނެ," ޝަރީފް ވިދާޅުވިއެވެ.

"ހަގީގަތް އޮޅުވާލުމަށް ކޮންމެ އެއްޗެކޭ ވެސް ކީދާނެ. ސްޓެލްކޯ ކޮމަން ސްޓާފުން ކައިރީ އަހާލީމާ ވެސް ހަގީގަތް އެނގޭނެ،"

ޚަރަދު ކުޑަކުރަން އެ ކުންފުނީގެ ތެރޭގައި އެޅި ބައެއް ފިޔަވަޅުތަކުގެ ސަބަބުން އެމްޑީ ފަހުމީއާ ދޭތެރޭ ހިތްހަމަނުޖެހޭ މުވައްޒަފުން ވެސް އުޅެއެވެ. މީގެ ކުރިން ސްޓެލްކޯގެ ޓެކްނިކަލް މުވައްޒަފުންނަށް 200 ޕަސެންޓާ ހަމައަށް އޯވާޓައިމް ހެދެއެވެ. އެހެންވެ، އިންޖީނިއަރުންނާއި ޓެކްނިކަލް ގިނަ މުވައްޒަފުންތަކެއް ދުވަހުގެ ގިނަ ވަގުތު ހޭދަކުރާނީ ސްޓެލްކޯގެ ތެރޭގައެވެ. ނަމަވެސް، މިހާރު ވަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން އޯޓީކުރެވޭ ވަރު ލިމިޓްކޮށްފައެވެ.

މީގެ އިތުރުން ވެސް ސްޓެލްކޯއިން މި ވެރިކަމުގައި ބިޒްނަސް ސެންޓަރެއް ހެދުމަށް ކުރި ހޭދައާއި އިލެކްޓްރިކް ކާރު ޗާޖުކުރާ ތަނެއް ހެދުމަށް ކުރި ހޭދައާއި ރައީސްގެ ވައުދު ފުއްދަން ގަސް އިންދުމަށް ކުރާ ހޭދަފަދަ ކަންކަމުގެ ސަބަބުން ވެސް ކުންފުންޏަށް މާލީ ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް ބުނެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކަރަންޓް ކެނޑި ކާރިސާއަކަށް ވެދާނެތަ؟

ކިރިޔާ ވެސް ގައުމުގެ ކަންކަމާމެދު ވިސްނާ މީހުންގެ ހިތުގައި އޮތް އެންމެ ބޮޑު ބިރަކީ ކުރިމަތިވެފައިވާ އިގުތިސާދީ ދަތިތަކެވެ. ޒަމާނުންސުރެ ސިޔާސީ މީހުން އަމަލުކުރަމުން އައި ދެކޮޅު ނުޖެހޭ ސިޔާސަތުތަކުގެ ސަބަބުންނާއި މިއަދު ވެސް އަމަލުކުރާ ގޮތުގެ ސަބަބުން އިގުތިސާދު އޮތީ ހަގީގަތުގައި އައިސީޔޫގައެވެ. އާފަލެއްގެ އަގު 12 ރުފިޔާއަށް އެރީ ހަމަ ހުރެފައެއް ނޫނެވެ. ޑޮލަރެއްގެ އަގު 20 އިން މަތިވެފައި މި ވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

މި ހާލަތުގައި ގައުމު އޮއްވައި ކަރަންޓް ކެނޑެން ފެށުމުން އަނެއްކާ ވެސް ކަންކަމާ ފުންކޮށް ވިސްނާ މީހުންގެ ހިތުގައި ބިރުވެރިކަން އުފެދެން ފެށިއެވެ. އަވައްޓެރި ސްރީލަންކާގެ ރައްޔިތުންނަށް މި ފަހުން ދިމާވި އިގުތިސާދީ ދަތިކަމުގައި އުޅުނު ހާލު ސިފަވާން ފެށިއެވެ. އެހެންކަމުން ރާއްޖެ މި ދަނީ އެ މިސްރާބަށްތޯ ސުވާލު އުފައްދަން ފެށިއެވެ.

