ޖޭލޯ ބުނަނީ ދެން މީހަކާ ނީންނާނެ ކަމަށް

މިއުޒިކް އިންޑަސްޓްރީގައި އެންމެ ފާހަގަކުރެވޭ ތަރީންގެ ތެރޭގައި ހިމެނޭ ޖެނިފާ ލޯޕޭޒް (ޖޭލޯ) ދެން އިތުރު ކައިވެންޏެއް ކުރަން ބޭނުން ނުވާ ކަމަށް ހާމަކޮށްފިއެވެ.

ޖޭލޯގެ ގިނަ ދުވަސްވީ ލޯބިވެރިޔާ، މަޝްހޫރު އެކްޓަރު ބެން އެފްލެކްއާ ކައިވެނިކޮށް އެ ކައިވެނި ރުޅުނު ހިސާބުން އޭނާ މިހާރު އެއްވެސް މީހަކާ ނުގުޅި ހުންނަތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. މި މުއްދަތުގެ ތެރޭގައި އޭނާ ބައެއް ތަރީންނާއެކު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ވާހަކަތަކެއް ދެކެވުނެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް އޭނާ ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

މި ދުވަސްކޮޅު ޖޭލޯ އުޅެނީ އެކަންޏެވެ. އެއާއެކު އާއިލާއާއި އެކުވެރިންނާއެކު އެކި ދަތުރުތައް ކޮށް އާ ދިރިއުޅުމަކާއެކު ކުރިއަށްދާ ކަމަށް ޖޭލޯ ވަނީ ބުނެފައެވެ.

ދާދިފަހުން "އީ އޮންލައިން" އަށް ދިން އިންޓަވިއުއެއްގައި އޭނާގެ ދިރިއުޅުމާ ގުޅޭގޮތުން ސުވާލު ކުރުމުން އޭނާ ކައިވެންޏާއި މުސްތަގުބަލަށް އަލި އަޅުވާލިއެވެ.

ޖޭލޯ ބުނިގޮތުގައި ކުރިއަށް އޮތްތަނުގައި އޭނާ އިތުރު ކައިވެންޏެއް ކުރަން ބޭނުމެއް ނުވެއެވެ. އަދި އިތުރު މީހަކު ހޯދުމަށް މަސައްކަތް ވެސް ނުކުރާ ކަމަށް ޖޭލޯ ބުނެފައިވެއެވެ. އެހެންނަމަވެސް ރަނގަޅު ބައިވެރިއެއް އޭނާގެ ދިރިއުޅުމަށް އަތުވެއްޖެނަމަ އެ މީހަކަށް ފުރުސަތު ދޭނެ ކަމަށް ޖޭލޯ ބުނެއެވެ.

މިއީ ފާއިތުވި 30 އަހަރުގެ ތެރޭގައި ޖޭލޯ އެންމެ ދިގު މުއްދަތަކަށް ''ސިންގަލް''ކޮށް ވެސް ހުރި ފުރަތަމަ ފަހަރެވެ. ޖޭލޯ އެންމެފަހާ ޖެހެންދެން ދެކެމުން އައި ހުވަފެނަކީ އެފްލެކްއާ އެކު އޭނާގެ އުމުރު ހޭދަ ކުރުމަށެވެ. ދެ މީހުން އެންމެ ފުރަތަމަ ދިމާވީ 2000ގެ ކުރީކޮޅުގައެވެ. އެގޮތުން ދެމީހުން 2003 ވަނަ އަހަރުގައި ކައިވެނި ކުރުމަށް އެންގޭޖުވުމަށްފަހު ވަކިވިއެވެ.

ދެން ދެމީހުން ދިމާވީ 2022 ވަނަ އަހަރުގައެވެ. އެއާއެކު ދެމީހުން ކައިވެނިކޮށްފައިވަނީ އެ އަހަރެވެ. ނަމަވެސް ދެމީހުންގެ ދެމެދުގައި މައްސަލަތަކެއް ޖެހި ކައިވެނި ރޫޅުނީ މިދިޔަ އަހަރުގައެވެ. އެއަށްފަހު އެފްލެކް ގާތުން ވަކި ވުމަށް ޖޭލޯ މައްސަލަ ހުށަހެޅިއެވެ. އަދި ވަރީގެ ހުރިހާ ކަމެއް ނިމުނީ މި އަހަރެވެ. އެފްލެކްގެ ކުރީން ޖޭލޯ ވަނީ އިތުރު ތިން ކައިވެންޏެއް ކޮށްފައެވެ.

comment ކޮމެންޓް