ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ޕާސްޕޯޓުގެ ޚިދުމަތް ހުރިހާ އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ބ. އަތޮޅު އިމިގްރޭޝަން އޮފީސް އޭދަފުށީގައި މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މި އޮފީސް ހުޅުވީ ބ. އަތޮޅަށް މިހާރު ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި، ބ. އަތޮޅު އިމިގްރޭޝަން އޮފީހުން ދޫކުރެވުނު ފުރަތަމަ ޕާސްޕޯޓު ދޫކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.
އޭދަފުށީގައި މި ޚިދުމަތް ރަސްމީކޮށް ފަށައިފައިވާއިރު، މިކަމުގެ ސަބަބުން ބ. އަތޮޅުގެ ރައްޔިތުންނަށް ޕާސްޕޯޓު ހެއްދުމަށް މާލެއަށް ދަތުރުކުރުން ދެން ނިމުމަކަށް އަންނާނެއެވެ. އަދި ޚިދުމަތް ހޯދަން ފަސޭހަވެފައި އަވަސް ވާނެއެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ މި ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވީހާ ވެސް އަވަހަކަށް ފުޅާކުރާނެ ކަމަށެވެ.