ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ސްޕެއިންގެ މީހަކާއި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ، ޕެޑްރޯ މިގްއެލް މަންޒާނޯ އެންގޯސްޓޯ ކިޔާ މީހެކެވެ.
އޭނާ ހައްޔަރުކޮށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފައެވެ. އޭނާގެ ބަންދު ރިޕޯޓުން އެނގޭ ގޮތުގައި ސާފުކޮށް އިނގިރޭސި ބަހުން ވާހަކަ ދައްކަން އެނގޭ މި މީހާގެ ބަންދު މަޖިލިސް ކުރިއަށް ގެންގޮސްފައިވަނީ އިނގިރޭސި ބަސް ތަރުޖަމާކޮށްދޭނެ ތަރުޖަމަނާކާއެކުއެވެ. އޭނާއަށް ދައުލަތުން ދިފާއީ ވަކީލެއް ހަމަޖެއްސުމަށްވަނީ އެދިފައެވެ.
މި މައްސަލައިގެ ތަފުސީލެއް މިހާތަނަށް ފުލުހުން ހާމަކޮށްފައި ނުވިނަމަވެސް، މި މީހާ ބަލައި ދިޔަ ދިވެހި މީހާ ވެސްވަނީ މި މައްސަލައިގައި ހައްޔަރުކޮށްފައެވެ. އެއީ، ދެކުނުގެ ރަށަކަށް ނިސްބަތްވާ 46 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހާފައިވެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ހޮލެންޑްގެ ޒުވާން އަންހެނަކު ވެސް މި ހަފުތާގައި ހައްޔަރުކޮށްފައިވެއެވެ. އެއީ އުމުރުން 21 އަހަރުގެ އަންހެނެކެވެ.
އޭނާގެ ބަންދަށް މި ހަފުތާގައި 15 ދުވަސް ޖަހާފައިވާއިރު، އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލަ ކަމަށްވާއިރު، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ގާނޫނުގައި ހިމެނުމުގެ މަސައްކަތްތަކެއް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވައިފައެވެ.