ގްރޫޕް އޮފް ސިންހާ އެސްޓޭޓް ޕީއެލްސީގެ ދަށުން ހިންގާ ކްރޮސްރޯޑްސް މޯލްޑިވްސް, ރާއްޖޭގެ އަދާ އިފެކްޓިވް އޭރިއާ ބޭސްޑް ކޮންޒަވޭޝަން މެޝާޒް (އޯއީސީއެމް)ގެ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.
އޯއީސީއެމްއަކީ އދ.ގެ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީގައިވާ ގޮތުގެ މަތިން، ގައުމީ ފެންވަރުގައި ފާހަގަކޮށްފައިވާ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ އިތުރުން ގުދުރަތީ ވެށި ރައްކާ ކުރުމާއި ދެމެހެއްޓިނިވި ގޮތެއްގައި ވެށި ބެލެހެއްޓުމަށް މަސައްކަތް ކުރާ ތަންތަނެވެ. އޯއީސީއެމްތަކަކީ ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތަކާއި އާންމުންގެ ޖަމާއަތްތައް ފަދަ ތަފާތު އެކި ހިއްސާދާރުން ބަލަހައްޓަމުންދާ ތަންތަނެވެ.
އެންވަޔަރަމެންޓް މިނިސްޓްރީގެ ގަވައިދުތަކުގެ ދަށުން އޯއީސީއެމް ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅޭ ތަންތަނުގެ ޝަރުތުތަކުގެ ތެރޭގައި:
- އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެންޑް ޕްރެޒަވޭޝަން އެކްޓްއާއި އޭގެ ދަށުން ހިމެނޭ ގަވައިދުތަކުގެ ތެރެއިން ހިމާޔަތްކުރެވިފައިވާ ސަރަހައްދަކަށް ނުވުން
- އެ ސަރަހައްދަކީ މުއްސަނދި ގުދުރަތީ ވެއްޓެއް ހިމެނޭ، ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެޖިނިވި ގޮތުގައި ބަަލަހައްޓަމުންދާ ސަރަހައްދަކަށް ވުން
- އެ ސަރަހައްދަކީ އެ ތަނެއްގެ ސަގާފަތާއި އިގުތިސާދާއި އިޖުތިމާއީ އަދި މުޖުތަމައީ އަގުމަގުތައް ދަމަހައްޓާ ތަނަކަށް ވުން
- އެންމެ މުހިންމު ކަމަކަށް، އެ ސަރަހައްދެއްގެ ތެރޭގައި ހިންގާ ހުރިހާ ހަރަކާތްތަކަކީ ގުދުރަތީ ވެށި ރައްކާކޮށް ދެމެހެއްޓެނިވި ގޮތެއްގައި އީކޯސިސްޓަމް ބަލަހައްޓާ ތަނަކަށް ވުން
ކްރޮސްރޯޑްސްއަކީ އޯއީސީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅީ ތައިލެންޑްގެ ކްލައިމެޓް ޗޭންޖް މިނިސްޓްރީންނެވެ. މިއީ ތައިލެންޑުގެ ކުންފުންޏަކުން ހިންގާ މަޝްރޫއަކަށް މިފަދަ ޝަރަފުވެރި މަގާމެއް ލިބުނު ފުރަތަމަ ފަހަރެވެ.

ކްރޮސްރޯޑްސް މޯލްޑިވްސް: ކްރޮސްރޯޑްސްވަނީ އޯއީސީއެމްގެ ކެންޑިޑޭޓަކަށް ކަނޑައަޅައިފައި -- ފޮޓޯ/ ކްރޮސްރޯޑްސް
ރާއްޖޭގެ އެންވަޔަރަމެންޓް މިނިސްޓްރީން ވެސް ވަނީ ކްރޮސްރޯޑްސްއަކީ އޯއީސީއެމް ކެންޑިޑޭޓެއްގެ ގޮތުގައި އާއި 1.75 މިލިއަން އަކަމީޓަރުގެ އެ ސަރަހައްދަކީ ރަސްމީކޮށް ބަޔޯޑައިވާސިޓީ އޭރިއާއެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.
ކްރޮސްރޯޑްސްއިން ދެމެހެއްޓެނިވި ތަރައްގީގެ ރޮނގުން ހާސިލުކޮށްފައިވާ ލަނޑުދަނޑިތައް:
1/ ހައި-ރެޒިލިއަންސް ބަޔޯޑައިވާސިޓީ އޭރިއާ
ކޮރަލް ކޮންޒަވޭޝަން: މުރަކަ ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން ކޮރަލް ޝޭޑިން ދިރާސާއާއި ފެނުގެ ކޮލިޓީ ބަލާ ސާވޭ ހަދައި މުރަކަ އާލާކުރުން ފަދަ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވެއެވެ. އެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެ ސަރަހައްދުގެ ކޮރަލް އޭރިއާ 2018އިން 2023އާ ހަމައަށް 1،300 އަކަމީޓަރުން 1،800 އަކަމީޓަރަށް ބޮޑުވިއިރު އެއީ 500 ޕަސެންޓުގެ ކުރިއެރުމެކެވެ.
ކަނޑުގެ ދިރުންތަކުގެ މުއްސަނދިކަން: މި ސަރަހައްދުގައި ކޯމަސް ހިމެނޭހެން، އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން)އިން ވަލްނަރަބަލް ޓު ކްރިޓިކަލީ އެންޑޭންޖާޑް ކަމަށް ކަނަޑައަޅާފައިވާ 23 ވައްތަރުގެ ދިރުން އުޅެއެވެ.
