ފުލުހުންގެ ޒަމާނީ ޑާޓާ ސެންޓަރުގެ ބިންގާ އަޅައިފި

ފުލުހުންނަށް އިންގިލާބީ ޑާޓާ ސެންޓަރުގެ ބިންގާ އަޅައިފި -- ފޮޓޯ/ ފުލުހުން

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިގު މުސްތަގުބަލަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ، ޒަމާނީ ޑާޓާ ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތުގެ ބިންގާ މިއަދު އަޅައިފިއެވެ.

މި ޑާޓާ ސެންޓަރަކީ ފުލުހުންގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށް، ގާނޫނު ތަންފީޒުކުރުމުގެ ގާބިލުކަން އިތުރުކުރާނެ މުހިންމު މަޝްރޫއެކެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޑާޓާ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ސައިބާ ސެކިއުރިޓީ ހެޑް، ޑރ. މުޙައްމައު އަލް ކުވައިތީއާއި، ދާހިލީ ސަލާމަތާއި ފަންނިންޔަތާ ބެހޭ ވަޒީރު އަލީ އިޙްސާނާއި، ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީނެވެ.

ހުޅުމާލެ ފޭސް 2 ގައި ބޭއްވިރަސްމިއްޔާތު -- ފޮޓޯ/ ފުލުހުން

މި ރަސްމިއްޔާތުގައި ޔޫއޭއީގެ ސައިބާ ސެކިއުރިޓީ ކައުންސިލުގެ ކަމާ ގުޅުންހުރި ބޭފުޅުންނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުން ބައިވެރިވެފައިވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ މި ޕޮލިސް ޑާޓާ ސެންޓަރަކީ ޔޫއޭއީގެ ސައިބާ ސެކިއުރިޓީ ކައުންސިލުގެ އެހީތެރިކަމާ އެކު، އެންމެ ޒަމާނީ ވަސީލަތްތަކާއި ޚިދުމަތްތަކާ އެކު ގާއިމުކުރާނެ ސެންޓަރެއް ކަމަށް ފުލުހުން ހިދުމަތުން މައުލޫމާތު ދީފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް