ސިފްކޯ ފްލެޓެއް ލިބިފައި ވަނިކޮށް ހިޔާ މަޝްރޫއުން ފްލެޓެއް ލިބި، އަދި ގޯއްޗެއް ވެސް ލިބުނު މީހެއްގެ އަތުން ނެގި ސިފްކޯ ފްލެޓް އެ މީހާ އާ ހަވާލުކުރަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދައުވާކުރާ މ. ހިރިނައިދޫ / އަލީ ވަހީދަށް ފްލެޓް ލިބޭކަމަށް ސިފްކޯއިން އެންގީ އޮކްޓޯބަރު 11، 2014 ގައެވެ. އޭގެ ފަހުން ޑައުންޕޭމަންޓްގެ ގޮތުގައި އޭނާ 91،200 ރުފިޔާ ވެސް ދައްކާފައި އޮއްވާ އަދި އޭނާއަށް ލިބޭ ފްލެޓް ވެސް ސެޕްޓެމްބަރު 14، 2023 ގައި ކަނޑައަޅާފައި ވަނިކޮށް، އޭނާގެ އަތުން ފްލެޓް ވަނީ ނަގައިފައެވެ.
އެގޮތުން އަލީ ވަހީދުގެ އަތުން ފްލެޓް ނަގާފައިވަނީ އެހެން ސްކީމެއްގެ ދަށުން ބޯހިޔާވަހިކަން ލިބިފައިވާ ކަމަށް ބުނެއެވެ.
އެހެންވެ، އޭނާގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ، ފްލެޓް ލިބޭނެކަމުގެ ލިޔުން ދޫކުރިއިރު ފްލެޓް ދޫކުރުމުގެ އުސޫލުގައި ނެތް ޝަރުތެއް އޭނާގެ މައްޗަށް ކުރިމަތިކުރުވައި، ފްލެޓް ނުލިބޭނެ ކަމަށް ސިފްކޯއިން ނިންމި ނިންމުމަކީ ގާނޫނާ ޚިލާފު ނިންމުމެއް ކަމާއި އެ ނިންމުން ބާތިލުކަމަށް ކަނޑައަޅައިދިނުމަށެވެ.
ސިފްކޯއިން ބުނީ، އަލީ ވަހީދަށް ފްލެޓް ލިބޭކަން އަންގާފައިވަނީ ޝަރުތު ހަމަވާކަމަށް ބަލައިގެން ކަމަށާއި، ނަމަވެސް އޭނާގެ ނަމުގައި ހިޔާ ފްލެޓަކާއި، އޭނާ އާއި އިތުރު ހަތަރު ފަރާތެއްގެ ނަމުގައި 2،000 އަކަފޫޓުގެ ބަންޑާރަ ގޯއްޗެއް އޮތްކަން އެނގޭތީ އަލީ ވަހީދުގެ ޝަރުތު ފުރިހަމަނުވާ ކަމަށެވެ. އެ ކުންފުނިން ބުނީ، 600 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ފްލެޓެއް ލިބިފައިވާ މީހުންގެ ޝަރުތު ހަމަނުވާ ކަމަށް އޭރު ވެސް ކަނޑައަޅާފައިވާނެ ކަމަށެވެ.
މި މައްސަލައިގައި އަލީ ވަހީދަށް ހިޔާ ފްލެޓުން އެޕާޓްމަންޓެއް ލިބުނީ ސިފްކޯއަށް މައުލޫމާތު ނުދީ އޮތުމުން ކަމަށް ވެސް، ސިފްކޯއިން ބުނެފައިވެއެވެ.
އިއްޔެ މި މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅު ވިދާޅުވީ، މައްސަލައިގައި ކަން ހިނގިގޮތަށް ބަލާލާއިރު ޝަރުތު ހަމަވޭތޯ ބެލޭނެ އެންމެ ފަހުގެ ތާރީޚަކީ ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅައި ފްލެޓްވެރިޔާއަށް އެކަން އަންގާ ތާރީޚު ކަމަށެވެ. އަލީ ވަހީދު ޑައުންޕޭމަންޓް ދައްކާފައިވާކަން ވެސް ފާހަގަކުރައްވައި ގާޒީ ވިދާޅުވީ، ޝަރުތު ހަމަވުމުގެ މަރުހަލާ ނިމި، 2014 ވަނަ އަހަރުން ފެށިގެން އެއްބަސްވުމެއް ވުޖޫދުވެފައިވާ ކަމަށެވެ.
އެހެންވެ ސިފްކޯގެ ނިންމުން ގޯސްކަމަށް ނިންމަވައި، އަލީ ވަހީދާ ފްލެޓް ހަވާލުކުރަން އިއްޔެ ވަނީ ހުކުމްކުރައްވައިފައެވެ.