ޑޮލްފިން ސެންކްޗުއަރީ އެންޑް ކޮމިއުނިޓީ އެންގޭޖްމެންޓް: ކްރޮސްރޯޑްސްއަކީ ޑޮލްފިން ސެންކްޗުއަރީއެއްގެ ގޮތުގައި ފާހަގަވެފައިވާ ސަރަހައްދެކެވެ. މި ސަރަހައްދުން ފަހުގެ އަހަރުތަކުގެ 245 ދަތުރެއްގައި 7،851 ކޯމަސް ފެނިފައިވެއެވެ. މި ޕްރޮގްރާމްގެ ދަށުން ޓުއާ އޮޕަރޭޓަރުންނާ ގުޅިގެން ކޯމަސް ބަލަން ދިއުމާއި ސްކޫލުތަކާ ގުޅިގެން ކޯމަހާ ބެހޭ ޚާއްސަ ކްލާސްތައް ނަގައިދިނުމާއި ކައިރި ރަށްތަކާ ގުޅިގެން ކޯމަހުގެ ވައްތަރުތައް ދެނެގަންނަ ދިރާސާތައް ހެދުން ފަދަ ހަރަކާތްތައް ކުރިއަށްގެންދެއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސް: ކްރޮސްރޯޑްސްވަނީ އޯއީސީއެމްގެ ކެންޑިޑޭޓަކަށް ކަނޑައަޅައިފައި -- ފޮޓޯ/ ކްރޮސްރޯޑްސް
2/ ސަރަހައްދު ބަލަހައްޓައި މެނޭޖްކުރުމަށް ފުރިހަމަ ޕްލޭނެއް
ކްރޮސްރޯޑްސް ސަރަހައްދުގެ ބަޔޯޑައިވާސިޓީ ރައްކާތެރިކުރުމަށް ގަވައިދުތައް ތަންފީޒުކުރެއެވެ. އެގޮތުން ދެމެހެެއްޓެނިވި މަސްވެރިކަން ކުރިއަރުވައި، ސަރަހައްދުގެ މޮޓޮރައިޒްޑް މޫދު ކުޅިވަރުތައް ބޭއްވުން ހަނިކޮށް، އުޅަނދުފަހަރުގެ ދުވެލި ލިމިޓުކޮށް، ސަރަހައްދުގައި މަޑުކުރާ އުޅަނދުފަހަރުގެ ހަރަކާތްތައް ހަނިކުރުމުގެ އިތުރުން ކަނޑުގެ ދިރުންތަކަށް ކާން ދިނުން ފަދަ ހަރަކާތްތައް ހުއްޓުވައެވެ.
3/ އިޖުތިމާއީ ހަރަކާތްތަކާއި ތައުލީމު
ކްރޮސްރޯޑްސް މޯލްޑިވްސްއިން ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމަށް ކުރިއަށްގެންދާ އެންމެ މުހިންމު އެއް ކަމަކީ މެރިން ޑިސްކަވަރީ ސެންޓަރެއް ހިންގުމެވެ. މި ސެންޓަރުގައި މެރިން ބަޔޮލޮޖިސްޓުން ހިމެނޭހެން، ތަޖުރިބާކާރު ޓީމަކުން ރާއްޖޭގެ އީކޯސިސްޓަމް ރައްކާކުރުމާއި ދެމެހެއްޓެނިވި ހަރަކާތްތައް ހިންގުމާ ބެހޭ ގޮތުން ގެސްޓުންނާއި އާންމުންނަށް މަޝްވަރާދެއެވެ. މި ސެންޓަރަކީ އުނގަންނައިދިނުމުގެ ރޮނގުން ވެސް ގިނަ ހަރަކާތްތައް ހިމެނޭ ސެންޓަރެކެވެ. މިހާތަނަށް މި ސެންޓަރުން 33 ސްކޫލެއްގެ 2000އެއްހާ ދަރިވަރުންނަށް މައުލޫމާތު ދީފައިވެއެވެ.
އެނބޫދޫ ފަޅުގައި އޮންނަ ކްރޮސްރޯޑްސްއަކީ، އިންޑިއާ ކަނޑުގައި ތަރައްގީކުރި ފުރަތަމަ މަލްޓި އައިލެންޑް އިންޓަގްރޭޓެޑް މަންޒިލެވެ. ކްރޮސްރޯޑްސް އޮންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 15 މިނެޓު ދެވޭހާ ކައިރީގައެވެ. ކްރޮސްރޯޑްސްގައި ހިމެނެނީ ދުނިޔޭގެ މަގުބޫލުކަން ލިބިފައިވާ ގުރޫޕް އޮފް ސިންހާ އެސްޓޭޓް ޕީސީއެލްގެ ދަށުން ހިންގާ ރިސޯޓުތަކެކެވެ. އެއީ ސައި ލެގޫން މޯލްޑިވްސް، ކިއުރިއޯ ކަލެކްޝަން ބައި ހިލްޓަން އަދި ހާޑްރޮކް ހޮޓެލް މޯލްޑިވްސްގެ އިތުރުން އެސްއޯ މޯލްޑިވްސްއާއި ދަ މެރީނާ އެޓް ކްރޮސްރޯޑްސްއެވެ. މިއީ 800 މީޓަރުގެ ލައިފްސްޓައިލް ހަބެކެވެ.