ހުޅުމާލޭގައި އެންސިސް ކުންފުނިން ހުޅުވި ކޭނަރީ، ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ދަށަށް ގެނައުމުގެ ހުންނެވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ކަމަށާއި، އެކަމުގެ މަންފާ ނަންގަވައި، އެ ޑީލް ނިންމެވުމަށްފަހު މަގާމުން އިސްތިއުފާދެއްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ތުހުމަތުކުރައްވައިފިއެވެ.
ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ޚަރަދުކޮށް އެންސިސް ކުންފުނިން ހުޅުވި ކޭނަރީ ހުއްޓުނީ 2023 ވަނަ އަހަރު، މިފްކޯއިން މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރުމުންނެވެ. އެހެންވެ އެ ކޭނަރީ ހުއްޓިފައި އޮންނަތާ ދޮޅު އަހަރު ވެއްޖެއެވެ.
ކަން އެހެން އޮއްވައި، އެ ކުންފުނި ގަނެ، މިފްކޯގެ ދަށަށް ގެނައުމުގެ މަޝްވަރާ ފަށާފައިވާކަން މިފްކޯއިން އިއުލާނުކުރީ އިއްޔެއެވެ.
އެކަމަށް ފާޑުވިދާޅުވެ، މިރޭ އޮތް ޕީއެންއެފްގެ ޖަލްސާގައި ޔާމީން ވިދާޅުވީ އެންސިސް ކުންފުންޏަކީ 10 މިލިއަން ޑޮލަރަށްވެސް ޕްރައިވެޓް ސެކްޓަރުން ގަނެ އަތްލަން ބޭނުންނުވި ތަނެއް ކަމަށެވެ. އަދި މިފްކޯއިން އެ ތަން ގަންނަން އުޅޭއިރު، މިފްކޯ ވެސް އުޅެނީ ދެކޮޅު ނުޖެއްސިގެން ކަމަށް ޔާމީން ވިދާޅުވިއެވެ. އެގޮތުން މިފްކޯ އޮތީ ވަރަށް ބޮޑު ދަރަނިވެރިވެފައި ކަމަށް ޔާމީން ވިދާޅުވިއެވެ.
އެންސިސް ކޭނިން ފެކްޓަރީގައި ބަންދުކޮށްފައިވާ ދަޅުތަކެއް--
ޔާމީން ވިދާޅުވީ ސަރުކާރުން މިހާރު އެންސިސް ގަންނަން އުޅެނީ 35 މިލިއަން ޑޮލަރަށް ކަމަށާއި ދެން ވާނެ ގޮތަކީ ބައި އަޅައި، އޭގެ މަންފާ ނެގުން ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެކަމުގެ ފަހަތުގައި ހުންނަވަނީ މިނިސްޓަރު ޒަމީރެވެ.
މިކަމުގައި ހުރީ މޫސާ ޒަމީރު. އެއީ ކުރީގައި އެންސިސްއާ ވަރަށް ގާތް، މިހާރު ވެސް ވަރަށް ގާތް. އަޅުގަނޑުމެންނަށް މިހާރު މި އިވެނީ ވެސް މޫސާ ޒަމީރުގެ ވަރަށް ގާތް މީހުންގެ ތެރެއިން، ފިނޭންސްގެ ވެސް އިސް ބޭފުޅުންގެ ފަރާތުން. މި ޑީލް ނިމުމަށްފަހު މޫސާ ޒަމީރު ފުރައިގެން ދުބާއީއަށް ދިރިއުޅުން ބަދަލުކުރައްވާނެ ކަމަށް ވަނީ. އޭނަ ބޭނުމެއް ނުވޭ އިތުރަކަށް މިތާ ހުންނާކަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ޔާމީން ވިދާޅުވީ ޒަމީރު އަމިއްލައަށް އެ ވާހަކަ ބޭރުގެ ސަފީރުން ފަދަ ބޭފުޅުން ގާތުގައި ދައްކަވާ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު -- ފޮޓޯ/ ރައީސް އޮފީސް
އެ ކުރަނީ ވައްކަން ކަމަށާއި، ޒަމީރުގެ ވިސްނުން ހުރީ އެ 'ޑީލް' ނިންމާލުމަށްފަހު މަގާމުން އިސްތިއުފާދެއްވައި، ދުރަށް ވަޑައިގަންނަވަން ކަމަށް ވެސް ޔާމީން ތުހުމަތުކުރެއްވިއެވެ.
މި ޑީލު ނިންމާލާފައި ޒަމީރުގެ ވިސްނުން ހުރީ އިސްތިއުފާ ދީފައި ދުރަށް ދާން. އޭނަ ހީކުރަނީ ދެން އޭގެ ފަހުން ގާނޫނު އޭނައާ ހަމައަކަށް ނުދާނެއޭ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
އެންސިސް ނެގުމާ ގުޅޭ ގޮތުން މިފްކޯއިން ނެރުނު ބަޔާނުގައި ބުނީ، އެ ކުންފުންޏަށް ދަތިތައް ދިމާވި މައިގަނޑު ސަބަބަކީ މަސް ގަތުމަށް ބޭނުންކުރާ އުޅަނދުފަހަރާއި، އެ ކުންފުނީގެ މެޝިނަރީ ފަދަ މުހިންމު އާލާތްތައް މަރާމާތުކޮށް ބެލެހެއްޓުން ވަރަށް ބޮޑަށް ލަސްވުން ކަމަށެވެ. އެގޮތުން މަސް ގަތުމާއި ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ސަރުކާރުގެ އެހީތެރިކަމާއެކު ބޮޑެތި އިންވެސްޓްމެންޓްތައް ކުރެވެމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެގޮތުން، އެންސިސް ކޭނަރީގެ ޕްރޮސެސިން ކެޕޭސިޓީ ހޯދުމަށް ކުރަން ޖެހޭ ދިރާސާތައް ކުރުމަށް ފަހު އެ ތަން މިފްކޯގެ ބެލުމުގެ ދަށަށް ގެނައުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް، އެ ކުންފުނިން ބުންޏެވެ.
ދުވާލަކު 25 ޓަނުގެ މަސް ބަންދުކުރަމުން އައި އެންސިސްގެ ކޭނަރީ އިމާރާތްކުރީ ޖަރުމަންވިލާތުގެ ޑިވެލޮޕްމަންޓް ބޭންކުން ފަންޑު ހޯދައިގެންނެވެ.
މިހާރު މަސް ޕްރޮސެސް ނުކުރި ނަމަވެސް، އެންސިސް އިން އަދިވެސް މަސް ބޭރުކުރެއެވެ.