"ސަން"އިން ތަފާތު މަސްދަރުތަކުން މައުލޫމާތު ހޯދުމުން ޔަގީންވި ކަމަކީ ރާއްޖެއަށް އަދި އެ ބިރުވެރިކަން ނެތް ކަމެވެ. ސްޓެލްކޯގައި ތަޖުރިބާކާރު, ޓެކްނިކަލް މުވައްޒަފުން ވަރަށް ގިނައެވެ. އަދި ސްޓެލްކޯގައި ބޭނުންކުރާ އިންޖީނުތަކަކީ ފިންލޭންޑާއި ޖަރުމަނުގެ އުފެއްދުންތައް ކަމަށްވާއިރު, ގިނަ މުވައްޒަފުން ތިބީ އެ ގައުމުތަކުން ތަމުރީނުކޮށްފައެވެ. އަދި، އިންޖީނުތަކުގެ ހާލަތު ވެސް ރަނގަޅެވެ.

ސްޓެލްކޯއިން ހުޅުމާލޭގައި ހުޅުވި ބެކަޕް އިންޖީނުގެ --- ސަން ފޮޓޯ: ސާތިއު

ދެން އޮތީ ކެޕޭސިޓީއެވެ. މާލެ ސަރަހައްދަށް ވަރަށް ވެސް ލޯޑް ބޮޑެވެ. އެހެންވެސް ދިމާވަނީ ސިޔާސީ މީހުންގެ ކަންކަން ހުންނަ ގޮތުންނެވެ. ފްލެޓްތައް އެޅިޔަސް އެއާ ގުޅިގެން ދެން ކުރަންޖެހޭ އިންވެސްޓްމަންޓްތައް ނުކުރެއެވެ. އޭގެން އެއް ކަމަކީ ކަރަންޓް ކެޕޭސިޓީއެވެ.

ނަމަވެސް، ސްޓެލްކޯއިން މައުލޫމާތު ދޭގޮތުގައި މިހާރުން މިހާރަށް މާލެ ސަރަހައްދަށް ބޭނުންވާނެ ކެޕޭސިޓީ އެ ކުންފުނީގައި އެބަހުއްޓެވެ. އެގޮތުން، އެ ކުންފުނީގެ ކެޕޭސިޓީއަކީ 120 މެގަވޯޓް ކަމަށްވާއިރު ޕީކަށް ދާ ވަގުތު ވެސް އަރަނީ 106 މެގަވޯޓް ވަރަށެވެ.

ދެން އަނެއް ކަމަކީ ސްޓެލްކޯއިން ކޮލެޓީއަށް ދޭ ސަމާލުކަމެވެ. އެނގިފައިވާ ގޮތުގައި ސިޔާސީ ބޭނުމަށް ޒަމާނުންސުރެ އެ ކުންފުންޏަށް މީހުން ވެއްދި ނަމަވެސް ޓެކްނިކަލް މަސައްކަތްތަކާ އެ ހުނަރު ނެތް މީހުން ގާތެއް ނުކުރެއެވެ. އެ މީހުން ތިބެނީ އެހެން ކަހަލަ ޑިޕާޓްމަންޓްތަކުގައެވެ. ޓެކްނިކަލް މަސައްކަތްކުރަނީ އެ ދާއިރާއިން ތައުލީމާއި ތަޖުރިބާ ހޯދައިގެން ތިބި މީހުންނެވެ.

ކޮލިޓީއާއި ކެޕޭސިޓީ ހުރި ނަމަވެސް ދެ މަސް ތެރޭ ދެ ބްލެކްއައުޓަށް ދިޔައީ ފައިސާ ނުލިބުމުންނެވެ. މައްސަލަ ހައްލުވާނީ ފައިސާ ލިބިގެންނެވެ.

ރައްޔިތުންގެ މިހާ މުހިންމު އަސާސީ ކަމެއް މިއަށް ވުރެ ރަނގަޅަށް މެނޭޖުކުރެވެން ވާނެއެވެ. ހުއްޓޭ ހިސާބަށް ދިޔައީމަ އެއީ ވަރަށް ބޮޑު ފެއިލިއާއެކެވެ. ސިޔާސީ ވާދަވެރިކަމުގައި ވިޔަސް އަދި އެހެން ސަބަބެއް އޮވެގެން ވެސް ކުރަން ވާނެ ކަންކަމާއި ނުކުރަންވާނެ ކަންކަން ހުންނާނެއެވެ. ސްޓެލްކޯގެ ހާލަތުން މި އެނގޭ އެއްޗަކީ ހިންގުމުގެ ނިޒާމު ހަރުދަނާ ވާންޖެހޭ ކަމެވެ.

comment ކޮމެންޓް